08 ޖޫން 2017 - 12:20

ލަންޑަން (ޖޫން 8) - އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބުގައި ވޯޓުލާން ފަށައިފި އެވެ.
އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކުގައި ވޯޓުލުމަށް 40،000 ޕޯލިން ސްޓޭޝަން ވަނީ ގާއިމްކޮށްފަ އެވެ. ޕޯލިން ސްޓޭޝަންތައް ގާއިމްކޮށްފައި ވަނީ ސްކޫލްތަކާއި ކޮމިއުނިޓީ ސެންޓަރުތައް ފަދަ ތަންތަނުގަ އެވެ. ވޯޓުލުން ނިމޭނެ ކަމަށް ލަފާ ކުރެވެނީ މިރޭ ރާއްޖޭ ގަޑިން ދޭއް ޖަހާ އިރު އެވެ. ނަތީޖާ ސާފުވާނެ ކަމަށް ލަފާކުރެވެނީ މާދަމާ މެންދުރު ފަހު އެވެ.
އިންތިޚާބުގައި 650 ވެސްޓްމިންސްޓާ މެންބަރުން އިންތިޚާބު ކުރާނެ އެވެ. ވޯޓުލުމަށް 46.9 މިލިއަން މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެންމެ ފަހުން 2015 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި 46.4 މިލިއަން މީހުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ޕޯސްޓުން މިހާރު ވެސް ބައެއް މީހުން ވަނީ ވޯޓުލައިފަ އެވެ.
އެންމެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 66.4 ޕަސެންޓް މީހުން ވޯޓުދީފައިވެ އެވެ. އެ އިންތިޚާބުގައި 650 ގޮނޑީގެ ތެރެއިން ކޮންޒަވެޓިވުން ވަނީ 331 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ހައުސް އޮފް ކޮމަންސްގެ އަޣުލަބިއްޔަތު ހޯދަން 326 ގޮނޑި ހޯދަން ޖެހޭނެ އެވެ.