22 ޖޫން 2016 - 07:39

ހުދު ފާރެކެވެ. ބަލާނެ އެއްވެސް އެއްޗެއް އެ ތާކު ނެތެވެ. އެކަމަކު، ފަސް މިނެއްޓު ވީއިރު ވެސް އެހެން ދިމާއަކަށް އަހަންނެއް ނުބަލަމެވެ. އަމިއްލަ ނަފުސާ އަހަރެން ސުވާލު ކުރީމެވެ. މިހާރު ދެން ކީއްކުރަން ހެއްޔެވެ؟ ޝަކުވާ ވެސް ކުރީމެވެ. ކުރިން އޮތް ގޮތަށް އެ ކަން އޮތް ނަމައެވެ. ދެން އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ފާރު ހުރަސްކޮށްފައި މާޒީގެ ތެރެއަށް އަހަރެން ފައި އަޅަނިކޮށް ފިރިމީހާ ގޮވައިލި އަޑު އިވުނެވެ.
"ކޮން ފިކުރެއް؟" ޝިހާމް ސުވާލުކުރިއެވެ.
"ފިކުރެއް ނުކުރަން،" އަހަރެން ދޮގުހެދީމެވެ. "ކާންވީނު!"
"ރެޑީކޮށްލާ!" ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ޝިހާމް ބުނެލިއެވެ. "އެބަ އަންނަން."
އަހަރެން ތެދުވީމެވެ. މޭޒުމަތީގައި ތަށިތައް އަތުރަން ފެށީމެވެ. މާޒީއާ ދޭތެރޭގައި ނުވިސްނަން މަސައްކަތް ކުރީމެވެ. އެ މަސައްކަތް ކުރި ވަރަކަށް ފިކުރުތައް އިތުރުވިއެވެ. ހިތަށްއެރިއެވެ. ހަޔާތަކީ ރަށުން އަންނަ ހަދިޔާ ދަޅު ކަހަލަ އެއްޗެކެވެ. ހުޅުވައި ބެލީމައި ނޫނީ އެތެރޭގައި އޮތް އެއްޗެއް ނޭނގޭނެއެވެ. ކެއީމައި ނޫނީ އޭގެ ރަހައެއް ވެސް ނޭނގޭނެއެވެ. ނުބައޭ ހީކުރާ އެއްޗެއްގައި މީރު ރަހައެއް ވެސް ލައިފާނެއެވެ. އަހަންނަކީ ހެޔޮ ވިސްނޭ އުމުރުގެ އަންހެންކުއްޖެކެވެ. އަލިފާނާ ފެން ވަކިކުރަން އަހަންނަށް އެނގެއެވެ. އެކަމަކު، އަހަރެންގެ އަތް ފިހުނެވެ. އެއީ ކުރެވެންޖެހޭ ތަޖުރިބާއެކެވެ. ކިޔަވައި ނިމިގެން އޮފީހަކަށް ވަންނާކަށް ހިތެއް ނުރުހުނެވެ. ބޭނުންވީ، ކޮންމެވެސް ރޮނގަކުން އިންސާނިއްޔަތަށް ޚިދުމަތް ކުރެވޭނެ ދާއިރާއެކެވެ. ފުލުހުންގެ ވަޒީފާ އަހަންނަށް މާ ބުރައެވެ. ޑޮކްޓަރަކަށް ވާން މާ ގިނަ ދުވަސް ނަގައެވެ. އެންމެ ޝައުޤުވެރިވީ ވަސޭހަތްދިނުމުގެ ދާއިރާއެވެ.
