ކުރު ވާހަކަ: ނޭނގުމަށްވުރެ...
ކުރު ވާހަކަ: ނޭނގުމަށްވުރެ...

މޫދު ފެނުމުން އަހަރެންގެ ހިޔާލަށް އަންނަނީ މޫދަށް ވެއްޓި ގެނބޭ ތަނެވެ. އަހަންނަށް ފަތާކަށް ނޭނގެއެވެ. ކަނޑު ދަތުރުކުރާ އުޅަނދަކަށް އަރައިފިނަމަ ކަނޑަށް ވެއްޓިގެން ދެން ވާނެ ގޮތް ހިތަށް ސިފަވެއެވެ. މަތިންދާބޯޓުގައި އިންނައިރު ހީވަނީ ބޯޓު ވެއްޓިދާނެ ހެންނެވެ. ބެލްކަނިން ތިރި ބަލަން ހުންނައިރު ފެންނަނީ ތިރީގައި ލޭ ކޯރު ދެމިފައި އޮއްވައެވެ. ކާރަކަށް އަރައިފިނަމަ ކޮންމެވެސް އެކްސިޑެންޓެއްވެގެން ކާރު ހުއްޓިފައި އޮއްވައި ފެނެއެވެ. އެކަމަކު އަހަރެން ބިރެއް ނުގަނެއެވެ.

އަހަރެންގެ އާއިލާ މީހުންނަކީ ކަންކަމާ އަވަހަށް ހާސްވާ ބައެކެވެ. ކިރިޔާ ކަމެއް ވިއަސް އެމީހުން ތެޅިފޮޅެއެވެ. އަހަރެން ތެޅިފޮޅޭކަށް ބޭނުމެއް ނުވެއެވެ. ކުދި ކުދި ކަންކަން ބޮޑުކޮށްގެން ހިތަށް އެލިބޭ ނުތަނަވަސްކަން އަހަންނަށް މާ ބޮޑެވެ. އެނުތަނަވަސް ހިތް ހަމައަކަށް އަޅުވަން ކުރަން ޖެހޭ މަސައްކަތް ބޮޑެވެ. އެހެންވެ އަހަރެން އަބަދުވެސް ވިސްނަނީ ކަމެއް އޮންނާނެ އެންމެ ރަނގަޅު ގޮތަށެވެ. ބޮލުގައި ރިއްސަން ފެށުމުން އެހެން މީހުން ކަނީ ބޭހެވެ. އަހަރެން ކުރާ ކަމަކީ ނިދިގަނޑެއް އަޅައިލުމެވެ. ހޭލާއިރު ރިހުން ހުންނަނީ ކެނޑިފައެވެ. މުހިންމު އެއްޗެއް ގެއްލޭއިރަށް އެހެން މީހުން ވިސްނަނީ ވަގަކު ގެންދިޔައީ ކަމަށެވެ. ވަގުތުން ޕޮލިހަށް ގުޅަން އުޅެއެވެ. އަހަރެން ހަމަޖެހިލައިގެން ހުރެ ތަންތަން ހޯދަނީއެވެ. ތެޅިފޮޅެންޏާ އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ. ވިސްނަން ޖެހޭނީ ހަމަޖެހިފައިވާ ސިކުނޑި އަކުންނެވެ.

ބައެއްފަހަރު އަހަރެންގެ އަމަލުތައް ހުންނަ ގޮތާއި އަހަރެންގެ ސިކުނޑީގައި ހުންނަ ބައެއް ހިޔާލުތައް ވަރަށް ތަފާތެވެ. އެކަން އެނގެނީ އަހަރެންނަށް އެކަންޏެވެ. ނޫސްތައް ކިޔައި ފޭސްބުކަށް ވަދެ އުޅޭއިރު، ބޮޑެތި ބަލިތައް ޖެހިފައިވާ ކުދިން އާންމުކޮށް ފެނެއެވެ. ދުވަހަކަށްވުރެ ދުވަހެއް އެފަދަ ކުދިންނާއި މީހުން ގިނަ ވަމުން ދެއެވެ. އަހަރެން އެފަދަ ލިއުންތައް ކިޔަމެވެ. އެމީހުންނަށް ޖެހިފައިވާ ހާލުގެ މައްޗަށް ހަމްދަރްދީވެ ކަރުނަ އަޅަމެވެ. އެމީހުންނާއި ޚިލާފަށް އަހަރެންނަށް ލިބިފައިވަނީ ދުޅަހެޔޮ ސިއްހަތެކެވެ.

އުމުރުން ވިހި އަހަރު ވެފައިވާއިރު އަރިދަފުސް ރޯގާ ނޫން އެހެން ބައްޔެއް ޖެހިފައި ވަނީ ދެފަހަރެއްގެ މަތީންނެވެ. މިވީހާތަނަށް ދުވަހަކުވެސް ބަލިވެގެން އެނދުމަތި ކޮށްފައެއް ނުވެއެވެ. އަހަރެން އަބަދުވެސް ހިތަށް އަރަނީ ސިއްހަތު ރަނގަޅުކޮށް މިހާ ދުވަހު ހުރެފައި ބަލިވާނީ ފަހުން ބޮޑު ބައްޔަކުން ކަމުގައެވެ.

