އަންނަ އަހަރަށް ބޭނުންވާ އާ މަޝްރޫއުތައް ހުށަހަޅަން ފުރުސަތު ދީފި
އަންނަ އަހަރަށް ބޭނުންވާ އާ މަޝްރޫއުތައް ހުށަހަޅަން ފުރުސަތު ދީފި

ދައުލަތުގެ ބަޖެޓް ތައްޔާރުކުރާ ގޮތް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ އާ މަޝްރޫއުތައް ހުށަހަޅަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މި އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓް ތައްޔާރުކުރާ އުސޫލު ބަދަލުކުރީ، ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮގްރާމްގެ ދަށުން ކަމަށެވެ. އެގޮތުން ބަޖެޓްގައި އަލަށް ހިމަނާ މަޝްރޫއުތައް މި މަހު 29 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ބަޖެޓް އެކުލަވާލުމުގައި ދެ މަރުހަލާއެއް އޮންނާނެ. ފުރަތަމަ ކަމަކަށް އޮންނާނީ އަންނަ އަހަރު އަލަށް ހިމަނާނެ ކަންތައްތައް ހުށަހެޅުން. އެ ކަންތައްތައް ހުށަހެޅުމުން އެއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހުން ގޮތެއް ނިންމީމަ ބަޖެޓްގައި ހިމަނާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓްގެ ސީލިންތައް ކަނޑައެޅުމަށް ފަހު ބަޖެޓް ތައްޔާރުކުރަން ފަށާނީ ދެ ވަނަ މަރުހަލާގަ އެވެ. އެ މަސައްކަތް އަންނަ ޖުލައި މަހު ފަށައި އޮގަސްޓްގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކުރިއާ ތަފާތުކޮށް މި ފަހަރު އަލަށް ހުށަހަޅާ ކަންތައް އެންމެ ކުރިން އެޕްރޫވް ކުރާނީ. އެ ޕްރޮސެސްގައި މުޅިން އަލަށް ހުށަހަޅާ ޕްރޮޖެކްޓްތައް މި މަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ. މިފަހަރު މި ދެވުނީ ތަންކޮޅެއް ކުރު މުއްދަތެއް،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ދަނީ ބަޖެޓްގެ ބޭސްލައިން ތައްޔާރު ކުރުމާއި އިގްތިސާދީ ދިރާސާތައް ހެދުން އަދި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރު ބެލުން ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގެ ފޯކަސް ކަނޑައެޅޭނީ އަންނަ މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް އަހަރު ނިމުމުގެ ތިން މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.