21 ޖޫން 2016 - 13:38

ވޮޝިންޓަން (ޖޫން 21) - އަންނަ ނޮވެމްބަރު މަހު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން މެނޭޖަރު ކޯރޭ ލެވަންޑޮސްކީ މަގާމުން ދުރުކޮށްފި އެވެ.

ނިއު ޔޯކުގެ ބިލިއަނަރުގެ ކެމްޕޭން ފެށުނީއްސުރެ ޕްރައިމަރީ ކާމިޔާބު ކުރުމާ ހަމައަށް އެންމެ އިސް ދައުރެއް އަދާކުރެއްވި ލެވަންޑޮސްކީ ދާދި ފަހުން އެއްފަރާތްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރަމްޕުގެ ކެމްޕޭނާ ގުޅުން ހުރި ބައެއް ފަރާތްތަކުން ނިއު ޔޯކް ޓައިމްސް އަށް ބުނެފައި ވަނީ ކެމްޕޭން ޓީމާ އެކު މީގެ ފަހުން ލެވަންޑޮސްކީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ރިޕަބްލިކަން ޕާޓީގެ ރެކޯޑް އަދަދެއް ކަމަށްވާ 14 މިލިއަން ވޯޓު ޓްރަމްޕް ކާމިޔާބު ކުރުމުގައި ލެވަންޑޮސްކީގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. ލެވަންޑޮސްކީ މަގާމުން ވަކި ކުރި ސަބަބެއް ޓްރަމްޕުގެ ކެމްޕޭން ޓީމުން ހާމަކޮށްފައެއް ނުވެ އެވެ. އުމުރުން 70 އަހަރުގެ ޓްރަމްޕް ވަނީ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ކުރި ހޯއްދަވައިފަ އެވެ. ޓްރަމްޕުގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ ޖުލައި މަހު މެދުތެރޭގައި ބާއްވާ ރިޕަބްލަން ޕާޓީގެ ކޮންވެންޝަނުގެ ކުރިން ކެމްޕޭން ޓީމަށް ބަދަލު ގެންނަވަން ޓްރަމްޕް ބޭނުންވާ ކަމަށެވެ.
މަގާމުން ވަކިކުރި ލެވަންޑޮސްކީ، މިދިޔަ މާޗު މަހު ނޫސްވެރިއެއްގެ ގައިގައި ޖެހި ކަމަށް ބުނެ އޭނާގެ މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް ފްލޮރިޑާގެ ޕްރޮސެކިއުޓަރުން ވަނީ މި މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.