ރޯދަމަހެއް ނިމުނުއިރު އަހަރެންގެ ކަރުތެރެ ހުރީ ސަކަރާތްވެފައެވެ. މުޅި ދުވަހު ނުކައި ހުރެފައި ރޯދަ ވީއްލާ ގޮތަށް ފިނި އެއްޗެހި ބޮމެވެ. އޭގެ އިރުކޮޅެއް ފަހުން ކަރުތެރެއަށް ތަދުވާތީ ހިންދިރުވަން ވެސް އުދަނގޫވެއެވެ. އެކަމަކު ނުކައި އިރުކޮޅަކު ހުރެލާއިރަށް ރަނގަޅު ވެދާނެއެވެ. އަހަރެން ކަންބޮޑު ވީ ރޯދަ ނިމި ދެ ހަފްތާ ވީއިރުވެސް އެކަން ހައްލު ނުވީމައެވެ. ފަހަކަށް އައިސް ހިންދިރުވާލުމުން ކަނާތް ފަރާތުގައި ފާރުކޮޅެއް ހުނަންހެން ހީވެއެވެ. ތަދުވަނީ އެތަންކޮޅަށް އެކަންޏެވެ. އަހަރެންގެ އަވަށްޓެރިއަކު އެގޮތަށް ކަރުގައި ފަސޭހަ ނުވާ ފާރުކޮޅެއް ހުރެގެން ދެއްކުމުން އެނގުނީ ކެންސަރު ޖެހިފައި ހުރި ކަމެވެ. މާގިނަ ދުވަހު އޭނަ ދުނިޔެއަކު ނޯވެއެވެ.

ގޫގަލްއަށް ވަދެގެން އަހަރެން ފުރަތަމަވެސް ހޯދީ ކެންސަރުގެ އަލާމާތް ތަކެވެ. ކާއެއްޗެހި ދިރުވަން އުދަނގޫ ވުމާއި ކަރުތެރޭ ފަސޭހަ ނުވާ ފާރުކޮޅެއް ހުރުމަކީ ދެ އަލާމާތެވެ. އޭގެ އިތުރުން ކަރުތެރެ ދުޅަވުމެވެ. ކާއެއްޗެހި ދިރުވާއިރު އަޅައިގަންނަ ގޮތެއް ހުންނަކަން ފާހަގަ ވާން ފެށީ އޭގެ ފަހުންނެވެ. ދިރުވަން ޖެހެނީ ފެނާ ލައިގެންނެވެ. މީގެ ކުރިން އަހަރެންނަކީ ފެނާއި ނުލައި ކައި ނިންމާ މީހަކީމެވެ. އެކަމަކު މިހާރު ތަފާތެވެ. ބަތްތައްޓެއް ކައި ނިމޭއިރު މަދުވެގެން ދެ ތަށި ފެން ހުސްވެއެވެ.

ޑޮކްޓަރަށް ދައްކަން ދާން ކިތަންމެ ފަހަރަކު ހިތަށް ވިސްނައިދިނީމެވެ. އެކަމަކު ކުރިއަށް އެއް ފިޔަވަޅު އަޅާފައި ދެ ފިޔަވަޅު އެޅެނީ ފަހަތަށެވެ. އެނގުމަށްވުރެ ނޭނގުން ރަނގަޅު ކަމުގައި އަހަރެން ހުރީ ޤަބޫލު ކޮށްގެންނެވެ. ޑޮކްޓަރަށް ދައްކާ ތަނުން ޓެސްޓް ހަދަން ބުނާނެއެވެ. އޭގެ ނަތީޖާ ބަލައިގަންނާނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ހަޤީޤަތް އެނގުމުން އަހަރެންގެ ހިތްވަރު އެލޭނެއެވެ. ބިރުގަންނާނެއެވެ. ހިތްދަތިވެ ރޮވޭނެއެވެ. އެކަމަކު ޔަޤީން ނުވާހާ ހިނދު އަހަރެން ހުންނާނީ ހަމަޖެހިފައެވެ. ހިތުގައި އަދި ޝައްކެއް ހިނގިއަސް އެޝައްކު ފިލައިފާނެއެވެ. ބަލި ހުރިކަން ޔަޤީން ކުރަން ވެއްޖެއްޔާ ދެން ޖެހޭނީ ބައްޔަށް ފަރުވާ ހޯދާށެވެ. އެފަރުވާގައި އުފުލަން ޖެހޭނެ ވޭނާއި ހިތްދަތި ކަމަކީ އަހަރެންނަށް ކެތްވާނެ ކަންކަމެއް ނޫނެވެ. އޭގެ ބަދަލުގައި ނޭނގި ހުއްޓާ ފަހު ފިޔަވައްސާއި ޖެހުމުން ދެން ގިނަ ދުވަހެއް ނުވާނެ ކަންނޭނގެއޭ ހިތަށް އަރައެވެ.

