07 ޖޫން 2017 - 11:52

އިސްތަންބޫލް، ތުރުކީ (ޖޫން 7) - ކުޅިވަރު ނޫސްވެރިއަކާ ޖެހުނު މައްސަލައަކާ ގުޅިގެން ތުރުކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަޑާ ޓުރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓުރާން ވަނީ މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މަތިންދާބޯޓުގެ ތެރެއިން ތުރުކީގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ބިލާލް މީސޭއާ ދިމާކޮށް އޭނާ އަށް ހަމަލާދީފަ އެވެ.
މި މައްސަލަ ބެލުމަށް ފަހު ތުރުކީ އެފްއޭ އިން ވަނީ ސްލޮވީނިއާގައި މިހާރު ކުރިއަށްދާ ތުރުކީ ޓްރެއިނިން ކޭމްޕުން ޓުރާން ބާކީކޮށްފަ އެވެ. އޭގެ ފަސް ވަރަކަށް ގަޑިއިރު ފަހުން ޓުރާން ވަނީ ތުރުކީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ.
"މިއީ އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވީ ވަގުތު ކަމަށް ދެކެނީ. އަހަރެން އަމިއްލަ ގައުމު ދެކެ ލޯބިވޭ. އަދި މި ގައުމުގެ ދިދަ އަށް ވެސް އިހުތިރާމްކުރަން. ހަގީގަތުގައި އަހަރެން ނުކުރާކަމެއްގެ އަދަބުދިނުމަކީ މި ކަމުގެ ހައްލެއް ނޫން،" ތުރުކީ ޓީމަށް 96 މެޗު ކުޅެދީފައިވާ އުމުރުން 30 އަހަރުގެ ޓުރާން ބުންޏެވެ.
ބާސެލޯނާގެ މިޑްފީލްޑަރު ޓުރާން އަށް އަމާޒުކޮށް ތުރުކީގެ ނޫސްތަކުން މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އަންނަނީ މެޗު ފިކްސިންގެ ތުހުމަތުތައް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ބިލާލް އާއި ޓޫރާންއާ ދެމެދު ހަމަނުޖެހެން ހިނގަން މެދުވެރިވީވެސް މެޗު ފިކްސިންގެ ޒުވާބެއްގެ ތެެރެއިންނެވެ.
ބިލާލަށް ޓުރާން ހަމަލާ ދިނުމުން ތުރުކީގެ ކުޅިވަރު ނޫސްވެރިންގެ އެސޯސިއޭޝަނުންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ޓުރާނަށް އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ޓުރާން ޓީމަށް ކުޅުން ހުއްޓާލަން ނިންމިއިރު ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ އާދިއްތަ ދުވަހު ތުރުކީ ނުކުންނާނީ ކޯސޯވޯއާ ދެކޮޅަށެވެ.