ކޯޗުގެ ޕްލޭނުގައި ނުހިމެނޭތީ ކޮސްޓާ ޗެލްސީ ދޫކޮށްލަނީ
ކޯޗުގެ ޕްލޭނުގައި ނުހިމެނޭތީ ކޮސްޓާ ޗެލްސީ ދޫކޮށްލަނީ

މެޑްރިޑް (ޖޫން 8) – އަންނަ ސީޒަނުގެ ޕްލޭނުގައި އޭނާ ނުހިމެނޭ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނުމާ އެކު ކްލަބް ދޫކޮށްލަން ޖެހިފައިވާ ކަމަށް ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.

ޗެލްސީން ނިމުނު ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ކޮސްޓާ ވަނީ 22 ލަނޑާ އެކު އެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން އޭނާ ޗައިނާގެ ކްލަބަކަށް ބަދަލުވާން މަސައްކަތްކުރި ކަމަށް އޭރު ރިޕޯޓްކޮށްފައިވެ އެވެ.

"އަހަރެން ބޭނުން ތެދަށް ވާހަކަދައްކަން. އަހަންނަށް ކުރިން ދުވަހު ލިބުނު ކޯޗުގެ މެސެޖެއް، އޭނާގެ ޕްލޭނުގައި އަހަރެން ނުހިމެނޭކަމަށް ބުނެ،" ރޭ ކޮލަމްބިއާއާ ސްޕެއިން 2-2 އިން އެއްވަރުވި މެޗަށް ފަހު ކޮސްޓާ ނޫސްވެރިން ގާތު ބުންޏެވެ.

"މިވަގުތު އަހަންނަކީ ޗެލްސީގެ ކުޅުންތެރިއެއް ސަބަބަކީ ކޮންޓްރެކްޓެއް އޮތުމުން. އެކަމަކު ކޯޗު އަހަރެން ބޭނުން ނޫން ކަމަށްވަންޏާ އަހަރެން ޖެހޭނީ ކްލަބް ދޫކޮށްލަން."

ކޮސްޓާ މިދިޔަ މަހު ބުނީ ޗެލްސީ ދޫކޮށްލާނީ ހަމައެކަނި ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ކަމަށެވެ. އެކަމަކު ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން އެތުލެޓިކޯ އަށް މި ފަހަރުގެ ޓްރާންސްފާގައި ކުޅުންތެރިއަކު ނުގެނެވޭނެ އެވެ. އެންމެ އަވަހަށް ވެސް އޭނާ އަށް އެތުލެޓިކޯ އަށް ކުޅެވޭނީ ޖެނުއަރީ ޓްރާންސްފާގަ އެވެ.

"ހަތަރު މަސް ނުވަތަ ފަސް މަސް ދުވަސް ނުކުޅެ ހުންނަން ޖެހުމަކީ އުނދަގޫކަމެއް. އެންމެންނަށް އެނގޭނެ އެތުލެޓިކޯގެ ކުޅުންތެރިން ދެކެ އަހަރެން ލޯބިވާކަން. އަހަރެން މެޑްރިޑުގައި އުޅޭ ހިތްވޭ. އެކަމަކު އަހަރެން އެބަޖެހޭ ކުރިމަގާ މެދު ވިސްނަން،" ކޮސްޓާ ބުންޏެވެ.

ކޮސްޓާ އަށް އިޓަލީގެ އޭސީ މިލާނުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކޮސްޓާގެ އޭޖެންޑް ޖޯޖް މެންޑެޒް މިއަދުގެ ވަގުތެއްގައި މިލާނަށް ގޮސް އެ ކްލަބުގެ ވެރިންނާ ބައްދަލުވުމެއް ބާއްވަން ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 28 އަހަރުގެ ކޮސްޓާ ބުނީ ކޯޗު އޭނާ ބޭނުންނުވާ ނަމަ ކްލަބުން އޭނާ އަގުހެޔޮކޮށް ވިއްކާލަން ޖެހޭނެ ކަމަށާއި އެހެންކަމުން ޓްރާންސްފާގެ ކަންތައް ފަސޭހަވެގެންދާނެ ކަމަށެވެ.