09 ޖޫން 2017 - 14:09

ބާސެލޯނާ (ޖޫން 9) – ކޮންޓްރެކްޓް އާކުރަން ލިއޮނަލް މެސީއާ އެކު ބާސެލޯނާ އިން އެންމެ ފަހުން އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ދެ ފަރާތުން އެއްބަސްވީ މުސާރައިގެ ގޮތުގައި މެސީ އަށް އަހަރަކު 30 މިލިއަން ޔޫރޯ ލިބޭ ގޮތަށް 2021 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް އާކުރާށެވެ. އަދި އޭނާގެ ކޮންޓްރެކްޓް އުވާލެވޭނީ 400 މިލިއަން ޔޫރޯ ދައްކައިގެން ކަމަށް ހިމަނަން ވެސް އެއްބަސްވެފައިވާ ކަމަށްވެ އެވެ.
ދުނިޔޭގެ އެންމެ މުސާރަ ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކާލޯސް ޓެވޭޒަށް ޗައިނާގެ ޝަންހާއީ ޝެންހުއާ އިން ދެނީ އަހަރަކު 36 މިލިއަން ޔޫރޯ އެވެ. މެސީ އަށް މިހާރު ލިބެނީ 21 މިލިއަން ޔޫރޯ އެވެ.
އާ ކޮންޓްރެކްޓް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން މެސީ ސޮއިކުރާނެ ކަމަށް ބެލެވޭއިރު އޭނާ ވެސް ވަނީ ކްލަބުގައި ކެރިއަރު ނިންމާލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"އެއީ އަހަރެން އަބަދުވެސް ދުށް ހުވަފެނަކީ. އަދި އެއީ އަހަރެން އަބަދުވެސް ބޭނުންވި ގޮތަކީ،" މެސީ ބުންޏެވެ.
އަންނަ ސީޒަނަށް ފަހު މެސީގެ ކޮންޓްރެކްޓް ހަމަވާއިރު އާ ކޮންޓްރެކްޓަކާ ބެހޭގޮތުން ދެ ފަރާތުން ވާހަކަދައްކަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. މެސީ ބާސެލޯނާ ދޫކޮށްލަފާނެ ކަމަށް އެންމެ ބޮޑަށް އަޑުއަރައިގެން ދިޔައީ ކްލަބުގެ އާ ކޮންޓްރެކްޓަށް އޭނާ ދެކޮޅު ހެދުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި މެސީ ބޭނުންވަނީ ފަސް އަހަރަށް އެއްބަސްވުން އާ ކުރާއިރު، އެ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ފަހު ދެން އޮތް ދެ އަހަރު ތެރޭ ޔޫރަޕުން ބޭރު ކްލަބަކަށް އޭނާ ބަދަލުވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޭނާ އަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށެވެ. މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާގެ ކުރީގެ ކްލަބް ނެވެލް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުން ކަމަށް ބުނެފަ އެވެ.
ކޮންޓްރެކްޓް އާނުކޮށްފި ނަމަ އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވުމުން ބާސެލޯނާ އިން އެންމެ ފަހުން އެއްބަސްވުމަކަށް އައީ ކަމަށް ބެލެވެ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި ފްރާންސުގެ ޕީއެސްޖީ ފަދަ ކްލަބްތަކުން ޝައުގުވެރިވި އެވެ.
ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީންވި މެސީ ވަނީ އެ ކްލަބާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ސްޕެނިޝް ކަޕް ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދައިފަ އެވެ.