09 ޖޫން 2017 - 08:28

ޓްރެސް ޖޯންސަން އަކީ ކްރޭނިއޯފޭޝަލް ޑުޕްލިކޭޝަން މައްސަލަ ހުރި ކުއްޖެކެވެ. މާނައަކީ މި ކުއްޖާގެ އެންމެ މޫނެއްގެ ބަދަލުގައި ދެ މޫނު ވެއެވެ. މި ކުއްޖާ އުފަން ވުމާއެކު އޭނާގެ މައިންބަފައިން ކަމަށްވާ ބްރެންޑީ އާއި ޖޯޝުއާ ކައިރީގައި ޑޮކްޓަރުން ބުނީ މާ ގިނަ ދުވަހު ކުއްޖާ ދުނިޔޭގައި ނޯންނާނެ ކަމަށެވެ.
އެމެރިކާގެ މިސޫރީގައި ދިރިއުޅޭ މި ކުއްޖާ އުފަންވީއިރު އޭނާގެ މޫނުގައި ބާގަނޑެއް ހުއްޓެވެ. އަދި ދެފަޅި އަށް މޫނު ހުރިއިރު ކޮންމެ ފަޅިއެއްގައި ނޭފަތެއް އިނެވެ. އަދި ބޯ ވެސް އޮތީ އަސްލު އޮންނަ ގޮތަކަށް ވައްކޮށެއް ނޫނެވެ. ސިކުނޑި ވެސް ރަނގަޅަށް ތަރައްގީވެފައި ނުވުމުގެ ސަބަބުން އިރުއިރުކޮޅާ ފިޓް ޖެހެ އެވެ.

މުޅި ދުނިޔޭގައި ވެސް ތިބީ މި ބަލި ހުރި އެންމެ 36 މީހުންނެވެ. މިއީ ސޮނިކް ދަ ހެޖްހޮގް (އެސްއެޗްއެޗް) ކިޔާ ޖީން އެއްގެ ސަބަބުން ބޮލުގެ ނާށިގަނޑު އުފެދުމަށް އަންނަ ބަދަލަކުން ދިމާވާ ހާލަތެކެވެ.
ޓްރެސް ވަނީ ޑޮކްޓަރުން ވެސް ހައިރާން ކޮށްލާފަ އެވެ. ސަބަބަކީ އޭނާ ދުނިޔޭގައި ހުރެދާނެ ކަމަށް ޑޮކްޓަރުން އެއްގޮތަކަށް ވެސް ހީނުކުރާތީ އެވެ. އަދި ޓީންއޭޖް އުމުރަށް އަޅަންދެން ދުނިޔޭގައި ނުހުންނާނެކަމަށް ހަތަރު އަހަރު ކުރިން ޑޮކްޓަރުން ބުނި ބުނުން ވެސް ހަގީގަތެއް ނޫންކަން އޭނާ ދައްކާފައިވާތީ އެވެ.

