09 ޖޫން 2017 - 08:30

އަދިތުޔާ ޗޯޕްރާ އާއި ކައިވެނިކޮށް ދަރިއަކު ލިބުނުފަހުން ރާނީ މުކަރުޖީ ފެންނަނީ ހާލަކުން ފަހަރަކު އެވެ. ސަބަބަކީ ރާނީ އަކީ ބޮލީވުޑް ޕާޓީތަކަށް ގޮސް އުޅޭ މީހަކަށް ނުވުމެވެ. އަދި ފިލްމު އިވެންޓްތަކަށް ވެސް އޭނާ އެއްގޮތަކަށް ވެސް ނުދެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ރާނީ ނޫޅޭތީ އޭނާގެ ޚަބަރު ވަރަށް މަދުން ނޫނީ ނުލިބެ އެވެ.

ރާނީގެ ފޮޓޯތައް އެންމެ ގިނައިން ދައުރުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއީ ފިރިމީހާ އަދިތުޔާ ޗޯޕްރާ އޭރު ޑައިރެކްޓް ކުރަމުންދިޔަ ފިލްމެއްގެ ޝޫޓިން ހިނގަމުންދިޔަ ތަނެއްގައި ފިރިމީހާއާއެކު ހުރެފައި އެނބުރި މުމްބައި އަށް ގޮސް އެއާޕޯޓަށް ފޭބިތަނާ ނަގާފައިވާ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން ރާނީ ފެނުނީ ވަރަށް ބޮޑަށް ފަލަވެފައި ހުއްޓަ އެވެ. އަދި އޭގެ ފަހުން އެޗްޓީ މޯސްޓް ސްޓައިލިޝް އެވޯޑު ހަފްލާ އިން ރާނީ ފެނިފައި ވެއެވެ. އެ ފަހަރު ތަންކޮޅެއް ހިކިފައިވާ ކަމަށް ފާހަގަ ކުރެވުނެވެ.
ނަމަވެސް ރާނީ މިހާރު ކުޅެމުންދާ "ހިޗްކީ"ގެ ޝޫޓިން ނިންމާފައި މީގެ ދެ ދުވަހެއް ކުރިން އޭނާ މުމްބައި އެއާޕޯޓުން ނުކުތް ތަން ފޮޓޯނެގި މީހުންނަށް ރާނީގެ ސިފަ ފެނިފައި ލިބުނު ހައިރާންކަމުން ތިބީ އަނގަ ހުޅުވިފަ އެވެ. ބަލިވެ އިނދެ ވިހެއުމާ ގުޅިގެން އޭނާގެ ގައިގައި ޖަހާފައިވާ މަސްތައް ވިރުވާލައި ރާނީ ފެނުނީ ވަރަށް ފިޓްކޮށެވެ.
ޑިސެމްބަރު 2015 ގައި އަދިރާ ވިހޭ ފަހުން ރާނީ އަށް ހިކެން އުނދަގޫވެފައި ގިނަ ދުވަސްތަކެއް ވަންދެން ހުރެފައި ކުއްލިއަކަށް ހަށިގަނޑަށް ގެނެސްފައިވާ ބަދަލަކީ ހައިރާން ވާވަރުގެ ބަދަލެކެވެ. ޚާއްސަކޮށް ނުފެނި ގިނަ ދުވަސްތަކެއް ކޮށްފައި ރާނީ ފެނުނު ގިނަ ބަޔަކު އެމީހުންގެ ހައިރާންކަން ސޯޝަލް މީޑިއާގައި ވެސް ވަނީ ފާޅުކޮށްފަ އެވެ.