09 ޖޫން 2017 - 08:29

މަޝްހޫރު ބަތޮލާ ދީޕިކާ ޕަދުކޯން އަށް ކުޅަދާނަ ޕްރޮޑިއުސަރު/ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖް ތައުރީފު އޮއްސާލައިފި އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދީޕިކާ އަކީ މޮޅު އެކްޓަރަކާއި ސުޕަސްޓާރެއްގެ ކޮލިޓީ ހުރި މަދު ބަތަލާއިންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ.
ދީޕިކާ އާއި އޭނާއާއެކު "ޕީކޫ"ގައި ބައިވެރިވި އިރްފާން ޚާން ބައިވެރިކޮށްގެން ފިލްމެއް ޕްރޮޑިއުސްކުރަން ބަރްދްވާޖް އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ހަނީ ޓްރެހާން އެވެ.
މިއީ ޓްރެހާން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވެފައި އާދަޔާޚިލާފު މޮޅު ދެ އެކްޓަރުން އޭނާގެ ފިލްމުގައި މަސައްކަތްކުރަން ލިބުމަކީ އޭނާގެ ނަސީބު ގަދަކަމުން ދިމާވި ގޮތެއް ކަމަށް ބަރްދްވާޖް ގަބޫލު ކުރެ އެވެ. އަދި އެ ފިލްމު ޕްރޮޑިއުސް ކުރެވޭތޯ އޭނާ ވަރަށް އުފަލުން ހުރި ކަމަށް ބަރްދްވާޖް ބުންޏެވެ.
މި ފިލްމުގައި ދީޕިކާ ކުޅެނީ މާފިއާ ކުއީން ރަހީމާ ޚާން ގެ ރޯލެވެ. މިއީ ސަޕްނާ ދީދީ ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. އިރްފާން ވެސް ކުޅެނީ ގޭންގްސްޓާރެއްގެ ބައެވެ. މި ދެ މީހުންނަކީ ދެ ލޯބިވެރިންނެވެ. އަދި ދެ މީހުން އެކުވެގެން ބޮމްބޭގެ މަޝްހޫރު ގޭންގްސްޓާ ދާއޫދު އިބްރާހިމް މަރާލަން ރާވައި އެ މިޝަން އާއިގެން ކުރިޔަށް ދާގޮތް މި ފިލްމުގައި ދައްކުވައިދޭނެ ކަމަށް ވިޝާލް ބުންޏެވެ.
މި ރޯލު ދީޕިކާ އަށް ފުރިހަމައަށް އަދާކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބަރްދްވާޖް ބުނީ ދީޕިކާ އަކީ އެންމެ ހުނަރުވެރި ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ބަތަލާއެއް ކަމަށެވެ. އަދި ސްޓާރަކާއި އެކްޓަރެއްގެ ގުޅިފައިވާ ކޮލިޓީތައް ދީޕިކާގެ އެބަހުރި ކަމަށެވެ.
މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.