ގެއްލުނު މަތިންދާ ބޯޓު އަންޑަމަން ކަނޑުން ފެނިއްޖެ
ގެއްލުނު މަތިންދާ ބޯޓު އަންޑަމަން ކަނޑުން ފެނިއްޖެ

ޔަންގޫން (ޖޫން 8) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރު ކުރަނިކޮށް ގެއްލުނު މިއަންމާގެ އަސްކަރީ މަތިންދާ ބޯޓު އަންޑަމަން ކަނޑުން ފެނިއްޖެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ޗައިނާގައި އުފައްދާފައިވާ ވައި-8 މަރުކާގެ ޓްރާންސްޕޯޓް މަތިންދާ ބޯޓުން 122 މީހުން ދަތުރުކުރި އެވެ. ބޯޓުގައި ގިނައިން ތިބީ ސިފައިންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުންނެވެ. ބޯޓުގެ ޕަސިންޖަރުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ.

މިއަންމާގެ އަސްކަރިއްޔާ އިން ބުނީ ބޯޓު ގެއްލުނީ ދެކުނުގެ މިޔެއިކް އާއި ޔަންގޫންއާ ދެމެދު ދަތުރު ކުރަނިކޮށް ކަމަށެވެ. ބޯޓުގެ ބައިތައް ފެނިފައި ވަނީ ދަވެއި ޓައުނާ ދިމާލު ބޭރުން އަންޑަމަން ކަނޑުންނެވެ. ބޯޓާ ގުޅުން ކެނޑުނީ ދަތުރަށް ފެށިތާ ގަޑިއެއްހާ އިރު ފަހުން ކަމަށް ސިފައިން ބުންޏެވެ.

މިއަންމާގެ އަސްކަރިއްޔާ އިން ބުނީ މީހުން ހޯދާ ޓީމުތަކަށް 10 މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަ ކުއްޖެއްގެ ހަށިގަނޑު ވެސް ހިމެނެ އެވެ. އަދި ބޯޓުން ދަތުރުކުރި ބައެއް މީހުންގެ ލަގޭޖް ވެސް ވަނީ ފެނިފަ އެވެ. ނަމަވެސް ބޯޓުގެ މައިގަނޑު އަދި ފެނިފައެއް ނުވެ އެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އަދި ބޯޓަށް މައްސަލައެއް ދިމާވިކަން ޕައިލެޓުން އަންގައިފައެއް ވެސް ނުވެ އެވެ. ބޯޓު ވެއްޓުނު އިރު މޫސުން ގޯސް ނޫން ކަމަށް ވެސް ވެ އެވެ.

ވެއްޓުނު ބޯޓަކީ މިދިޔަ އަހަރުގެ މާޗު މަހު ޗައިނާ އިން ގަނެފައިވާ ބޯޓެކެވެ. އަސްކަރިއްޔާ އިން ބުނީ ބޯޓު ދަތުރުކޮށްފައި ވަނީ 809 ގަޑިއިރު ކަމަށެވެ.

މިއަންމާގައި ފަހަކަށް އައިސް މަތިންދާ ބޯޓު އެކްސިޑެންޓްތައް ހިނގައިފައިވެ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ވައިގެ ސިފައިންގެ ބޯޓެއް ވެއްޓި ފަސް ފަޅުވެރިން މަރުވެފަ އެވެ. އޭގެ މަސްތަކެއް ފަހުން އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ތިން އޮފިސަރުން ވަނީ މަރުވެފަ އެވެ.

އެއާ ބަގާންގެ ކޮމާޝަލް މަތިންދާ ބޯޓެއް އިމަޖެންސީގައި 2012 ވަނަ އަހަރު ޖެއްސުމުން އަލިފާން ރޯވެ ދެ މީހުން ވަނީ މަރުވެފަ އެވެ.