08 ޖޫން 2017 - 14:15

ކޮލަމްބޯ (ޖޫން 8) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން އަދި ގަސްދު ނުކުރާ ކަމަށާއި އެކަމަކު އެ މައްސަލަ ހައްލު ކުރުމުގައި އެހެން ގައުމުތާ އެކު މަޝްވަރާ ކުރާނެ ކަމަށް ސްރީ ލަންކާ އިން ބުނެފި އެވެ.
ކެބިނެޓުގެ މީޑިއާ ތަރުޖަމާން ޑަޔަސިރީ ޖަޔަސޭކަރާ ވިދާޅުވީ ގަތަރުގެ ހާލަތު ލަންކާ އިން މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި މި މައްސަލައާ ގުޅޭ ގޮތުން ޚާރިޖީ ވަޒީރު ރަވީ ކަރުނަނަޔަކަ އެހެން ގައުމުތަކުގެ މަންދޫބުންނާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ލަންކާގެ 150،000 މީހުން ގަތަރުގައި މަސައްކަތް ކުރެ އެވެ. ކެބިނެޓުގެ ތަރުޖަމާން ވިދާޅުވީ ފޮރިން އެމްޕްލޮއިމަންޓް މިނިސްޓަރު ގެންދަވަނީ ގަތަރުގައި ލަންކާ މީހުންނަށް ދިމާވާ މައްސަލަތައް ބައްލަވަމުން ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެބިނެޓުގެ މީޑިއާ ތަރުޖަމާން ޑަޔަސިރީ ޖަޔަސޭކަރާ ވިދާޅުވީ ގަތަރު މައްސަލާގައި ލަންކާ އިން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.