ބަލިމީހާ އާއި ޑޮކްޓަރާ ދެމެދުގައި އޮންނަންޖެހޭނީ ކޮންކަހަލަ ގުޅުމެއްކަން އަހަންނަށް ކިޔައިދިނެވެ. ވަސޭހަތްދިނުމުގައި ކިހާ ކެތްތެރިވާން ޖެހޭނެކަމާއި، ދެމެދުގައި ބާއްވަންޖެހޭނީ ކިހާ ދުރުމިނެއްކަން ވެސް ބުނެދިނެވެ. ވަސޭހަތް ލިބިގަންނަން އަންނަ މީހުންގެ ޒާތީކަންކަމުގެ ތެރެއަށް ވަނުމަކީ އަހަރުމެންނަށް މަނާކަމެކެވެ. ހުރިހާ އެއްޗެއް ވެސް އޮޅުންފިލުވައިދިނެވެ. އެ ދާއިރާއިން ތަމްރީނުވެގެން ދުވަސްކޮޅަކު މާލޭގައި ހުރީމެވެ. އެކި ކަހަލަ މީހުންނަށް ވަސޭހަތްދިނީމެވެ. ނަފުސާނީ ބަލީގެ ޝިކާރައަށްވެފައި ތިބި މީހުން މާލޭގައި ވަރަށް ގިނައެވެ. ހިތްދަތިކަން ކުރިމަތިވެފައިވާ މީހުން ނެތް އުމުރެއް، ދަރަޖައެއް، ހައިސިއްޔަތެއް ނެތެވެ. ތަނަވަސްކަމާއި ކާމިޔާބުގެ އެންމެ އުސް ހަރުފަތުގައި ތިބި މީހުންނަށް ވެސް އަހަރެން އެހީތެރިވީމެވެ.
ރިހެބަށް ދާން އަހަންނަށް ފުރުޞަތު ލިބުނެވެ. އެ ތަނުން ވަރަށް ގިނަ ޒުވާނުންނާ ބައްދަލުވިއެވެ. އުމުރުން ފަންސަވީސް އަހަރުގެ އަޔާޒަކީ އެ ތަނުން އެކަކެވެ. ސިފައަށް ބަލައިފި ނަމަ، އެ ތަނުގައި ދެން ތިބި އެހެން ކުދިންގެތެރެއިން އަޔާޒު ޚާއްޞަ ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ހަށިގަނޑާއި، މޫނާއި، އަޑުގައި ވެސް އާދަޔާ ޚިލާފު އެއްވެސް ސިފައެއް ނެތެވެ. މީހުންނާ ވާހަކަދެއްކުމަކީ އޭނަ ކުރާހިތްވާ ކަމެއް ނޫނެވެ. އަހަރެންގެ ސަމާލުކަން އަތުލީ އަޔާޒުގެ އެ ހަމަހިމޭންކަމެވެ. އެ އެކަނިވެރިކަމެވެ. އޭނަގެ ލޮލަށް އަބަދުމެ ވެރިވެފައި ހުންނަ ކަރުނައެވެ. ކަމަކާ އޭނަ ހިތާމާކުރާ ކަހަލައެވެ. އެ ކަން ނާންގަން ވަރަށް މަސައްކަތް ކުރިއެވެ. އެހެން ކުދިން ކުރާ ސަމާސާތަކުގައި ބައިވެރިވެ، ލާނެތް ކަންކަން ވެސް ކުރިއެވެ. އެ ވަރުން ވެސް، އަހަރެންގެ ލޯމައްޗަކު އަޔާޒަކަށް އަތެއް ނޭޅުނެވެ.
"ކޮން ހިތާމައެއް ތި ކުރަނީ އަޔާ؟" ނުރަސްމީ ރާގެއްގައި އަހަރެން އެހީމެވެ. "މަށަށް ދޮގުނަހަދައްޗޭ!"
"ހުހް!" ފަރުވާ ކުޑަ ގޮތަކަށް އަޔާޒު ބުނެލިއެވެ. "މީހަކު ނޫޅޭނެ އެ ކަމާ ކަންބޮޑުވެގެނެއް. ވަޒީފާގެ ގޮތުން އެ ސުވާލު ކުރަން ޖެހޭތީ ތި ކުރީ. މަ ބޭނުމެއް ނޫން ތި ކަހަލަ މީސްމީހުންނަށް ޖަވާބުދޭކަށް."
އަޔާޒު ފަސްދީ ދާން ފެށުމުން ކޮންމެހެން އޭނަ ހުއްޓުވާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ.
"ދެން ކީއްކުރަން މި ތަނަށް ތި އައީ؟" އަހަރެންގެ ސުވާލު ވެގެންދިޔައީ އަޔާޒުގެ ފައިގައި ޖެހުނު ހިލިހިލާއަކަށެވެ. "މި ތަނުން ކޮންކަހަލަ މީހަކާ ބައްދަލުވާނެކަމަށް ހީކުރީ؟ މިތާ ތިބޭނީ ބަލިމީހުންނާ ފަރުވާދޭ މީހުން."
