އާޖެންޓީނާ ހައްގު މަގާމަށް ގެންގޮސްދޭނަން: ސަމްޕައޮލީ
އާޖެންޓީނާ ހައްގު މަގާމަށް ގެންގޮސްދޭނަން: ސަމްޕައޮލީ

މެލްބަން، އޮސްޓްރޭލިއާ (ޖޫން 10) - އާޖެންޓީނާ މިހާރު އޮތް ހިސާބުން، އެ ޓީމު ހައްގު މަގާމަށް ގެންގޮސްދޭނެ ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

ސަމްޕައޮލީގެ ކޯޗުކަމުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ވަނީ އޮސްޓްރޭލިއާގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ވާދަވެރި ބްރެޒިލް އަތުން 1-0 އިން މޮޅުވެފަ އެވެ. މި މެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ފަހަތަށް ކުޅޭ ގަބްރިއެލް މެކާޑޯ އެވެ.

ސްޕެއިނުގެ ސެވިއްޔާ އިން ވަކިވެ އާޖެންޓީނާއާ ހަވާލުވި ސަމްޕައޮލީ ބުނީ އެންމެ ފުރިހަމައަށް ތައްޔާރު ނުވެވުނަސް، ވަރުގަދަ ޓީމަކާ ދެކޮޅަށް ނަތީޖާ ނެރެވުމުން މި ޓީމުގެ ފެންވަރު އެނގިއްޖެ ކަމަށެވެ.

"ތެދަށް ބުނާނަމަ އަހަރެމެން މި މެޗަށް އެންމެ ރަނގަޅަށް ތައްޔާރެއް ނުވަން. އެކަމަކު އިދިކޮޅަށް ނުކުތް ވަރުގަދަ ޓީމަކާ ދެކޮޅަށް މި މެޗުގައި ވެސް ނަތީޖާ ނެރެވިއްޖެ. މި ހާލަތުގައި ވެސް ޓީމުގެ ފެންވަރު އެނގުމަކީ ލިބުނު ހިތްހަމަ ޖެހުމެއް،" ޗިލީ އަށް ކުރިން ކޮޕަ އެމެރިކާ ކާމިޔާބު ކޮށްދިން ސަމްޕައޮލީ ބުންޏެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އާޖެންޓީނާ އަށް އޮތީ ހަނިވެފަ އެވެ. މާޗު މަހު ކޮލިފައިންގައި ބޮލިވިއާ އަތުންވި ބައްޔާ އެކު ދެކުނު އެމެރިކާ ކޮލިފައިން ތާވަލުގެ ފަސް ވަނަ އަށް އާޖެންޓީނާ ވަނީ ވެއްޓިފަ އެވެ. ދެކުނު އެމެރިކާ ފަޅިން ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

"އަހަރެން ހަވާލުވިއިރު ވެސް އެންމެ ފުރަތަމަ ވެސް އަމާޒަކީ އާޖެންޓީނާ އަކީ ކުރިން އޮތް ފަދަ ވަރުގަދަ ޓީމަކަށް ހެދުމަށް. އާޖެންޓީނާގެ އަސްލު ފެންވަރަށް ގެންގޮސްދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ސަމްޕައޮލީ ބުންޏެވެ.

އޭނާ ވަނީ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ތައުރީފް ކޮށްފަ އެވެ.

"މި ޓީމާ ހަވާލުވިއިރު އަހަންނަށް ލިބުނު އަނެއް ހިތްހަމަ ޖެހުމަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ މެެސީ މި ޓީމުގައި ހުރުން. މެސީ ރިޓަޔާކުރުމާ ހަމައަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ އޭނާ. އަހަރެންނަށް ލިބޭ ފަހުރެއް އެފަދަ ކުޅުންތެރިއަކަށް ކޯޗުކޮށްދިނުމަކީ،" ސަމްޕައޮލީ ބުންޏެވެ.

ކޮލިފައިންގައި އާޖެންޓީނާ ދެން ކުޅޭ މެޗުގައި ނުކުންނާނީ އަންނަ އޮގަސްޓް މަހު 31 ވަނަ ދުވަހު ރަށުންބޭރުގައި އުރުގުއޭއާ ދެކޮޅަށެވެ.