ނޫސްވެެރިޔާ ރިފާއު ފުލުސް އޮފީހަށް  ހާޒިރުވާން އަންގައިފި
ނޫސްވެެރިޔާ ރިފާއު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ވީމީޑިއާގެ ދަށުން ހިންގާ ވީއޮންލައިންގެ ސީނިއާ އެޑިޓަރު އަހުމަދު ރިފާއު މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރު ވާން އަންގައިފި އެވެ.

ރިފާއު ބުނިގޮތުގައި ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް ފުރަތަމަ އެންގީ މިރޭ 8:30 އަށެވެ. އެކަމަކު ކުއްލި ގޮތަކަށް އެންގުމުން މިރޭ ހާޒިރުވެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް ރިފާއު ބުންޏެވެ.

"އެހެންވެ މާދަމާ ރޭ 8:30 އަށް ހާޒިރުވާން މިހާރު އަންގާފައި ވަނީ،" އޭނާ ބުންޏެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރަމުން އަންނަ ރިފާއު ބުނީ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ އިއްޔެ ހައްޔަރުކުރި، އާދަމް އާޒިމް އާ ގުޅޭގޮތުން ލިޔުނު ލިޔުމަކާ ގުޅިގެން ކަމަށް ފުލުހުން ބުނާ ކަމަށެވެ.

"އާޒިމް އިއްޔެ ހައްޔަރު ކުރުމާ ގުޅިގެން ވީ ނިއުސްގައި ހައެއްކަ ހަބަރު ގެނެސް ދީފައި ވާނެ. އެކަމަކު ފުލުހަށް ހާޒިރު ކުރަނީ އެއިން ކޮން ލިޔުމަކުން ގުޅިގެން ކަމެއް ނޭނގޭ، ރިފާއު ބުންޏެވެ.

އާޒިމަކީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އެވެ. ފުލުހުން އާޒިމް އިއްޔެ ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ރިފާއު ބުނީ ނޫސްވެރިއަކާ ގުޅޭ މައްސަލަ އެމްއެމްސީ އަށް ހުށަނާޅައި، ފުލުސް އޮފީހަށް ހާޒިރު ކުރާތީ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުގެ މައްސަލައެއް މީޑިއާ ކައުންސިލަށް ވެސް ހުހެޅިފައި އޮތް ކަމެއް އެނގިފައެއް ނެތް. ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާތައް ކުރާތީ ވަރަށް ކަންބޮޑުވޭ،" އޭނާ ބުންޏެވެ.