"ދީބަލަ ފަރުވާ،" ނަފުރަތަށް ވުރެ ބޮޑަށް އެ އަޑުގައި ވަނީ މާޔޫސްކަމެވެ. "ކައުންސެލަރަކަށް ވެގެނެއް ނޫން. އަހަރެން ކަހަލަ އިންސާނަކަށް ވެގެން. އޭރުން ކިޔައިދޭނެ ބައިވަރު ވާހަކަ އެބަހުރި."
ހަމްދަރުދީވާ މީހާއަށް ހިތުން ޖާގަ ދެވެއެވެ. ތިމާގެ އިހުސާސްތައް ދަންނަ މީހާދެކެ ތިމާއަށް ލޯބިވެވެއެވެ. އެ މީހަކާ ބޮޑަށް ގާތްވެވެއެވެ. އަހަންނަށް އެ ކަން އެނގެއެވެ. އެނގި ހުރެ އެ މަގު އަހަރެން އިޚްތިޔާރު ކުރުމަކީ އަހަރެންގެ އަމިއްލަ އެދުން ބޮޑުކަން ކަމުގައި ވެސް ވެދާނެއެވެ. ބޭނުންވީ އަޔާޒު ސަލާމަތްކުރާށެވެ. މަސްތުގެ ޖަންގަލިން އޭނަ ނެރެ ދެވަނަ ފުރުޞަތެއް އޭނައަށް ތަނަވަސްކޮށްދޭށެވެ. އެ ކަން ކުރަން އަހަރެން ބޭނުންވި ވަރުން، ދެން ހުރި ހުރިހާކަމެއް އަހަރެން ހަނދާންނައްތައިލީމެވެ. އަހަރުމެންގެ އުސޫލުތަކާއި، އެ ވަޒީފާގައި އަހަރުމެންނަށް ކަނޑައަޅައިފައިވާ އިންތައް ވެސް އެއް ފަރާތް ކޮށްލީމެވެ. ވަކި ތަނެއްގައި، ވަކި އުސޫލަކުން ބައްދަލުކުރުމުގެ ބަދަލުގައި، އެކުވެރިން ބައްދަލުކުރާ ގޮތަށް ބައްދަލުކުރަން ފެށީމެވެ. އެއީ ހަމައެކަނި އަޔާޒަށް ޚާއްޞަކޮށް އަހަރެން ދިން އެހީތެރިކަމެކެވެ.
ބީރައްޓެހިކަމުން އެކުވެރިކަމަށް ބަދަލުވި ގުޅުމުގައި، ލޯބީގެ ކުލަޖެހެމުންދިޔައީ މަޑުމަޑުންނެވެ. ސިއްރުސިއްރުންނެވެ. ހަމަ އެހާމެ ލޯބިލޯބިންނެވެ. އަޔާޒަކީ ކާކުކަމާއި، ރިހެބަށް އޭނަ އަންނަންޖެހުނު ސަބަބު އަހަންނަށް ކިޔައިދިނެވެ. ހަރުދަނާ ވަޒީފާތައް އަދާކުރަމުން އަންނަ ފަސް ފިރިހެންކުދިންގެ ޢާއިލާގައި އަޔާޒަކީ އެންމެ ހަގު ކުއްޖާއެވެ. އެންމެ ބޭކާރު އެންމެ ނާކާމިޔާބު ކުއްޖާ ވެސް މެއެވެ. ކިޔަވުމުގައި ފަރުވާ ކުޑަ ކުރުމުން އެ ފުރުޞަތު ގެއްލުނެވެ. ލިބުނު ރައްޓެހިންގެ ސަބަބުން ހަމަހެއަކު ނުހުރެވެއެވެ. ލޯބިވެރިޔާ ވަކިވެގެންދިއުމުން ދިރިހުރުމުގެ ބޭނުމެއް އަޔާޒަކަށް ނުވިސްނުނެވެ. މައިންބަފައިން ދުނިޔޭގައި ތިއްބެވެ. ނަމަވެސް އަޔާޒުގެ ހުރިހާ ވެސް މީހަކީ މާމައެވެ. އަޔާޒާ މެދު މައިންބަފައިން އުންމީދުކަނޑައިލިއެވެ. ދަރިފުޅުގެ ބޯހަރުކަމާއި ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އެ ވަރުން ވެސް މާމަ ހުރީ އަޔާޒުގެ އަތުގައި ހިފަހައްޓައިގެންނެވެ. ކުރިއަށް ވުރެ ބާރަށެވެ. ރިހެބަށް އައީ މާމަގެ އެދުމުގެމަތިންނެވެ. މުސްކުޅި މާމައަށް އުފަލެއް ދިނުމުގެ ނިޔަތުގައެވެ. އެކަމަކު، މާޒީގެ ހިތި ހަނދާންތައް ތޫނު ކަށިތަކެއްހެން އަޔާޒުގެ ހިތަށް ހެރެމުންދިޔައެވެ. ކުޑަ ވެސް ރަޙްމެއް ނެތިއެވެ.
