21 ޖޫން 2016 - 14:17

ވޮޝިންޓަން (ޖޫން 21) - ފްލޮރިޑާގެ އޯލެންޑޯގެ ނައިޓް ކްލަބަކަށް ބަޑިން ދިން ހަމަލާ އަށް ފަހު ބަޑި ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ހުށަހެޅި ޕްލޭން ސެނެޓުން ބަލައެއް ނުގަތެވެ.
އެއްޖިއްސުން ގުޅުން ހިންގާ މީހުންގެ ނައިޓް ކްލަބަށް ދިން ހަމަލާއާ ގުޅިގެން ހަތަރު ހުށަހެޅުމެއް ވަނީ ސެނެޓަށް ހުށަހަޅައިފަ އެވެ. އޯލެންޑޯ ހަމަލާގައި ވަނީ 49 މީހުން މަރުވެފަ އެވެ. މި ހުށަހެޅުންތަކަށް ޑިމޮކްރެޓިކުންނާއި ރިޕަބްލިކުން ވޯޓު ދީފައި ވަނީ ޕާޓީ ލައިނާ އެއްގޮތަށެވެ.
ރިޕަބްލިކަން ސެނޭޓަރު ޖޯން ކޯނީީން ވިދާޅުވީ މެންބަރުން ބޭނުން ވަނީ ހަގީގީ ބައްޔަށް ފަރުވާ ދިނުމުގެ ބަދަލުގައި ބަލީގެ އަލާމާތްތަކަށް ފަރުވާ ދޭން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ ބަޑި ކޮންޓްރޯލް ކުރުމަށް ވުރެ ބޮޑަށް ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.
ރިޕަބްލިކަން މެންބަރުންނާއި ނޭޝަނަލް ރައިފަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ޑިމޮކްރެޓިކުން ހުށަހެޅި ބިލްތަކުން ހަތިޔާރު ގެންގުޅެން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ހަނިކޮށްފައިވާ ކަމަށެވެ.
ސެނެޓުގެ ވޯޓު ނެގުމުގެ އަށް ދުވަސްކުރިން ވަނީ އުމަރު މަތީން ބަޑިން ހަމަލާދީ 49 މީހުން މަރާލައިފަ އެވެ. އެއީ އެމެރިކާގެ ތާރީޚުގައި ވެސް ބަޑިން ހަމަލާދީ އެންމެ ގިނަ މީހުން މަރާލި ފަހަރެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ މަތީން ވަނީ 2013 ވަނަ އަހަރުން ފެށިގެން އެފްބީއައި އަށް ފާހަގަކުރެވިފަ އެވެ. އެކަމަކު ޓެރަރިސްޓް ވޮޗް ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ. ސެނެޓަށް ހުށަހެޅި އެއް ބިލުގައި ވަނީ ޓެރަރިސްޓް ވޮޗް ލިސްޓުގައިވާ މީހުންނަށް ބަޑި ވިއްކުން މަނާ ކުރުމަށް ހުށަހަޅައިފަ އެވެ.