08 ޖޫން 2017 - 08:07

ސިދާރްތު މަލްހޯތުރާގެ އާ އެކްޝަން-ކޮމެޑީ ފިލްމުގެ ނަން "ރިލޯޑަޑް" އިން "ދަ ޖެންޓްލްމޭން" އަށް ބަދަލުކޮށްފި އެވެ. މިއީ "ބޭންގް ބޭންގް" ފްރެންޗައިޒްގެ ސީކުއަލް އެކެވެ. ޖެކްލީން ފެނާންޑިސްއާ އެކު އޭނާ ކުޅޭ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ސިދާރްތު ވަނީ ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
ފިލްމުގެ ފުރަތަމަ ޓީޒާ މީގެ ދެ ދުވަސްކުރިން ރިލީޒްކޮށްފައި ވިޔަސް ފިލްމު އުފައްދާ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ވަނީ ފިލްމުގެ ދެ ތަރިންގެ މޫނު ލޯގޯ އިން ފޮރުވާފަ އެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ސިދާރްތު ހުންނަނީ އެއް އަތުން ޕްރެޝަރު ކުކަރެއް އަނެއް އަތުން ބަޑިއެއް ހިފައިގެންނެވެ. މި ޕޯސްޓަރުގައި ސިދާރްތުގެ ތައާރަފްގައި ލިޔެފައިވަނީ ރީތި، ނުރައްކާތެރި މީހެއްގެ ގޮތުގަ އެވެ.
މިއީ ޖެކްލީން އާއި ސިދާރްތު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މީގެ ކުރިން މި ދެ އެކްޓަރުން ވަނީ "ކޮފީ ވިތު ކަރަން" ޗެޓް ޝޯގައި އެކުގައި ބައިވެރިވެފަ އެވެ. މި ދެ މީހުންގެ ވަރަށް ރަނގަޅު ކެމިސްޓްރީއެއް ހުރިކަން މި ޝޯ ބެލި މީހުންނަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކައަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަހަލަ ވާހަކަ އެކެވެ. އަދި މި ފިލްމުގައި ވަރަށް ފުރިހަމަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ކަމަށްވެ އެވެ. ފިލްމު ރިލިޒްކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 25، 2017 ގަ އެވެ.