އީޔޫ އިން އިނގިރޭސި ވިލާތް ވަކިވެއްޖެ ނަމަ ޕައުންޑުގެ އަގު ވެއްޓޭނެ: ސޯރޮސް
އީޔޫ އިން އިނގިރޭސި ވިލާތް ވަކިވެއްޖެ ނަމަ ޕައުންޑުގެ އަގު ވެއްޓޭނެ: ސޯރޮސް

ވޮޝިންޓަން (ޖޫން 21) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކިވެއްޖެ ނަމަ ޕައުންޑުގެ އަގު ހީނުކުރާ ވަރަށް ދަށަށް ދާނެ ކަމަށް އެމެރިކާގެ ބިލިއަނަރު އިންވެސްޓާ ޖޯޖް ސޯރޮސް ވިދާޅުވެއްޖެ އެވެ.

ގާޑިއަންގައި ސޯރޮސް ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހުގެ ވޯޓުގައި "ލީވް" ކޭމްޕް ކާމިޔާބުކޮށްފި ނަމަ ޕައުންޑުގެ އަގު 15 ނުވަތަ 20 ޕަސެންޓް ދަށަށް ދާނެ ކަމަށެވެ. އިނގިރޭސި ވިލާތުގެ ބައެއް ވިޔަފާރިވެރިން ވެސް ލަފާކޮށްފައިވާ ގޮތުގައި އީޔޫ އިން ވަކިވެއްޖެ ނަމަ ކާބޯތަކެއްޗާއި އަންނައުނުގެ އަގުތައް ވެސް މައްޗަށް ދާނެ އެވެ.

ސޯރޮސްގެ މި ޚިޔާލާ ގުޅިގެން ލީވް ކޭމްޕުގެ ޗީފް އެގްޒެކެޓިވް މެތިއު އެލިއޮޓް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އީޔޫގައި އޮތުމަކީ ޚަރަދު ބޮޑު ކަމެެއް ކަމަށާއި ސޯރޮސްގެ ބޭނުމަކީ އީޔޫ އަށް އިތުރު ބާރުތައް ދިނުން ކަމަށެވެ.

އީޔޫ އިން ވަކިވުމަށް ތާއިދު ކުރާ ލީވް ކޭމްޕުން ބުނެފައި ވަނީ އީޔޫ އިން ބޭރުން އިނގިރޭސިވިލާތަށް ލިބޭނެ ފައިދާތައް މާގިނަވާނެ ކަމަށެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ތާއިދު ކުރައްވާ ޖަސްޓިސް މިނިސްޓަރު މައިކަލް ގޯވް ވިދާޅުވީ ސޯރޮސް ފަދަ އިގްތިސާދީ ތަޖްރިބާކާރުންނަށް މީގެ ކުރިން ވެސް ކަންކަން ގޯސްކޮށް ލަފާ ކުރެއްވިފައިވާ ކަމަށެވެ.