އަހަރެންނަށް ލިބިފައިވާ ޢިލްމުގެ ފުރުތަމަ އިމްތިހާނުގައި އިށީނީމެވެ. ހެޔޮއެދޭ މީހުންނާއި ނޭދޭ މީހުން އަޔާޒަށް ވަކިކޮށްދިނީމެވެ. ދުނިޔެއަށް އިންސާނުން ފޮނުއްވި މަޤްޞަދު ހަނދާންކޮށްދިނީމެވެ. އަޔާޒަށް އެއްޗެއް ވިސްނުނު ނަމަ އެއީ އަހަރެން ބެހެއްޓި ގާތްކަމުގެ ނަތީޖާއެވެ. އަހަރެން ދެއްކި ވާހަކަ އަޔާޒުގެ ކަންފަތުން އެތެރެއަށް ފޯރީ، އަޔާޒުގެ އިތުބާރު ހޯދުމުގައި އަހަރެން ކާމިޔާބުވީތީއެވެ. އޭރު ރިހެބުގައި އުޅުނު ހުރިހާ ކުދިންނަށް ވުރެ އަވަހަށް އަޔާޒު ރަނގަޅުވާން ފެށިއެވެ. އެ ކަމަށްޓަކައި އަހަރެން ކުރަންޖެހުނީ ބުރަ މަސައްކަތްތަކެކެވެ. އަޔާޒު މާލެދިޔައީ އަހަރެންގެ ހިތް ހިބަކޮށްގެންނެވެ. އޭނަ ދިއުމުން އަހަރެން ވެސް އެ ރަށުގައި ހުންނަ ހިތެއް ނުވިއެވެ. ހަމަ އެ ހަފުތާގައި މާލެއައީމެވެ.
އަހަރެން މާލެ އައިއިރު މަންމަ ވަރަށް ބައްޔެވެ. މަންމަ ބޭނުންވީ ދިވެހިބޭސްކުރަން ރާއްޖެތެރެއަށް ދާށެވެ. އެކުގައި ދާން ހުރީ އަހަންނެވެ. މާލޭގައި ހުންނަން އަހަރެން ކިތަންމެހާ ވެސް ބޭނުމެވެ. އަޔާޒުގެ އެކުވެރިން އުޅޭ މާޙައުލަށް އައުމުން އަޔާޒުގެ ނިޔަތް އަރާރުންވާނެކަން އަހަންނަށް އެނގެއެވެ. ޑުރަގުން ސަލާމަތްވާން އުޅޭ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ. އެ ފަދަ ވަގުތުގައި، އަޔާޒު އިތުބާރުކުރާ މީހަކު ފާރަޔަށް ހުންނަން ޖެހޭނެއެވެ. އެއްކޮޅުގައި އަޔާޒެވެ. އަނެއް ކޮޅުގައި މަންމައެވެ. ދެވަނަ ވިސްނުމަކަށް ނުވެސް ގޮސް އަހަރެން މަންމަ ގޮވައިގެން ފުރީއެވެ.
