22 ޖޫން 2016 - 07:49

ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ ފަހު ދުވަސްތަކުގެ މައްޗަށް ބިނާކޮށް ޓީވީ ސީރީޒެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

މި ޕްރޮޖެކްޓްގެ މުގުލުގައި ހުރީ ޖޭޖޭ އަބްރަމްސް އެެވެ.
އޭނާގެ ބޭޑް ރޮބަޓް ޕްރޮޑަކްޝަނާއި ވާނާ ބްރަދާސް ގުޅިގެން ގެނެސްދޭ މި ސީރީޒަކީ ޖެކްސަންގެ ހަޔާތުގެ ފަހު ދުވަސްތަކަށް ބިނާކޮށް ޓާވިސް ސްމައިލީ ލިއުނު ފޮތް "ބިފޯ ޔޫ ޖަޖް މީ: ދަ ޓްރިއަމްފް އެންޑް ޓްރެޖެޑީ އޮފް މައިކަލް ޖެކްސަންސް ލާސްޓް ޑޭސް" އަށް ހަދާ ސީރީޒެކެވެ. މި ފޮތް ބާޒާރަށް ނެރެފައި ވަނީ އިއްޔެ އެވެ.
ޖޭޖޭ އާއި ސްމައިލީގެ މި ޕްރޮޖެކްޓް އިއުލާން ކުރުމާ އެކު ޖެކްސަންގެ ފޭނުންނަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފަ އެވެ. އައިޑޮލްއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޖެކްސަންގެ ކުއްލި މަރާ ގުޅިގެން، ފޭނުންނަށް ލިބުނު ހިތްދަތި ކަމަށް، އަލަަށް ގެނެސްދޭ ސީރީޒުން އުފާވެރި ކަމެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޖޭޖޭ ބުންޏެވެ.
އެހެންވެ މިއީ ޖެކްސަންގެ ފޭނުން ކޮޅުނެތް ކޮޅަށް ޖޭޖޭ އަށް ޝުކުރު އަދާ ކުރާނެ ކަމެކެވެ. އެކަމަކު މި ސީރީޒް ދައްކާނީ ކޮން ޗެނަލުން ކަމެއް އަދި ނުނިންމަ އެވެ.
ޖޭޖޭއަކީ މިފަދަ މަސައްކަތްތަކަށް އާ މީހެއް ވެސް ނޫނެވެ. ޖޭޖޭ އާއި ސްމައިލީ ވަނީ މީގެ ކުރިން ވެސް މިފަދަ އެހެން ޕްރޮޖެކްޓެއް އިއުލާންކޮށްފަ އެވެ.
އެއީ ސްމައިލީ 2014 ގައި ނެރުނު ފޮތް "ޑެތު އޮފް އަ ކިންގް: ދަ ރިއަލް ސްޓޯރީ އޮފް ޑރ. މާޓިން ލޫތާ ކިންގް ޖޫނިއާސް ފައިނަލް އިޔާ" އަށް ބިނާކޮށް ހަދަން ނިންމި ސީރީޒެވެ. އެކަމަކު މީގެ މަސައްކަތް އަދި އޮތީ ނިންމައި ނުލެވި އެވެ.
ޖެކްސަން 2009 ވަނަ އަހަރު މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން "ދިސް އިޒް އިޓް" ގެ ނަމުގައި ކޮންސެޓަކަށް ނިކުންނަން ތައްުޔާރުވަމުން ދަނިކޮށެވެ.
އޭނާގެ މަރާ ގުޅިގެން ފަހުން ވަނީ، ކޮންސެޓަށް ވަމުން ދިޔަ ތައްޔާރީތަކުގެ ވީޑިއޯ ފުޓޭޖްތަކާ އެކު "މައިކަލް ޖެކްސަން ދިސް އިޒް އިޓް" ގެ ނަމުގައި ފިލްމެއް ގެނެސް ދީފަ އެވެ.
ކޮލަމްބިއާ ޕިކްޗާޒުން ޑިސްޓްރިބިއުޓް ކުރި އެ ފިލްމް ދައްކައިގެން 261.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.