"ޕަދްމާވަތީ" އަކީ ހަނދާން ނުނެތޭނެ ލޯބީގެ ވާހަކައެއް: ޝާހިދު ކަޕޫރު
"ޕަދްމާވަތީ" އަކީ ހަނދާން ނުނެތޭނެ ލޯބީގެ ވާހަކައެއް: ޝާހިދު ކަޕޫރު

މިހާރު ކުޅެމުން އަންނަ، ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އަކީ އެ ފިލްމު ބަލާ ގިނަ ބަޔަކަށް ވަރަށް ރީތިވާނެ ލޯބީގެ ވާހަކައެއް ކަމަށް ޝާހިދު ކަޕޫރު ބުނެފި އެވެ.

"ޕަދްމާވަތީ"ގެ ހައިލައިޓަކީ ޝާހިދު އާއި ދީޕިކާގެ ލޯބީގެ ވާހަކަ ކަމަށް ޝާހިދު ބުންޏެވެ. ޝާހިދު މި ފިލްމުގައި ކުޅެނީ ރާޖާ ރާވަލް ރަތަން ސިންގް ކިޔާ ރަސްކަލެއްގެ ރޯލެވެ. އެއީ ރާނީ ޕަދްމާވަތީގެ ފިރިމީހާ އެވެ.

ޝާހިދާ ހަވާލާދީ ފިލްމްފެއާގައި ބުނެފައިވާ ގޮތުގައި ބައެއް އެކްޓަރުންގެ ކެރިއަރުގައި އެމީހުންގެ މަތިން ގިނަ ބަޔަކު ހަނދާން ހުންނަނީ އެމީހުން ކުޅެފައިވާ ކޮންމެވެސް މޮޅު ފިލްމެއްގެ ސަބަބުން ނަމަވެސް މި ފިލްމު ގިނަ ބަޔަކު ހަނދާން ކުރާނީ ފިލްމުގައި ހިމެނޭ ލޯބީގެ ވާހަކައިގެ ސަބަބުންނެވެ.

މީގެ ކުރިން ވެސް ލޯބީގެ ބައެއް ފިލްމުތައް ކުޅެފައިވާ ޝާހިދު ބުނީ "ޕަދްމާވަތީ" އަކީ އޭނާ މިހާތަނަށް ކުޅެފައިވާ ލޯބީގެ ފިލްމުތަކަށް ވުރެ ވެސް ޚާއްސަ ފިލްމެއް ކަމަށެވެ.

މި ފިލްމުގެ ޝޫޓިން ފެށުމުގެ މާ ކުރިން ވެސް މި ފިލްމަށް މީޑިއާގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެގޮތުން ރާޖަސްތާންގައި ފެށި ފުރަތަމަ ޝެޑިއުލް ވަނީ ގްރޫޕްތަކުން ފިލްމުގެ ސެޓަށް ގެއްލުން ދިނުމުގެ ސަބަބުން ކުރިޔަށް ގެންދެވޭ ގޮތް ނުވެ ވަރަށް ބޮޑު މައްސަލައަކަށްވެފަ އެވެ. މި ފިލްމުގައި ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ކުޅޭ ކެރެކްޓާއާ ދޭތެރޭ ބައެއް ގްރޫޕްތަކުން ހިތްހަމައެއް ނުޖެހެ އެވެ.

މި ފިލްމުގެ ވާހަކައަކީ ތާރީޚީ ޔޯލަ ވާހަކައެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުންޏަސް އިންޑިއާގައި ޕަދްމާވަތީގެ އާއިލާ އަށް ނިސްބަތްވާ ދަރިކޮޅުގެ މީހުން އަދިވެސް އުޅޭ ކަމަށާއި ރާނީ ޕަދްމާވަތީ އަކީ ވަރަށް ކުރީ ޒަމާނެއްގައި އުޅުނު މީހެއްކަމަށް މި ފިލްމާ ދެކޮޅު ހަދާ ގްރޫޕްތަކުން ދަނީ ބުނަމުންނެވެ.