09 ޖޫން 2017 - 23:29

މާފުށީ ޖަލުގައި 11 މަހެއްހާ ދުވަސް ހޭދަކުރައްވާފައި މިނިވަން ވި ނަމަވެސް މިނިވަންކަމުގެ އިހުސާސެއް ނުކުރެއްވޭ ކަމަށާއި ވަޑައިގެންނެވުނީ "މާފުށީ ޖަލަށް ވުރެ ވެސް ބޮޑު ޖަލަކަށް" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު މިރޭ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި 10 މަހާއި 24 ދުވަހުގެ ހުކުމެއް ތަންފީޒު ކުރެއްވުމަށް ފަހު، މިއަދު މިނިވަންވުމާ ގުޅިގެން އޭނާގެ ޝަރަފުގައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މަހްލޫފު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ ޖަލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ރައީސް ނަޝީދާއި ރައީސް މައުމޫނާއި ކެރަފާ ނަސީމާއި ހާމިދު އަބްދުލް ޣަފޫރާއި އަލީ ވަހީދާއި އަމީން އިބްރާހީމާއި މިހެން ގޮސް ކިތައް ދިވެހި ރައްޔިތުން، ލޫކަސް ޖަލީލާއި ޝުމްބާ އާއި މިކަހަލަ ކިތަންމެ ރައްޔިތަކު މިއަދު މި ގައުމަށް އެނބުރި ނާދެވިފައި، ހައްޔަރުގައި ތިބީ ޖަލަށް ލާނެ ކަމަށްޓަކައި. ގާސިމް އިބްރާހީމާއި ފާރިސް މައުމޫނާއި ޝިދާތާ ޝަރީފާއި އަމީން ފައިސަލާއި އަބްދުﷲ ރިޔާޒް މި ގައުމު ދޫކޮށް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ނުދެވިފައި އެ ތިބީ ޕާސްޕާޓް ހިފަހައްޓާފައި އޮތީމާ. އެބޭފުޅުންގެ އާއިލީ ބޭފުޅުން އަބަދަށްޓަކައި އަޅުގަނޑުމެންނާ ވަކިވެއްޖެ،" ތަފާތު އެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅާފައިވާ ސިޔާސީ އިސްބޭފުޅުންނާ ގުޅޭ ގޮތުން މަހްލޫފް ވިދާޅުވި އެވެ.

"މިއީ ޖަލެއް. ދިވެހި ރާއްޖެ އަކީ މިއަދު ޖަލެއް،"

ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި މަހްލޫފް ވިދާޅުވީ މާފުށީ ޖަލުގައި ތިބި ގައިދީންނާ އަޅާކިޔާލާއިރު، ރާއްޖެއަކީ ޖަލެއް ކަމަށެވެ.
"ހަމައެކަނި ތަފާތަކީ އަޅުގަނޑުމެންނަށް އާއިލާތައް ކައިރީގައި ތިބެވޭކަން. ގައިދީންނަށް އެބައި މީހުންގެ އާއިލާއާ ދުރުގައި ތިބެންޖެހޭކަން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން މިނިވަންވަންދެން ހުއްޓާނުލައްވައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ ވަޑައިނުގެންނެވި މަޖުބޫރީ ހާލަތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ރާއްޖެ ވަޑައިގެންނެވެންދެން މަސައްކަތް ކުރައްވާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
"ޑރ. އަފްރާޝީމާއި ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް، އެއީ އަލުން އަނބުރާ ޖަލަށް ދާން ޖެހުނު ކަމުގައި ވިޔަސް ސާބިތުވެ ދެމިހުންނާނަން. މި އަނިޔާވެރި، ކޮރަޕްޓް، ނުބައި ނުލަފާ ސަރުކާރު ބަދަލުކުރަން، ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނަން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ ކަމެއް އިދިކޮޅު ފަރާތްތަކުން ކުރާނީ ގާނޫނީ އިމުގެ ތެރެއިންނެވެ.
މަހްލޫފު ފާހަގަކުރެއްވި ގޮތުގައި ޖަލުގައި އޭނާ ހޭދަކުރެއްވި 11 މަހަކީ ވަރަށް އުނދަގޫ، ވަރަށް ދަތި ދުވަސްތަކެކެވެ. އަނބިދަރިން، ޚާއްސަކޮށް ތުއްތު ދަރިފުޅާ ދުރުގައި ދުވަސްތަކެއް ހޭދަކުރެއްވުން ވަރަށް ދަތި ކަމަކަށް ވި ކަމަށް މަހްލޫފު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދަރިފުޅާ ބައްދަލުވެ، ފޯނު ކޯލް ލިބޭ ކޮންމެ ފަހަރަކު އޭނާގެ ގާތަށް އަޅުގަނޑު ގެންދިއުމަށް އެ ކުރި އާދޭސް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ،" މަހްލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ 11 މަހުގެ ތެރޭގައި ވަރަށް ގިނަ ފިލާވަޅުތަކެއް، އިބުރަތްތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ. ކަންކަމާ މެދު ފުންކޮށް ވިސްނަވައި ކަންކަމާ މެދު ރަނގަޅަށް ލޯ ހުޅުވި، ހެވާއި ރަނގަޅު ވަޒަން ކުރަން ވެސް ދަސްވި ކަމަށް މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި ފަހުން، ތަފާތު ސަަބަބުތަކާ ގުޅިގެން ޖަލަށް ލާފައިވާ ސިޔާސީ މީހުންގެ ކިބައިން މާފށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ މީހުންގެ ދިފާއުގައި އެ ދުވަހު މަސައްކަތް ނުކުރެއްވުމެވެ.
މަހްލޫފު ވިދާޅުވީ އޭނާ އަކީ ވެސް ގައުމު އިސްލާހު ކުރުމާއި މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމަށް އެމްޑީޕީން ގޮވަމުން ދިޔަ ގޮވާލުންތަކަށް ބީރު ކަންފަތެއް ދިން އެކަކު ކަމަށެވެ.
"މިއަދު ވަގުތު އައިސް ޖެހުނުއިރު، އެއްކަލަ ނުބައި ނުލަފާ މީހުން އަޅުގަނޑުގެ ގައިގައި ހިފައި އަޅުގަނޑަށް އަނިޔާ ދީފި،" ސަރުކާރަށް އިޝާރާތް ކުރައްވަމުން މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ފާހަގަކުރެއްވި ގޮތުގައި އެ ދުވަހު އޭނާ ގެންދެވީ ފަނޑިޔާރުގެ ވެސް ދިފާއު ކުރައްވަމުންނެވެ. އެކަމަކު ކަންކަން ތަޖުރިބާ ކުރެއްވުނީމާ މިއަދު ލަދުގަނެ ދެރަވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު މިއަދު އުފާކުރަނީ ފަހުން ނަމަވެސް އައިސް މި ހަރަކާތާ ގުޅި، ރައްޔިތުންގެ ފަޅީގައި ހުރެގެން، އަނިޔާތަކައް ތަހައްމަލު ކުރަން ޖެހުނު ކަމުގައި ވިޔަސް މިއަދު މި މަސައްކަތުގައި އިސްދައުރެއް އަދާކުރުމުގެ ފުރުސަތު އޮތީމާ. އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި ދެމިހުންނާނަން،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފުގެ ވާހަކައިގައި ވަނީ އޭނާ ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޚާއްސަ ޝުކުރެއް އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އަށް މަހްލޫފު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކަށް ބޮޑެތި ކާމިޔާބީތަކެއްް ލިބިފައިވާ ކަމެވެ. އަދި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަހްލޫފު ފާހަގަކުރެއްވީ މިދިޔަ މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން ބަލިކޮށް އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބެވެ.
ޖަލު ހުކުމް ރޭ ދަންވަރު 12:00 އާ ހަމައަށް ތަންފީޒުކޮށް ނިމުމާ ގުޅިގެން އޭނާ މާފުށީ ޖަލުން ދޫކުރީ މިއަދު ހެނދުނު އެވެ.
މަހްލޫފު ޖަލުން މިނިވަންވުމުގެ އުފަލުގައި އެމްޑީޕީގެ ހަރުގޭގައި މިރޭ ޖަލްސާ ކުރިއަށް ގެންދިޔަ ވަގުތު، ފުލުހުން ވަނީ ހަރުގެ ކުރިމައްޗަށް އެއްވެފައި ތިބި މީހުން ރޫޅާލުމަށްޓަކައި ދޭތެރެދޭތެރެއިން ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އެކަމަކު އެ ސަރަހައްދުން މީހުން ދުރަކަށް ނުދެ އެވެ.