ޑޮކްޓަރަށް ނުދައްކާ ހުރި މުއްދަތުގައި އަހަރެން އަމިއްލައަށް ސުޕާރީ ކެއުން ހުއްޓައިލީމެވެ. ފިނި އެއްޗެހި ހަރާން ކުރީމެވެ. އެކުވެރިއެއްގެ ލަފާގެ މަތިން ފޮނި އެއްޗެހި ހަނދާން ނައްތައިލީމެވެ. އެބަދަލު ތަކާއިއެކު ފަސޭހަ ވެއްޖެއެވެ. ދެން އަނެއްކާވެސް މަޑުމަޑުން ކުރީގެ އާދަތަކަށް އަނބުރާ ދެވުނީއެވެ. މައްސަލަ ފެންމަތިވީ އަނެއްކާވެސް އެހިސާބުންނެވެ.

ބިރު ގަންނަވަރުން ނުނިދާ އޮންނަން ޖެހުނު ރޭތައް ގިނަވިއެވެ. އަހަރެން ހުއްޓާ ކެންސަރުގެ ވާހަކަ މީހަކު ދައްކާ ކޮންމެ ފަހަރަކު ފިނިވެއެވެ. އަހަރެންނަކީވެސް ކެންސަރު ޖެހިފައިވާ މީހެއްކަން އެމީހުންނަށް އެނގުމުން ކަންތައް ވެގެން ދާނެ ގޮތަކާއިމެދު ހިޔާލު ކުރެވެއެވެ.

ކެތްނުވާ ހިސާބަށް ދިއުމުން އެހެން ގޮތެއް ނެތިގެން ޑޮކްޓަރަށް ކައިރިއަށް ހިނގައްޖައީމެވެ. އަހަރެން ދިޔައީ ގޭ މީހަކަށްވެސް ނޭނގި އެކަންޏެވެ. ވާ ގޮތް ކިޔައި ދިނުމުން ޑޮކްޓަރު ލިޔެދިނީ ބޭހެވެ. ބުނީ ހަފްތާއެއް ވަންދެން އެންޓިބައޮޓިކް ބޭނުންކޮށްފައި އަލުން ދައްކަން އައުމަށެވެ. އަހަރެންނަށް ޑޮކްޓަރ ވިސްނި ގޮތް ކަމަކު ނުދިޔައެވެ. ހިތް އޮތީ ޝަކުވާއިން ފުރިފައެވެ. ހުރިހާ ތަފްޞީލެއް ދިނީމައިވެސް ބޭސްގުޅައަކުން ނިންމާލަނީ ހެއްޔެވެ؟ އެކަމަކު އެވާހަކަ ބުނާކަށް ނުކެރުނެވެ.

ގެއަށް އައިސް ތިން ދުވަހު ބޭސް ކެއިތަނާ އެނގިއްޖެއެވެ. އެ ތިން ދުވަހުވެސް ދެއިރުގެ ބޭސް ނުކައި ދޫކޮށްލެވުނެވެ. ގަވާއިދުން ބޭސް ކެއުމަކީ އަހަރެންނަށް އެންމެ އުދަނގޫ ކަންތަކެވެ. ފުރަތަމަ ދެދުވަހު ވަރަށް ފަރުވާ ވެގެން ކެއީމެވެ. ފަރުވާ ކުޑަ ކޮށްލެވުނީ ތިންވަނަ ދުވަހު ރަނގަޅުވެއެވެ. އޭގެ ފަހުން ކަރުތެރެ ރަނގަޅުވެ އެއްކޮށް ކެއުން ހުއްޓައިލީމެވެ. ފަހުން ދައްކާކަށްވެސް ނުދަމެވެ. ޑޮކްޓަރު ބުނިހެން އާދައިގެ ޖަރާސީމަކާ ހެދި އަހަރެން ކަންބޮޑު ކޮށްލީއެވެ. އެކަން އެނގުނީ މާފަހުންނެވެ. ނަސީބު ރަނގަޅު ކަމުން މިފަހަރު ބައްޔެއް ނުޖެހި ސަލާމަތް ވީއެވެ. އެއާއި ޚިލާފަށް އަހަރެން ހުރީ ބައްޔެއްގެ ޝިކާރައަކަށް ވެފައި ކަމުގައި ވީ ނަމަ ނުދައްކާ އެ ބޭކާރުކޮށްލެވުނީ އެތައް ދުވަހެކެވެ. އަމިއްލަ އިހުމާލުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިއްޖައީހެވެ. އެހާދިސާއިން އަހަރެންނަށް ވިސްނުނެވެ. ނޭނގުމަށްވުރެ އެނގުން ހާސްބައި ރަނގަޅެވެ. --ނިމުނީ---