ފިޔަވަޅު އެޅިޔަސް އަމާން ނުދޭނެ ކަމަށް ގަތަރުން އަންގައިފި
ފިޔަވަޅު އެޅިޔަސް އަމާން ނުދޭނެ ކަމަށް ގަތަރުން އަންގައިފި

ދޯހާ (ޖޫން 9) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާ ބިރު ދެއްކި ނަމަވެސް ޚާރިޖީ ސިޔާސަތު ބަދަލުކޮށް އަމާން ނުދޭނެ ކަމަށް ގަތަރުން ބުނެފި އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވީ މިހާރު އުފެދިފައިވާ މައްސަލަ އަށް އަސްކަރީ ހައްލެއް ނެތް ކަމަށާއި އޮތްހާ ވެސް ހައްލަކީ ސިޔާސީ ގޮތުން މަޝްރަހު ފިނިކުރުން ކަމަށެވެ.

ޓެރަރިޒަމަށާއި ހަރުކަށި ކަމަށް ގަތަރުން ހިތްވަރުދޭ ކަމަށް ބުނާ ބުނުން އެ ގައުމުން ދޮގު ކުރެ އެވެ.

ދޯހާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރު އެކަހެރި ކުރުމުގެ ބޭނުމަކީ ކާމިޔާބު ކަމާ އެކު އެ ގައުމުން ކުރިއެރުންތައް ހޯދާތީ އެކަމާ ހަސަދަވެގެން ކަމަށެވެ.

"ގަތަރަކީ ސުލްހައިގެ ޕްލެޓްފޯމެއް. މިއީ ޓެރަރިޒަމްގެ ގައުމެއް ނޫން. މި ހިތްހަމަ ނުޖެހުންގަނޑުގައި ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދާނީ. އެކަމަކު އަޅުގަނޑުމެން އަމާނެއް ނުދޭނަން. އަމާން ދޭން ތައްޔާރެއްް ވެސް ނޫން. ގަތަރުގެ ޚާރިޖީ ސިޔާސަތުގެ މިނިވަންކަން އެހެން ބަޔަކަށް ގުރުބާނެއް ނުކުރެވޭނެ،" ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.

އަނެއްކޮޅުން އަލް ޖަޒީރާ ނެޓްވޯކުން ވަނީ އެ ޗެނަލް އަށް ކެނޑިނޭޅި ސައިބާ ހަމަލާތައް ދެމުންދާ ކަމަށް ބުނެފަ އެވެ. އަދި ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ހަމަލާ ދޭ ކަމަށް ވެސް އަލް ޖަޒީރާ އިން ޓްވީޓްކޮށްފައިވެ އެވެ.

ގަތަރުގެ ރަސްމީ ޓީވީ ސްޓޭޝަނުން ވެސް ވަނީ ކެނޑިނޭޅި ސައިބާ ހަމަލާތައް އަމާޒުވަމުންދާތީ ވެބްސައިޓް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ބުނެފަ އެވެ.