09 ޖޫން 2017 - 14:55

ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންސަށް ގަވާއިދުން މިހާރު ކުޅެމުން އަންނަ އެންމެ ޒުވާން ކުޅުންތެރިއަކީ އަމްދާން އަލީ (އެންޑީ) އެވެ. ދެން ތިބީ ތަޖުރިބާކާރު ކުޅުންތެރިންނެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަމުން އަންނަ ޒުވާން ދެ ޑިފެންޑަރުން ކަމަށްވާ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފަކީ މުސްތަގުބަލުގައި ގައުމީ ޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ދެ ކުޅުންތެރިން ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ވަނީ ބުނެފަ އެވެ.

"މާޒިޔާ ކުޅުނު މެޗުތަކުން ސަމުއްޓެ ވަރަށް މޮޅު ކުޅުމެއް ދައްކައިފި. މިިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން މިއަހަރުގެ މިހާ ހިސާބަށް ސާއިފް ވެސް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށް ރަނގަޅު ކުޅުމެއް ދައްކަމުން. މި ދެ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިން. މިއީ ގައުމީ ޓީމުގައި މުސްތަގުބަލު އޮތް ކުޅުންތެރިން،" ސްޓެވާޓް ބުންޏެވެ.
އުމުރުން 23 އަހަރުގެ ސާއިފަކީ ކްލަބް ވެލެންސިއާގެ ޒުވާން ޓީމުން ފެނުނު ކުޅުންތެރިއެކެވެ. އިސްމާއިލް އާސިފް (ކުޑަ ހީނާ)ގެ ކޯޗުކަމުގައި ސީނިއާ ފުޓްބޯޅަ އަށް އައި ސާއިފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މާޒިޔާ، ނިއު ރޭޑިއަންޓް އަދި ވިކްޓަރީ އަށް ކުޅެފަ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ ގްރީން ސްޓްރީޓްސް އަށް ބަދަލުވީ މި ސީޒަނުގަ އެވެ.
މި ސީޒަނުގައި ގްރީން ސްޓްރީޓްސް އިން ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކުގައި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންގެ ހިއްސާ ބޮޑެވެ. ގްރީން ސްޓްރީޓްސް އިން މި ސީޒަނުގައި ކުޅުނު ގިނަ މެޗުތަކުގައި ސާއިފް ވަނީ ކުޅެފަ އެވެ. ގައުމީ ޓީމު އެންމެ ފަހުން ނެގި ދެ ސްކޮޑުން ވެސް ސާއިފް ވަނީ ޖާގަ ހޯދައިފަ އެވެ. އަދި ކުޅުމުގެ ފުރުސަތު ލިބިފައިނުވީ ނަމަވެސް މުސްތަގުބަލުގައި އޭނާ ޓީމުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ގައުމީ ކޯޗު ސްޓެވާޓް ވަނީ ބުނެފަ އެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބް 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމުން ފެނުނު ސަމުއްޓެ އަކީ ފާއިތުވި ތިން އަހަރަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޒުވާން ކުޅުންތެރިއާ އެވެ. ސަމުއްޓެ މިހާރުގެ ކްލަބް މާޒިޔާ އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ.
އަލީ ސުޒޭން މާޒިޔާގެ ކޯޗަކަށް ހުރިއިރު މިދިޔަ ސީޒަނުގައި ސަމުއްޓެ ވަނީ ގިނަ މެޗުތަކެއް ކުޅެ ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދައިފަ އެވެ. މި އަހަރު މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ މާޒިޔާއާ ހަވާލުވުމަށް ފަހު ވެސް ޓީމުން ފުރުސަތު ނުގެއްލޭ މަދު ކުޅުންތެރިންގެ ތެރޭގައި ސަމުއްޓެ ހިމެނެ އެވެ. އޭއެފްސީ ކަޕާއި އެސްޓީއޯ މާލޭ ލީގުގައި މިހާތަނަށް މާޒިޔާގެ ގިނަ މެޗުތަކުން އުމުރުން 20 އަހަރުގެ ސަމުއްޓެ ވަނީ ފެނިފަ އެވެ.
ސަމުއްޓެ ވަނީ މިިދިޔަ އަހަރު ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ގަތަރާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެ މެޗުގައި ރާއްޖެ ބަލިވި ނަމަވެސް ތަޖުރިބާ މަދު ސަމުއްޓެ ފަރާތުން އުއްމީދީ ކުޅުމެއް ވަނީ ފެނިފަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންނާއި ގައުމީ ޓީމުގެ މުހިއްމު މެޗުތަކެއް މި އަހަރު ކުރިއަށް އޮތްއިރު ސަމުއްޓެ ޓީމުގެ ފުރަތަމަ އެގާރައިން ފެނުމުގެ ފުރުސަތު އެބައޮތެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.