ރާއްޖެއާ ދެކޮޅަށް ނެރުނީ ހަގީގަތެއް ނެތް ދޮގު ބަޔާނެއް: ސަރުކާރު
ރާއްޖެއާ ދެކޮޅަށް ނެރުނީ ހަގީގަތެއް ނެތް ދޮގު ބަޔާނެއް: ސަރުކާރު

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް 30 ގައުމަކުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އިއްވި ބަޔާނަކީ ރާއްޖެއާ ބެހޭގޮތުން ހަގީގަތް އޮޅޭ ގޮތަށް އިއްވި ދޮގު ބަޔާނެއް ކަމަށް ބުނެ ރާއްޖެއިން އެ ކައުންސިލްގައި ރައްދު ދީފި އެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށް ދާ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 35 ވަނަ ސެޝަންގައި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތުން 30 ގައުމެއް ގުޅިގެން ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާން އިއްވީ އިނގިރޭސިވިލާތުންނެވެ.

އެ ބަޔާނަށް ރައްދު ދެއްވައި، އެ ސެޝަންގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ހާލާ ހަމީދު ވިދާޅުވީ އެ ބަޔާނުގައި ފާހަގަކުރި ކަންބޮޑުވުންތަކަކީ ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަންކަން ނޫން ކަމަށާއި އެ ބަޔާނުގައިވާ ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް ހުރި ވާހަކަތަކެއް ކަމަށެވެ. އެ ބަޔާނުގެ މަގްސަދަކީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުން ކަމަށް ހާލާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ހަގީގަތަކީ ރާއްޖެއާ ބެހޭގޮތުން ހަގީގަތް އޮޅުވާލާފައިވުން. ވުޖޫދުގައި ނުވާ ކަންކަން އޮތީ ކުރެހިފައި،" ހާލާ ވިދާޅުވި އެވެ.

ހާލާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއްގައި އިންސާނީ ހައްގުތައް ކުރިއަރުވައި، އެކަން ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އަދި އެއީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އެކަމަކު ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިންސާނީ ހައްގުތައް ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، އެކަންކަން ހާސިލް ކޮށްފައިވާ ކަމަށާއި އޭގެ ތަފްސީލުތައް ކޮންމެ އަހަރަކު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާ ހިއްސާ ކުރަމުންދާ ކަމަށް ހާލާ ވިދާޅުވި އެވެ.

ރާއްޖެއާ ބެހޭގޮތުން ގައުމުތަކުން މިއަދު ފާޅުކުރި ކަންބޮޑުވުންތަކަކީ އިނގިރޭސިވިލާތާ މެދު ވެސް އދ. އިން ފާޅުކޮށްފައިވާ ފަދަ ކަންބޮޑުވުންތައް ކަމަށް ހާލާ ވިދާޅުވި އެވެ. އެގޮތުން އިނގިރޭސި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެ ގައުމުގައި ވެސް އެއްވެ އުޅުމުގެ ހައްގާއި މުހިންމު އިންސާނީ ހައްގުތައް ހަނިވެފައިވާ ކަމަށް އދ. ގެ އެއްވެ އުޅުމުގެ ހައްގާ ބެހޭ ރެޕަޓުއާ ކުރިން ވިދާޅުވެފައިވާކަން މިސާލެއް ގޮތުން ހާލާ ފާހަގަކުރެއްވި އެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމަށް ރައްދު ދެއްވައި، ހާލާ ވިދާޅުވީ އެ މައްސަލާގައި ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގަމުން އަންނަ ކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ އެންމެން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ސިޔާސީ ކުރަން މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމުތަކުން ފާޅުކުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި ހައްގުތައް ކުރިއަރުވަން ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ހާލާ ވިދާޅުވި އެވެ. އެކަމަކު އެކަމުގައި ކެތްތެރިކަމާއި ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.