ޝާކްރުކާއި އަނުޝްކާގެ އާ ފިލްމްގެ ނަމަކީ "ޖަބް ހެރީ މެޓް ސޭޖަލް"
ޝާކްރުކާއި އަނުޝްކާގެ އާ ފިލްމްގެ ނަމަކީ "ޖަބް ހެރީ މެޓް ސޭޖަލް"

ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ އެކުގައި ކުޅުނު ތިން ވަނަ ފިލްމްގެ ނަމާ ބެހޭ ގޮތުން މީގެ ކުރިން ތަފާތު ވާހަކަތައް ދެކެވިއްޖެ އެވެ.

"ލަވް އާޖް" އާއި "ތަމާޝާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އިމްތިއާޒް އަލީ ޑައިރެކްޓް ކުރި މި ފިލްމުގެ މަސައްކަތް ފެށިތާ ކުރީކޮޅު މީޑިއާތަކުން ބުނެފައި ވަނީ ފިލްމްގެ ނަމަކީ "ރިންގް" ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ނިންމައި، ފަސްޓްލުކް ދައްކައިލުމާ އެކު ދެން އިވުނީ ފިލްމްގެ ނަމަކަށް "ރެހުނުމާ" ހަމަޖެހިއްޖެ ވާހަކަ އެވެ.

އެކަމަކު އެއިން އެއްވެސް ނަމަކީ ފިލްމުގެ ނަން ނޫންކަން މިހާރު މިއޮތީ ކަށަވަރުވެފަ އެވެ. ޝާހްރުކްގެ ރެޑް ޗިލީޒުން އުފްދާފައިވާ ފިލްމަށް ދީފައިވާ ނަމަކީ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.

އެ ނަމާ އެކު ފިލްމުގެ ރަސްމީ ޕޯސްޓަރުތައް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"ޖަބް ހެރީ މެޓް ސޭޖަލް" ގެ ނަމާ އެކު، ފިލްމުގެ ނަން މިހާރު އޮތީ ބަހުސަކަށް ވެސް ގޮސްފަ އެވެ. އެއް ބަޔަކު ބުނަނީ ފިލްމުގެ ނަން އޮތީ ހޮލީވުޑްގެ މަޝްހޫރު ފިލްމް ވެން ހެރީ މެޓް ސެލީ (1989) ކޮޕީކޮށްލއިފައި ކަމަށެވެ. އެހެންވެ އަނެއްކާ މިއީ އެ ފިލްމުގެ އިންސްޕަޔާވެގެް ހަދާފައި އޮތް ފިލްމެއްތޯ ސުވާލު ކުރާ މީހުން ވެސް ގިނަ އެވެ.

އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ "ޖަބް ހެރީ މެޓް ސޭޖަލް" ގެ ނަން އެންމެ ބޮޑަށް ވައްތަރީ އިމްތިއާޒްގެ އެންމެ ކާމިޔާބު އެ އެއް ފިލްމް ކަމަށްވާ ޖަބް ވީ މެޓް (2007) އާ ކަމަށެވެ.

އެއީ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމެކެވެ. އަދި އެކަމަށް ބާރުދޭ މީިހުން ބުނަނީ، އިމްތިއާޒަކީ ބޭރުގެ ފިލްމްތަކުގެ ވާހަކަ އިރާލައިގެން ފިލްމް ހަދާ މީހެއް ނޫން ކަމަށާއި އޭނާއަކީ ވަރަށް ތަފާތު އަމިއްލަ ވާހަކަތަކެއް ކިޔައިދޭ ޑައިރެކްޓަރެއް ކަމަށެވެ.

"ޖަބް ހެރީ މެޓް ސޭޖަލް" ސިނަމާތަކަށް އަންނަނީ އަންނަ އޮގަސްޓް މަހުގެ 4 ގަ އެވެ. އަދި ފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ދައްކާލަން ވަނީ ނިންމައިފަ އެވެ.

މި ފިލްމަކީ 2012 ވަނަ އަހަރު ޔާޝް ޗޯޕްޅާ ގެނެސް ދިން "ޖަބް ތަކް ހެ ޖާން" އަށް ފަހު އަނުޝްކާ އާއި ޝާހްރުކް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ދެހާސް އަށް ވަނަ އަހަރު ޝާހްރުކާ އެކު "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނިކުތް އަނުޝްކާ މިހާރު ވެސް އަންނަނީ ޝާހްރުކާ އެކު ފިލްމެއް ކުޅެމުންނެވެ. އެއީ ޝާހްރުކް ޑްވާފެއްގެ ރޯލް ކުޅޭ އާނަންދް އެލް ރާއީގެ އާ ފިލްމެވެ. އެ ފިލްމުން ކެޓްރީނާ ކެއިފް ވެސް ފެންނާނެ އެވެ.