ބޭސްފަރުވާ އިން އަދީބު މަހްރޫމްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލަނީ
ބޭސްފަރުވާ އިން އަދީބު މަހްރޫމްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ވެސް އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ އަދީބުގެ ސިއްހީ މައްސަލަތަކާ ގުޅޭގޮތުން އާއިލާ އިން ހުށަހަޅާފައިވާ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެހެންވެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.

އެކަމަކު އެމަނިކުފާނު ބޭސްފަރުވާ އަށް ވަޑައިގަތުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ނުދިނެވެ.

ބޭސްފަރުވާ އަށް އަދީބު ފުރާވަޑައިގަތުމުގެ ހުއްދައަކަށް އާއިލާއިން އެދިފައި އޮތަސް، އަދީބަކީ މިހާރު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ. އަދީބު އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. އެކަމަކު ފުލުހުން ބުނެފައި ވަނީ އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ލުޔެއް ހޯދަން ހުށަހަޅަން ޖެހޭނީ ކަރެކްޝަނަލް ސާވިސް އަށް ކަމަށެވެ.

ސިއްހީ ހާލުކޮޅާ ގުޅޭގޮތުން އަދީބު އިއްޔެ ވަނީ ރައްޔިތުންނަށް ސިޓީއެއް ވެސް އާއްމުކުރައްވައިފަ އެވެ. ބޭސްފަރުވާ އިން މަހްރޫމްކޮށްފައިވާ ކަން ފާހަގަކުރައްވައި އެ ސިޓީގައި އަދީބު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ކޮށްފައިވާ ކަމަށް ތުހުމަތުކުރާ އެއްވެސް ކުށެއްގެ އަދަބަކީ ޖަލުގައި އެކަނި އޮވެ މަރުވުން ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.