އިޓަލީ މޮޅުވިއިރު ސްޕެއިން ސަލާމަތްވީ ފަހު ވަގުތު
އިޓަލީ މޮޅުވިއިރު ސްޕެއިން ސަލާމަތްވީ ފަހު ވަގުތު

ނީސް، ފްރާންސް (ޖޫން 8) – ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އުރުގުއޭ އަތުން 3-0 އިން އިޓަލީ މޮޅުވިއިރު، ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމާ އެއް ގްރޫޕެއްގައި ހިމެނޭ ސްޕެއިން ކުޅުނު މެޗުގައި ކޮލަމްބިއާއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

ފްރާންސުގެ ނީސްގައި އިޓަލީ އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ހަތް ވަނަ މިނެޓުގައި އިޓަލީ އަށް ލީޑު ލިބުނީ އުރުގުއޭގެ ހޯސޭ ޖިމެނޭޒް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އިޓަލީގެ ދެ ވަނަ ލަނޑު 82 ވަނަ މިނެޓުގައި އެޑާ މާޓިންސް ޖެހިއިރު ފަހު ލަނޑު 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ކެޕްޓަން ޑެނިއަލް ޑި ރޮސީ އެވެ.

ރޭގެ މެޗުގައި އިޓަލީގެ ގޯލް ބެލެހެއްޓީ އުމުރުން 18 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ އެވެ. އޭނާ އަކީ ޖިއަންލުއިޖީ ބުފޮން އަށް ފަހު އިޓަލީގެ އެއް ވަނަ ކީޕަރުކަން ކުރާނެ ކަމަށް ބެލެވޭ ކީޕަރެވެ.

އަމިއްލަ ދަނޑުގައި ސްޕެއިން ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ވަނީ ލީޑު ނަގައިދީފަ އެވެ. ކޮލަމްބިއާ އިން އެއްވަރުކުރީ 39 ވަނަ މިނެޓުގައި އެޑްވިން ކަޑޯނާ ޖެހި ލަނޑުންނެވެ. އަދި 55 ވަނަ މިނެޓުގައި ރަޑަމެލް ފަލްކާއޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ސްޕެއިން ސަލާމަތްކޮށްދިނީ 87 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ އެވެ.

ރެއާލް މެޑްރިޑުގެ މޮރާޓާ އަކީ މި ވަގުތު ޔޫރަޕުގައި އެންމެ ޑިމާންޑް ބޮޑު އެއް ފޯވާޑެވެ. އޭނާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި އޭސީ މިލާނުން މަސައްކަތްކުރިއިރު މެޑްރިޑުން ކިޔާ އަގަކީ 90 މިލިއަން ޔޫރޯ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ޖީ ގައި ސްޕެއިނާއި އިޓަލީ ވަނީ 13 ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު މި ވަގުތު އެއް ވަނައިގައި އޮތީ ސްޕެއިނެވެ. ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގަ ލިބޭ އެއް ވަނަ މަގާމް ކަށަވަރުވާނީ ބެލެވޭ ގޮތުގައި ސެޕްޓެމްބަރު 2 ވަނަ ދުވަހު ސްޕެއިނާއި އިޓަލީ ކުޅޭ މެޗުންނެވެ. އިޓަލީގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވީ އެވެ.