22 ޖޫން 2016 - 10:49

ވޮޝިންޓަން (ޖޫން 22) - އަންނަ ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފައިސާ ހޯދުމުގައި ރިޕަބްލިކަން ޕާޓީގެ ބިލިއަނަރު ޑޮނަލްޑް ޓްރަމްޕަށް ވުރެ ކުރީގައި ހިލަރީ ކްލިންޓަން އުޅުއްވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ހިލަރީ ކްލިންޓަނުގެ ކެމްޕޭން ޖޫން މަހު ފެއްޓެވީ 42 މިލިއަން ޑޮލަރާ އެކު އެވެ. އެކަމަކު ޓްރަމްޕުގެ ކެމްޕޭނަށް ޚަރަދު ކުރަން ހުރީ 1.3 މިލިއަން ޑޮލަރެވެ. އެކަމަކު ޓްރަމްޕް ވިދާޅުވެފައި ވަނީ ކެމްޕޭނަށް ފައިސާ ހޯދަން އޭނާ ފަންޑު ހޯދަން އެހެން މީހުން ކައިރި އަށް ނުދާނެ ކަމަށާއި ހުރިހާ ޚަރަދެއް ކުރާނީ އަމިއްލަ ޖީބުން ކަމަށެވެ. ރިޕަބްލިކަން ޕާޓީގެ ނޮމިނޭޝަން ކާމިޔާބު ކުރެއްވުމަށް ފަހު ޓްރަމްޕް ވެސް ވަނީ ފައިސާ ހޯދުމުގެ މަސައްކަތްތައް ފުޅާކުރައްވައިފަ އެވެ. ޓްރަމްޕުގެ ޓީމުން ބުނެފައި ވަނީ ފައިސާގެ މައްސަލައެއް ދިމާނުވާނާ ކަމަށާއި ފައިސާ ހުންނަނީ އަބަދު ލިބިލިބި ކަމަށެވެ.
އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި ރިޕަބްލިކަން ނޭޝަނަލް ކޮމިޓީގައި ޖޫން މަސް ފެށުނު އިރު ހުރީ 20 މިލިއަން ޑޮލަރެވެ. އެކަމަކު މީގެ ހަތަރު އަހަރު ކުރިން މިޓް ރޮމްނީ ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި އިރު ނޭޝަނަލް ކޮމިޓީގެ އެކައުންޓުގައި 60 މިލިއަން ޑޮލަރު ހުއްޓެވެ.
ހެޔޮ އެދޭ ފަރާތްތަކުން ޓްރަމްޕުގެ ކެމްޕޭނަށް ޖޫން މަހު ހަދިޔާކޮށްފައި ވަނީ ތިން މިލިއަން ޑޮލަރެވެ.
އެހެން ކަމުން ޕާޓީތަކުގެ ކޮންވެންޝަނަށް ފަހު ރަސްމީކޮށް ކެމްޕޭން ފަށާއިރު އިތުރު ސްޓާފުންނާއި ޓްރަމްޕާ ދެކޮޅަށް އިޝްތިހާރަށް ޚަރަދު ކުރުމަށް ހިލަރީ އަށް ވަނީ އެޑްވާންޓޭޖް ލިބިވަޑައިގެންފަ އެވެ. ނޮވެމްބަރު 8 ވަނަ ދުވަހު އިންތިޚާބު ބާއްވާ އިރު ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ވަނީ ހޯމަ ދުވަހު ވަކިކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޓްރަމްޕް މި ބަދަލު ގެނައީ ކެމްޕޭން ވަރުގަދަ ކުރުމަށް ތަޖްރިބާރު އެހެން ބަޔަކު ގެނައުމަށް ކަމަށެވެ.