ޝާލްކާގެ ކޮލަސިނަޗް އާސެނަލަށް
ޝާލްކާގެ ކޮލަސިނަޗް އާސެނަލަށް

ލަންޑަން (ޖޫން 7) – ޖަރުމަނުގެ ޝާލްކާގެ ވާތު ބެކް ސައިދު ކޮލަސިނަޗް އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގެ އާސެނަލާ ގުޅެން ނިންމައިފި އެވެ.

ބޮސްނިއާގެ އުމުރުން 23 އަހަރުގެ ޑިފެންޑަރު އާސެނަލާ ގުޅެނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޝާލްކާ އިން ވަނީ އާސެނަލާ އެކު ކޮލަސިނަޗް 2022 ވަނަ އަހަރުގެ ނިޔަލަށް ސޮއިކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ކޮލަސިނަޗް ބުނީ އާސެނަލުގައި ވަރުގަދަ ތާރީހެއް އެބައޮތް ކަމަށާއި ޔެންސް ލޭމަން އާއި ތިއަރީ އޮންރީ ފަދަ ކުޅުންތެރިންގެ ޒަމާނުގައި، ކުޑަކުއްޖެއްޖެގެ ގޮތުގައި އެ ކްލަބުގެ މެޗުތައް ބެލި ކަމަށެވެ.

"އާސެނަލަކީ އަބަދުވެސް ޔޫރަޕުގައި ފައިތިލަ ސާބިތުކޮށްފައިވާ ކްލަބެއް. އެ ކްލަބާ ގުޅެވުނީތީ އުފާކުރަން،" ކޮލަސެނިޗް ބުންޏެވެ.

ޝާލްކާގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމާ 2012 ވަނަ އަހަރު ގުޅުނު ކޮލަސެނިޗް ވަނީ ޖަރުމަނުގެ ޔޫތު ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. އެކަމަކު 2013 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ބޮސްނިއާ ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. ފުލް ބެކަކަށް ކުޅޭ ކޮލަސެނިޗަކީ ސެންޓާ ބެކަށާއި ޑިފެންސިވް މިޑްފީލްޑަރަކަށް ވެސް ކުޅޭވޭ ކުޅުންތެރިއެކެވެ. އޭނާ އަކީ ޖިސްމާނީ ގޮތުން ވަރުގަދަ، އަދި ޑިފެންސިވްލީ ހުނަރުވެރި ކުޅުންތެރިއެކެވެ.

ކޮލަސެނިޗަކީ އަންނަ ސީޒަނަށް އާސެނަލާ ގުޅޭ ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ޓީމުގެ ކޯޗު އާސެން ވެންގާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދީފައިވާއިރު އަންނަ ސީޒަނަށް ޓީމު ވަރުގަދަކޮށް ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.