08 ޖޫން 2017 - 10:55

ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްގެ ކޮއްކޮ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެޔޫއޯ) ގެ ޝެޑޯ މިނިސްޓަރު އާދަމް އާޒިމް މިއަދު ހައްޔަރުކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އާޒިމް ހައްޔަރުކުރީ، ދިވެހި ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރުމަށް ހިތްވަރުދީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ދެއްކެވުމުގެ ތުހުމަތުގަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ނެރުއްވި އަމުރުގައި ވަނީ، ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި، އިތުބާރު ގެއްލުވައިލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި، ތަފާތު އެކި ގޮތްގޮތަށް އާޒިމް ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އާޒިމް ހައްޔަރު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ "...މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮހެލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި އަދި މީނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މީނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ" ކަމަށެވެ.
އާޒިމް ފުލުހުން ހައްޔަރުކުރީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ ގޭގައި އުޅުއްވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
އާޒިމް ހައްޔަރުކުރިއިރު، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާގެ ބޭބެ ނާޒިމް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މި ރޯދަމަހަށް މިހާރު ނާޒިމް ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.