ބޮލުގެ ބައްޓަން ރަނގަޅުކުރުމަށާއި ދެބައި ވެފައި އިންތަން ބެއްދުމަށް އަދި ފިޓް ޖެހޭ މައްސަލަ ހައްލުކުރަން މިހާތަނަށް ވަރަށް ގިނަ ސާޖަރީތައް ޓްރެސް ހަދާފައި ވެއެވެ. މިހާރު ދެމުންދާ ޚާއްސަ ފަރުވާއެއްގެ ސަބަބުން ދުވާލަކު 400 ފަހަރަށް ފިޓް ޖެހޭ ކުއްޖާގެ ފިޓް ޖެހުން 40 ފަހަރަށް ބަދަލު ކުރެވިފައިވާ ކަމަށް ޓްރެސް ގެ މައިންބަފައިން ބުނެފައި ވެއެވެ.
ޓްރެސް ގެ އަސްލު ބަލި ދެނެގަނެވުމުގެ ކުރިން 14 ފަހަރު ވަނީ ގޯސްކޮށް ބަލި ދެނެގަނެފަ އެވެ. ކްރޭނިއޯފޭޝަލް ޑުޕްލިކޭޝަން ނުވަތަ ޑިއެޕްރޮސްއޯޕަސް (ގްރީކް ބަހުން ދެ މޫނު) ހުރިކަން ދެނެގަނެވުނީ އޭގެ ފަހުންނެވެ.
ބްރެންޑީ، 35، ބުނީ ޓްރެސް އަކީ ވަރަށް ލޯބި ކުއްޖެއް ކަމަށެވެ. އޭނާގެ އެއް ފަރާތް ވައްތަރީ އެމީހުންގެ ބޮޑު ދަރިފުޅާ ކަމަށާއި އަނެއް ފަރާތް ވައްތަރީ މެދަށް ހުންނަ ދަރިފުޅާ ކަމަށް ބްރެންޑީ ބުންޏެވެ. ވިހައިގެން ކޮޓަރިއަށް ގެނައުމަށްފަހު ދަރިފުޅު ގޮވައިގެން ޑޮކްޓަރުން އައުމުން އޭނާއަށް ވެސް ފުރަތަމަ ފެނިފައި ލިބުނީ ޝޮކެއް ކަމަށް ބްރެންޑީ ބުންޏެވެ. އަދި އޭނާގެ ފިރިމީހާ ދަރިފުޅު ސަލާމަތް ކުރުމަށް އެ ވަރަށް ނުހިފިނަމަ މަރުވާން ދޫކޮށްލާފައި ޑޮކްޓަރުން އަޅާނުލީސް ކަމަށް ވެސް ބްރެންޑީ ބުންޏެވެ.
ކޮންމެ ގޮތަކަށް އޮތަސް ދަރިފުޅު ދިރިއޮތްކަން އެނގުމުން އޭނާއަށް ދެވެން އޮތް ފަރުވާއެއް ދީގެން ގެންގުޅެން ނިންމި ކަމަށާއި އެގޮތުން ވަރަށް ގިނަ ސާޖަރީތައް މިހާތަނަށް ހަދާފައިވާ ކަމަށް ވެސް ބްރެންޑީ ބުންޏެވެ. އަދި މީގެ ހަތަރު އަހަރު ކުރިން ވެސް ޑޮކްޓަރުން އުންމީދު ކަނޑާލި ކަމަށާއި އަމިއްލައަށް މައުލޫމާތު ހޯދައިގެން ދަރިފުޅަށް ފަރުވާ ދެމުން ގެންދިއުމުން މިހާތަނަށް ވެސް އޭނާ ރަނގަޅު ސިއްހަތެއްގައި ގެންގުޅެވުނީ ކަމަށް ޓްރެސް ގެ މަންމަ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޓްރެސްގެ ސިކުނޑި ވެސް ތަރައްގީވެ ރަނގަޅުވަމުން އޭނާ އަކީ ސްމާޓް ކުއްޖަކަށް ވަމުންދާ ކަމަށެވެ.
ދަރިފުޅުގެ މުސްތަގްބަލާ މެދު އެއްޗެއް ބުނާކަށް ބްރެންޑީ އަކަށް ވެސް ނޭނގެ އެވެ. ނަމަވެސް މިހާ ދުވަހުވެސް ދުނިޔޭގައި ހުރީތީ އަދިވެސް ހުންނާނެކަމަށް އޭނާ އުންމީދު ކުރެ އެވެ. އަދި ޓްރެސްގެ 13 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ލިބުނީތީ އެ އާއިލާ ގެ މީހުން ތިބީ ވަރަށް އުފަލުންނެވެ.
ޓްރެސް ގެ މަންމަ ބުނި ގޮތުގައި އޭނާ ދުނިޔޭގައި ނުހުންނާނެކަމަށް މީހުން ބުނި އަދަދެއްވެސް އޭނާ މިހާރު ހަނދާނެއް ނެތެވެ. ނަމަވެސް އެ އެންމެންގެ ވާހަކައިގައި ހަގީގަތެއް ނެތްކަން ޓްރެސް ވަނީ ހާމަކޮށްދީފަ އެވެ. ބްރެންޑީ ބޭނުންވަނީ ދުނިޔޭގައި ހުރިހާ ދުވަހަކު ދަރިފުޅަށް ކޮށްދެވުނު ޚިދުމަތެއް ކޮށްދިނުމެވެ.