ދުރުގައި ތިއްބަސް އަޔާޒާއި އަހަރެންގެ ލޯތްބަށް ލިބުނު ހީނަރުކަމެއް ނެތެވެ. އެކަކަށް އަނެކަކުގެ ފަޅުކަން އިހުސާސްވިޔަކަ ނުދެއެވެ. އެއްދުވަހަކު ހެނދުނު ތެދުވެފައި އަޔާޒަށް ގުޅާލުމުން ފޯނެއް ނުނެގިއެވެ. ކުރިން ވެސް އެހެން ދިމާވެއެވެ. އެކަމަކު ފަހުން އަޔާޒު ގުޅައެވެ. އެ ދުވަހަކު އެހެނެއް ވެސް ނުވިއެވެ. އިރު އޮއްސުނީ އަޔާޒުގެ ޚަބަރެއް ނުވެއެވެ. އަހަރެންގެ ފޯނުކޯލާއި މެސެޖުތައް ވީ ބޭކާރެވެ. އަހަރުމެން ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ވީމާ، އަޔާޒު އެ ގޮތަށް "ފިލަންޖެހުނު" ސަބަބެއް ނުވިސްނުނެވެ. ފޫހި ވިޔަސް ޝަކުވާއެއް ނެތެވެ. އަހަންނަށް ކަމުނުދިޔައީ ފިލީމައެވެ. އެ އިންތިޒާރު ހުއްޓައިލީ، އަޔާޒުގެ އެއްވެސް ޚަބަރެއް ނުވެ ދެ ހަފުތާ ވުމަށް ފަހުގައެވެ.
މަހެއްހާ ދުވަހަށް ފަހު، މަންމަ ރަނގަޅުވުމުން މާލެއައީމެވެ. އޭރު އަހަރެން ހުރީ އަޔާޒު ދެކެ ވަރަށް ބޮޑަށް ފޫހިވެފައެވެ. އޭނައަށް އެހީ ބޭނުންވި ދަނޑިވަޅު އަހަރެން އެހީވީމެވެ. މަސްތުގެ އަނދަގޮނޑިން ސަލާމަތްކޮށްދިނީމެވެ. މާލެއިން ފުރައިގެން ދިޔަތާ އެއް މަސް ވީއިރު، އަހަރެންމަތިން އަޔާޒު ހަނދާންނައްތައިލީ ކިހިނެއް ހެއްޔެވެ؟ އެއަކަށް އަހަރެން ލޯތްބެއް ނުކިޔަމެވެ. މާލެ އައުމަށް ފަހު، ބޭނުން ނަމަ އަޔާޒު ހޯދުނީހެވެ. ބިސްމަޅި ދުއްވުނީހެވެ. އެކަމަކު، ލޯތްބަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫނެވެ.
ލޯބިވާ މީހަކު ވަކިވެގެންދިއުމުން އޭނަގެ ހަނދާނުގައި އުމުރު ހުސްކޮށްލެވިދާނެއެވެ. ކެހިވެރިއަކަށް ޓަކައި އަހަރެންގެ ދިރިއުޅުން ބޭކާރު ކުރާކަށް ބޭނުމެއް ނުވިއެވެ. ޝިހާމަކީ، ހަޔާތެއް ފަށަށް އަހަންނަށް ފެނުނު އެންމެ ކަމުދާ މީހާއެވެ. ދެ ޢާއިލާ ގަބޫލެވެ. ކުލަގަދަ ޙަފުލާއަކާ އެކުގައި ކައިވެނި ކުރީމެވެ. ދިރިއުޅުމެއް ފެށީމެވެ. ލޯބިލޯބި ފިރިހެން ދަރިއަކު ލިބުނެވެ. ޝިހާމަކީ ޒިންމާދާރު ފިރިއެކެވެ. ހަރުދަނާ ބައްޕައެކެވެ. ހިތަށްއެރިއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. ފައި ދަށުން ބިންގަނޑު ދެމިގަތީ ކައިވެންޏަށް ދެ އަހަރު ފުރުނު ފަހުންނެވެ. ދުވަހެއްގެ އިރު އޮއްސުމަށް ތައްޔާރުވެފައިވާ ވަގުތެއްގައެވެ. ނުދަންނަ ނަންބަރަކުން އަހަންނަށް އައި ކޯލަކަށް ޖަވާބު ދިނީމެވެ. އަނެއްކޮޅުން ޖަވާބެއް ނައިސް އިރުކޮޅެއް ވިއެވެ.
"ކިހިނެއްތަ ހާލު؟" އޯގާތެރި އަޑަކުން އަޔާޒު ބުންޏެވެ.
ނުނިމޭ