08 ޖޫން 2017 - 11:06

ލިވަޕޫލް (ޖޫން 8) - ސައުތެމްޓަންގެ ކިބައިން މައާފަށް އެދުމަށް ފަހު، އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ގަތުމަށް ލިވަޕޫލުން ކުރި މަސައްކަތް ރަސްމީކޮށް އެ ޓީމުން ހުއްޓާލައިފި އެވެ.
ލިވަޕޫލުން ވެން ޑައިކް ގެންނަން ކުރި މަސައްކަތް ހުއްޓާލާފައިވަނީ ސައުތެމްޓަނުން ލިވަޕޫލާ ދެކޮޅަށް މައްސަަލަ ޖައްސަން ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ސައުތެމްޓަނުން ހިތްހަމަނުޖެހުނީ އެ ކްލަބުގެ ހުއްދަ ނެތި ވެން ޑައިކް ގެންނަން ލިވަޕޫލުން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.
ލިވަޕޫލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބުން ވެން ޑައިކް ހޯދުމަށް ދެން މަސައްކަތް ނުކުރާނެ ކަމަށެވެ.
"ސޯޝަލް މީޑިއާގައި ސައުތެމްޓަންގެ ކުޅުންތެރިއާ ވެން ޑައިކްއާ ލިވަޕޫލާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާ މެދު ކަންބޮޑުވަން. އަދި ލިވަޕޫލުން ރަސްމީކޮށް ވެން ޑައިކް ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައިފިން. މިކަމުގައި ސައުތެމްޓަނަށް ގެއްލުމެއް ލިބިފައިވާނަމަ އެ ޓީމުގެ ޑިރެކްޓަރުންނާއި އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން،" ލިވަޕޫލުން ނެރުނު ބަޔާނުގައިވެ އެވެ.
ފާއިތުވި ދުވަސްތަކުގައި މީޑިއާ ރިޕޯޓްތައް ބުނިގޮތުން ލިވަޕޫލުން ވަނީ ވެން ޑައިކްއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި 55 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅަން ވެސް ލިވަޕޫލުން އޮތީ ތައްޔާރަށެވެ.
އެހެން ނަމަވެސް މައްސަލަ ޖެހުނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ވެން ޑައިކް ބްލެކްޕޫލްގައި ނުރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުމުންނެވެ. ޕްރިމިއާ ލީގުގެ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއަކަށް އެހެން ކުޅުންތެރިއަކާ ވާހަކަ ދެއްކޭނީ އެ ކުޅުންތެރިއެއްގެ ބެލެނިވެރި ކްލަބްގެ ހުއްދަ ލިބިގެންނެވެ. އެހެން ނޫނީ މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭނީ ކުޅުންތެރިއާގެ އޭޖެންޓާ އެވެ.
ގަވާއިދާ ހިލާފަށް ކުޅުންތެރިއަކާ ކްލަބަކުން ބައްދަލުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް އައުމާއި ޕޮއިންޓު އުނިކުރެވޭނެ އުސޫލުތަކެއް އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން ވެން ޑައިކް ހޯދުމުގެ މަސައްކަތް ހުއްޓާލިކަން ރަސްމީކޮށް އިއުލާންކުރީ އެ ކްލަބަށް އައިސްފާނެ އަދަބަކުން ސަލާމަތްވުމުގެ ގޮތުންނެވެ.
އުމުރުން 25 އަހަރުގެ ވެން ޑައިކް ހޯދުމަށް ސިޓީ އާއި ޗެލްސީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ވެން ޑައިކް ސައުތެމްޓަނަށް ބަދަލުވީ 13 މިލިއަން ޕައުންޑްގެ އަގަކަށް 2015 ވަނަ އަހަރު ސެލްޓިކުންނެވެ.