09 ޖޫން 2017 - 08:31

އިނގިރޭސިވިލާގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަން ކޮންސަޓަކަށް އަންނަ ނޮވެމްބަރު އިންޑިއާ އަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ކުރިން ވެސް އިންޑިއާގައި ކޮންސަޓެއް ބާއްވާފައިވާ 26 އަހަރުގެ ލަވަ ކިޔުންތެރިޔާގެ "އެޑް ޝީރަން ލައިވް އިން މުމްބާއީ" ކޮންސަޓް އޮންނާނީ ނޮވެމްބަރު މަހުގެ 19 ގަ އެވެ.
މުމްބާއީގެ ޖިއޯ ގާޑަންގައި ބާއްވާ ކޮންސަޓްގެ ޓިކެޓް އަންގާރަ ދުވަހުން ފެށިގެން ބުކްމައިޝޯ އިން މިހާރު ވަނީ ބުކްކޮށް ދޭން ފަށައިފަ އެވެ. އޮންލައިންކޮށް ޓިކެޓް ބުކްކޮށް ދިނުން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.
ޓިކެޓްގެ އަގުތައް ފެށެނީ 4،450 ރުޕީސްއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝިރަންގެ މުމްބާއީގައި ދޭ ކޮސްޓަކީ މާޗްގައި ނެރުނު އޭނާގެ ތިން ވަނަ އަލްބަމް "ޑިވައިޑް" ގެ ޕްރޮމޯޓް ކުރުމަށްޓަކައި އޭޝިއާގެ ގައުމުތައް ބާއްވާ ޓުއާގެ ތެރެއިން ކުރިއަށް ގެންދާ ކޮންސަޓެކެވެ.
ބާވީސް ލަވަ ހިމެނޭ "ޑިވައިޑް" ގެ ލަވަތަކުގެ ތެރެއިން "ޝޭޕް އޮފް ޔޫ" އާއި "ކާސްލް އޮން ދަ ހިލް" އަކީ މިހާރު ވެސް އާންމުންގެ މެދުގައި ވަރަށް މަގުބޫލު އަދި ޗާޓްތަކުގެ ކުރީގައި އުޅޭ ލަވަތަކެވެ.
އެޑް ޝީރަން މުމްބާއީގެ ކޮންސަޓަކަށް މި އަންނަނީ ދާދި ފަހުން ޖަސްޓިން ބީބާ ވެސް އެ ސިޓީގައި ކޮންސަޓެއް ބާއްވާފައި ވަނިކޮށެވެ. އެކަމަކު ބޮޑު އަގުގައި ޓިކެޓް ނަގައިގެން ކޮންސަޓަށް ވަން ގިނަ މީހުން ނިކުތީ މާޔޫސްވެގެންނެވެ.
ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ބީބާގެ ކޮންސަޓްގައި ބެލުންތެރިންނަށް އޭނާ ބޮޑަށް ހެދީ މަކެރެވެ. އެގޮތުން ގިނަ ލަވަތައް އޭނާ ޕަފޯމް ކުރީ ލަވަ ޖަހައިގެން ތުންތަޅުވައިގެން ކަމަށް ބުނެފައިވެ އެވެ.