07 ޖޫން 2017 - 11:55

ލަންޑަން (ޖޫން 7) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ޑެންމާކްގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަށް ބާސެލޯނާ އިން ބިޑްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 25 އަހަރުގެ އެރިކްސަން ޓޮޓެންހަމަށް ބަދަލުވީ 2013 ވަނަ އަހަރު ނެދަލެންޑްސްގެ ގަދަ ބާރު އަޔަކްސް އިންނެވެ. ޓޮޓެންހަމްގައި ފާއިތުވި ތިން އަހަރު އެރިކްސަން ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލޫކާ މޮޑްރިޗް ޓޮޓެންހަމް ދޫކޮށްލުމުން އޭނާގެ ބަދަލުގައި ޓޮޓެންހަމް މެދުތެރޭގައި ތަފާތު ދައްކަމުން އަންނަނީ އެރިކްސަން އެވެ.
މިދިޔަ ސީޒަނުގައި ޓޮޓެންހަމް ސަޕޯޓަރުން ހޮވި އެ ކްލަބްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އެރިކްސަން ވަނީ އެ ޓީމަށް މިދިޔަ އަހަރު 12 ލަނޑު ޖަހައިދީ 23 ލަނޑު ޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޒުވާން އުމުރުގައި އަޔަކްސް އަށް ބަދަލުވުމުގެ ކުރިން އެރިކްސަން ވަނީ ބާސެލޯނާގެ ޓްރަޔަލްތަކުގައި ބައިވެރިވެފަ އެވެ. އެކަމަކު އޭރު އެ ޓީމުން ފުުރުސަތެއް ނުލިބުނެވެ.
"ބާސެލޯނާގައި މީގެ ކުރިން އަހަރެން ވަނީ ޒުވާން އުމުރުގައި ދުވަސްތަކެއް ހޭދަކޮށްފައި. އެކަމަކު އެއީ އެހާ ރަނގަޅު ހަނދާންތަކެއް ނޫން. ބާސެލޯނާ އަކީ ވަރަށް ބޮޑު އަދި މަޝްހޫރު ކްލަބެއް. އަހަންނަށް ހިއެއް ނުވޭ ބާސެލޯނާ އަށް ނޫނެކޭ ބުނާނެ ގިނަ ކުޅުންތެރިންތަކެއް ތިބޭނެހެން،" އެރިކްސަން ބުންޏެވެ.
އެރިކްސަން ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ އޭނާ އޭޖެންޓާއި ޓޮޓެންހަމުން ކަމަށާއި ގަދަބާރުން ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށެވެ.
މިިދިޔަ ސީޒަނަށް ފަހު ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ކިތަންމެ ބޮޑު ހުށަހެޅުމެއް ލިބުނު ނަަމަވެސް ނުވިއްކާނެ ކަމަށް ބުނެފަ އެވެ.