ކުރު ވާހަކަ: ވަގުތު ޖެހުމުން...
ކުރު ވާހަކަ: ވަގުތު ޖެހުމުން...

ހިތާމަވެރި ޚަބަރެއް ދެވޭނެ ރަނގަޅު ގޮތެއް ނޯންނާނެއެވެ. ވަކި ގޮތަކަށް ދީގެން އަސަރުކުރާލެއް ކުޑަވާނެ ކަމަށް ދެކޭނަމަ އެއީ ކުށްހީ އެކެވެ. ކޮންމެ ގޮތަކަށް ކުރިމަތި ކުރިއަސް ތިމާއަށް އެޚަބަރު ލިބޭ ވަގުތު ހިތުގައި ރިހެން ފަށާނެއެވެ. ހިތްވަރުގަދަ މީހަކު ނުރޮއި ކެތްކޮށްފާނެއެވެ. އެކަމަކު ލޮލުގެ ފުރަގަހުގައި ފިލާ ނަމަވެސް ކަރުނަ ބޮނޑިވެ ގަންނާނެއެވެ. އަހަރެންނަށް ލިބުނު އެންމެ ހިތި ޚަބަރު ޑޮކްޓަރު ދިން ވަގުތު މުޅި މީހާ ގަނޑުވިއެވެ. ވަށައިގެން އެނބުރެމުންދިޔަ ދުނިޔެ ހުއްޓުނެވެ. އެކަމަކު އެވަގުތުވެސް ކަރުނަ އޭގެ މަސައްކަތް ބަރާބަރަށް ކުރިއެވެ. ޑޮކްޓަރު ޝާރުދާގެ އަޑުން އަހަރެން ހަމަ ބިމަށް ގެނައި އިރު ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ރޮނގު ދެމެމުން ދިޔައެވެ.

އަހަރެންނަށް ޖެހިފައި ވަނީ ކެންސަރެވެ. އަދި އަހަރެން ގުނަމުން މިދަނީ ބަލީގެ އެންމެ ފަހު ފިޔަވައްސެވެ. ފަރުވާއަކުން އިތުރަށް ކުރާނެ ފައިދާއެއް ނެތެވެ.

ގެއަށް ދާންވެގެން ޓެކްސީގައި އިންއިރު ސިކުނޑީގައި ވީ މި ޚަބަރާއެކު އަހަރެންގެ ހަޔާތަށް އަންނާނެ ބޮޑު ބަދަލެވެ. ފިރިމީހާ އާއި ދެ އަންހެން ދަރީންނަށް ކިޔައިދޭނެ ގޮތެކެވެ. ކުރަން ވެފައި ނުކުރެވި ހުރި ކަންތައްތަކުގެ މަތިން ހިތަށް އަރަމުން ދިޔައެވެ. ޑޮކްޓަރު ދީފައިވާ ތިން މަސް ދުވަހުގެ މުހުލަތުގެ ތެރޭގައި އަހަރެންގެ ދިރިއުޅުން ބައްޓަންވީ ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟

ހިތްވަރު ކުރަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ނުކުރެވުނެވެ. ގޭގެ ދޮރު ފެނުމާއެކު ކަރުނަތައް ބަންޑުން ވާން ފަށައިފިއެވެ. ނުރޯންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްލައިގެން ގޮސް ގެއަށް ވަންއިރު ހައަހަރުގެ ޒާރާ އިނީ ފެންޑާގައި ކުޅޭށެވެ. މަންމަ ރޯތަން ފެނުމުން ޒާރާގެ ސުވާލުތައް ކުރިމަތި ވިއެވެ. އަހަރެން ބުނީ މަންމަ ބަލިވެ ރޮވެނީ ކަމުގައެވެ. އަހަރެންގެ ފަހަތުން ޒާރާ ކޮޓަރިއަށް ވަނެވެ. އެނދުގައި އަހަރެން އޮށޯތުމުން އަމިއްލައަށް އައިސް ކައިރީ އިނދެގެން ތަދުވަނީ ކޮންތާކަށްތޯ އެހިއެވެ. ތަދުވަނީ ބަނޑަށްތޯ އަހައި ބަނޑުގައި ފިރުމިއެވެ. ނޫނީ ބޮލަށްތޯ އަހައި ބޯ މޮޑެދިނެވެ. އެކުއްޖާ އިންތަނުން ހިއްލައިލީ ޒާހިރު އެތެރެއަށް ވަނީމައެވެ. ޒާރާ ފަދައިން ޒާހިރުވެސް އަހަރެންގެ ބައްޔާ ބެހޭގޮތުން އޮޅުންފިލުވަން ވެގެން އެހިއެވެ. އަހަރެން ބުނަންވީ ކީކޭ ހެއްޔެވެ؟

