07 ޖޫން 2017 - 18:03

ޔަންގޫން (ޖޫން 7) - ސަތޭކަ އަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި މިއަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިއަންމާގެ އަސްކަރިއްޔާ އިން ބުނީ ބޯޓު ދަތުރު ކުރީ ދެކުނުގެ މިޔެއިކް އާއި ޔަންގޫންއާ ދެމެދު ކަމަށެވެ. ގެއްލުނު ބޯޓު ހޯދުމަށް އަސްކަރީ މަތިންދާ ބޯޓުތަކާއި ހެލިކޮޕްޓަރުތައް ވަނީ ފޮނުވައިފަ އެވެ.
ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ދަވެއި ޓައުންއާ 20 މޭލަށް ކައިރިވެފައި ވަނިކޮށް ބޯޓާ ގުޅުން ކެނޑުނީ ކުއްލިއަކަށް ކަމަށެވެ. ބޯޓުގައި 105 މީހުންނާއި 11 ފަޅުވެރިން ތިބި ކަމަށް އެއާޕޯޓުގެ އޮފިޝަލުން އޭއެފްޕީ އަށް ބުންޏެވެ. ނަމަވެސް ޗައިނާގައި އުފައްދާފައިވާ އަސްކަރީ ބޯޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް ސިފައިން ނުބުނެ އެވެ.
ބޯޓު ގެއްލުނު އިރު ދަތުރު ކުރަމުން ދިޔައީ އަންޑަމަން ކަނޑުގެ މަތިން ކަމަށް ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.