09 ޖޫން 2017 - 01:19

ހުޅުމާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެ، އެކަކު ސީރިއަސް ހާލަތަކަށް ހިނގައްޖެ އެވެ.
ހުޅުމާލޭ އެމްޕީއެލް ހުންނަ މަގުގައި މިރޭ 12:30 ހާއިރު ހިނގި މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ ސައިކަލްގެ ފަހަތުގައި އިން އަންހެންމީހާ އަށެވެ. އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފޭބި އެވެ.
އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވެ، އިތުރު ފަރުވާ އަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
"އަންހެންމީހާ ހުޅުމާލޭ ހޮސްޕިޓަލުން މާލެ ފޮނުވާލިއިރު އޭނާގެ ހާލު ސީރިއަސްކަމުން ހުރީ މެޝިންތައް ވެސް ގުޅާފައި. ވާހަކަ ދެއްކޭހެން ވެސް ހިއެއް ނުވޭ،" ހުޅުމާލޭ ހޮސްޕިޓަލްގައި ހުރި މީހަކު ބުންޏެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި އެމްޕީއެލްގެ ވެހިކަލެއްގައި އަންހެންމީހާ ހުޅުމާލޭގެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް ގިނަ އަދަދަކަށް ލޭ ފޭބި އެވެ. އަދި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ވެސް ބައިވަރު ލޭ ހުއްޓެވެ.
މި އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިން ފިރިހެންމީހާ އަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް އޭނާގެ ފައި ވަރަށް ބޮޑަށް މަށައިގެން ދިޔަ އެވެ.
އެކްސިޑެންޓު ހިނގަން ދިމާވީ، އެ މަގުގައި އަޅާފައި ހުރި ބަމްޕަރެއްގެ މަތިން ދިޔަ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ކަމަަށް މަންޒަރު ދުށް މީހާ ބުންޏެވެ.
"ގާތްގަނޑަކަށް 30 ފޫޓަށް ސައިކަލް ކަހާލައިގެން ދިޔަ،" އޭނާ ބުންޏެވެ.
މި އެކްސިޑެންޓް ހިނގަން ދިމާވި ބަމްޕަރަކީ އެ މަގުގެ ކޮންސްޓްރަކްޝަން ސައިޓަކުން މޫދަށް ފެން ފޮނުވުމަށްޓަކައި މަގު ހުރަސްކޮށް އަޅާފައި ހުރި ހޮޅިތައް ފޮރުވުމަށް، އުސްކޮށް ހަދާފައިވާ ބަމްޕަރެއް ކަމަށްވެ އެވެ.