މެޕްސް ކޮލެޖްގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މެޕްސް ކޮލެޖްގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެޕްސް ކޮލެޖް އިން އަންނަ ސެޕްޓެމްބަރު 10ން 11 އަށް ބާއްވާ ބައިނަލްއަގްވާމީ ކޮންފަރަންސް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މެޕްސް ކޮލެޖުން ބުނީ "ފޭސިންގް ދަ ފިއުޗާ: ޗެލެންޖަސް އެންޑް އޮޕަޗޫނިޓީސް ފޯ ޔޫތް އިން ދަ ރީޖަން" ގެ ޝިޔާރުގެ ދަށުން ބާއްވާ އެ ކޮންފަރަންސް އަކީ ދިރާސީ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ބާއްވާ ކޮންފަރަންސެއް ކަމަށެވެ. މެޕްސް އިންޓަނޭޝަނަލް ކޮންފަރަންސް (އެމްއައިސީ) އަކީ މުޅި ދުނިޔެއަށް އާންމުކޮށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

އެ ކޮލެޖުން ބުނީ ތައުލީމީ، ގަވާނަންސް، އަދި އެންޓްރަޕްރަނާޝިޕް ގެ ދާއިރާ ތަކުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކުގެ މައްޗައް ބިނާކޮށް ކޮންފަރަންސްގެ ބައިވެރިން ދިރާސީ ކަރުދާސް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކޮންފަރަންސްގައި ބައިވެރިވާން ހުށަހަޅަން ޖެހެނީ ދިރާސީ ކަރުދާހުގެ އެބްސްޓްރެކްޓް ނޫނީ މުޅި ކަރުދާހާ އެކީ ކަމަށް ވެސް މެޕްސް އިން ބުންޏެވެ. އެ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހު 29 ވަނަ ދުވަހެވެ. މެޕްސް ކޮލެޖުން ބަލައިގަންނަ ހުށަހެޅުންތައް އިއުލާންކޮށް ބައިވެރިންނަށް އަންގާނީ އޯގަސްޓް 10ގައި އެ ކޮލެޖުން ބުންޏެވެ.

"ކޮންފަރަންސްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހު ތަކަކީ 21-24 އޯގަސްޓް. ރަޖިސްޓާ ކުރާ އިރު 750 ރުފިޔާ ގެ ފީ އެއް ނެގޭނެ. އެކަމު ޖުލައި 20 ގެ ކުރިން ރަޖިސްްޓްރީ ކޮށްފިއްޔާ ދައްކަންޖެހޭ ފީ 500 ރުފިޔާއަށް ކުޑަވާނެ،" މެޕްސް ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނީ ކޮންފަރެންސްގައި ރަޖިސްޓްރީ ކުރަން ނަގާ ފީ ބޭނުން ކުރަނީ ކޮންފަރަންސް ގެ ބައިވެރިން ބޭނުންވާނެ ތަކެތި ހޯދުމަށާއި ކެއުން ބުއިމަށް ހިނގާ ހަރަދުތަކަށެވެ. އަދި އޭގެ ތެރޭގައި ހުރުމުގެ ހަރަދެއް ނުހިމެނޭ ކަމަށް ވެސް މެޕްސް އިން ބުންޏެވެ.

އެ ކޮންފަރެންސްގައި ދިރާސީ ކަރުދާސް ތައްޔާރު ކުރާނެ ގޮތާ ބެހޭ މައުލޫމާތާއި ކަރުދާސް ހުށަހެޅުމުގެ ފުރުސަތުތައް ކޮންފަރަންސްގެ ސަބަބުން ތަނަވަސްވާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މެޕްސް އިން ބުނީ އެ ކޮންފަރަންސްގައި ރާއްޖޭގެ އަދި ބޭރުގެ ފަންނީ މާހިރުން މައުލޫމާތު ދިނުމާއި ބައިވެރިންނަށް އެހީތެރިވާން އުޅޭނެ ކަމަށެވެ.

އެ ކޮލެޖުން ބުނީ ކޮންފަރަންސްގެ މައި މަގްސަދަކީ ގައުމަށް ފައިދާ ކުރަނިވި ދިރާސާތަކުގެ މިންވަރު އިތުރުކޮށް، އެފަދަ މުހިންމު ދިރާސާތައް އެކުލަވާލުމަށް ހިތްވަރު ދިނުން ކަމަށެވެ.

[email protected]އަށް ހުށަހެޅުން މެއިލް ކޮށްގެން އެ ކޮލެޖުން ބަލައިގަންނާނެ އެވެ.