40 މިލިއަން ޑޮލަރުގެ އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކައި ނިންމައިފި
40 މިލިއަން ޑޮލަރުގެ އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކައި ނިންމައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލެއް ހެދުމަށް ހިންގާ 40 މިލިއަން ޑޮލަރު ބޮޑު (616 މިލިއަން ރުފިޔާ)ގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ނިންމާލައިފި އެވެ.

40 މިލިއަން ޑޮލަރުގެ އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކައި ނިންމައިފި
40 މިލިއަން ޑޮލަރުގެ އާ ސީޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކައި ނިންމައިފި

އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށް ވާ ގޮތަށް އޮންނަ ފަޅު ހިއްކައިގެން ހަދާ ޓާމިނަލްގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.

އެ މަޝްރޫއުގެ ދަށުން ހިއްކާފައި ވަނީ އާ ޓާމިނަލް ހެދުމަށް 18،000 އަކަމީޓަރުގެ ބިމާއި ސީ ޕްލޭންގެ ހެނގަރު ހެދުމަށް 14،000 އަކަމީޓަރު ބިން ކަމަށް ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ސީޕްލޭންގެ ޑޮކިންއާއި އެ ސަރަހައްދުގެ މަގުތައް ހެދުމާއި ޓާމިނަލް ބިލްޑިން އަދި ހެނގަރު ވެސް ހެދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އިއްޔެ ވިދާޅުވީ އެތަނުގައި ޓާމިނަލް އެޅުމުގެ މަސައްކަތްކުރަން ބަޔަކާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ނިމުމުން މިހާރުގެ ޓާމިނަލަށް ވުރެ އެތައް ގުނައެއް ޖާގަ ބޮޑު ޓާމިނަލެއް ލިބިގެންދާނެ. މިތަނުގެ ހުރިހާ ކަމެއް ނިންމުމަށް ފަހު ހިންގަން ހަވާލުކުރާނީ ސީޕްލޭން އޮޕަރޭޓަރުންނާ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތަރު ބުރިއަށް ހަދާ ޓާމިނަލްގައި ފަސިންޖަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރާނެ ކަމަށެވެ. އެގޮތުން ރެސްޓޯރަންޓާއި ލައުންޖްތައް ވެސް ހިމެނޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ބުނީ އެ މަޝްރޫއާއެކު މިހާރު ބޭނުންކުރާ ސީ ޕްލޭން ޓާމިނަލް ބަންދުކޮށް، އެއާޕޯޓުގައި އަލަށް ހަދާ 3،400 މީޓަރުގެ ދިގު 60 މީޓަރު ފުޅާ ރަންވޭ އަށް އެ ސަރަހައްދު އިތުރުކުރެވިގެންދާނެ ކަމަށެވެ.