އަހަންނަކަށް ނުބުނެވުނެވެ. އެންމެ ޖުމްލައެއްގެ ސަބަބުން ޒާހިރުގެ އުފާވެރި ދުނިޔެ ފުނޑުފުނޑު ވެގެން ބިމާއި ހަމަވެގެން ހިނގައިދާނެއެވެ. އަހަންނަށް އެމަންޒަރު ބަލާކަށް ކެތެއް ނުވާނެއެވެ. ކުރިއަށް އޮތް ތަނުގައި އަހަރެންނަށް އަމިއްލަ ސިކުނޑިން ރަނގަޅު ވިސްނުން ނާންނާނެ ކިތަންމެ ވަގުތެއް އަންނާނެއެވެ. އެފަދަ ވަގުތު ތަކުގައި ޒާހިރު ސިކުނޑީގެ ބޭނުން އަހަރުމެންނަށް ކުރަން ޖެހޭނެއެވެ. އެކުދިންގެ އުފާވެރި ދުނިޔެ އެގޮތުގައި ދެމިގެން ދިއުމަށްޓަކައި ޒާހިރު ހަމަޖެހިފައި ހުރުން ކޮންމެހެން ބޭނުމެވެ. މިޚަބަރު ޖެހޭނީ ސިއްރު ކުރާށެވެ.

ބޮލުގައި ރިހޭ ވާހަކަ ބުނުމުން ޒާރާ ފަދައިން ޒާހިރު އައިސް އަހަރެންގެ ބޮލުގައި ފިރުމިއެވެ. ނިކުމެގެން ދިޔައީ ނިދައިލާށޭ ބުނެ ގައިމަތީ ރަޖާ އަޅައި ދީފައެވެ. އަހަރެންގެ އަރާމާއި ނިދި އެއީ މިހާރު އެންމެ ބޮޑު ދުޝްމަންކަން ޒާހިރުއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

ކޮޓަރީގައި އެކަނިވުމުން އަހަރެން ގުޅީ ޑޮކްޓަރު ޝާރުދާއަށެވެ. ކުރިއަށް އޮތް ތިން މަސް އާދައިގެ އެހެން އިންސާނުން ފަދައިން ވޭތު ކުރަން އަހަރެން ބޭނުމެވެ. އެކަމަށްޓަކައި ޝާރުދާގެ އެހީ މުހިންމެވެ. ހަސްފަތާލުން ނިކުތުމުގެ ކުރިން ޝާރުދާ އޮތީ ކުރިއްސުރެ އެހީއަށް ފުރުސަތު ހުޅުވާލައިފައެވެ. އަހަރެން އެފުރުސަތުގެ ބޭނުން ހިފަން އެދޭ ވާހަކަ ބުނުމުން އިތުރު ނަންބަރެއް ދިނެވެ.

ޑޮކްޓަރު ނިއުޝާދު އަކީ ނަފްސާނީ ބަލީގެ މީހެކެވެ. ހަފުތާއެއްގެ ތިން ދުވަހުން އެއް ގަޑިއިރު އަހަރެން ނިއުޝާދަށް ހުސްކުރަން ފެށީމެވެ. ޒާހިރުގެ ހިތުގައި ޝައްކު އުފެދޭނެ ޖާގައެއް ނެތެވެ. އަހަރެން ނިއުޝާދު ކައިރިއަށް ދަނީ ކުދިން ސުކޫލަށް ލައިފައެވެ. އެނބުރި އަންނަނީ ސެޝަން ނިންމާފައި ކުދިން ގޮވައިގެންނެވެ. އެވަގުތަކީ ޒާހިރު އޮފީހުގައި އުޅޭ ވަގުތެވެ.

ނިއުޝާދުގެ ވާހަކައިން އަހަރެންނަށް ހިތްވަރު ލިބެއެވެ. ހަޔާތުގައި ކުރިއަށް ދާން ފަސޭހަވިއެވެ. އަމިއްލަ އިހްސާސްތައް ފޮރުވަން ދަސްވިއެވެ. އެކަމަކު ހިތުގެ ރިހުން ކެނޑިގެނެއް ނުދެއެވެ. ވަކިވުމުގެ ހިޔާލު އަބަދާއި އަބަދު ސިކުނޑީގައި ވެއެވެ. ދަރިންނާއި ފިރިމީހާއަށް އަހަރެންނަށް ބެލެނީ އެއީ ފަހު ފަހަރު ކަމަށް ވެދާނެ ކަމުގައި ހީކޮށްގެންނެވެ. ކުއްލިއަކަށް ކުދިން ކުރާ އެއްވެސް ކަމެއްގައި އަހަރެން ރުޅި އައިސް އަޑު ލުން ހުއްޓުނުކަން އެކުދިން ފާހަގަ ކުރިއެވެ. އެކުދިންނަށް ގޯހެއް ހެދިއްޖެނަމަ މަންމަ އަޑު ލިއަސް އެއީ މައްސަލައަކަށް ނުވާނެ ކަމުގައި އަށް އަހަރުގެ ޒީވާ އަހަރެނަށް ވިސްނަދޭން އުޅުނެވެ. އެދުވަހު އަހަރެންނަށް ރޮވުނެވެ.

ފަހު ދުވަސްތައް ގުނަމުން ދިޔައިރު އަހަރެން އެންމެ އިސްކަމެއް ދިނީ އަޅުކަމަށެވެ. މީގެ ކުރިން ފަރުވާކުޑަ ކުރި ފަރުޟުތައް ބަރާބަރަށް އަދާ ކުރަމެވެ. ސުންނަތްތައް އަދާކޮށް އަވަށްޓެރިންނަށް ޞަދަޤާތް ދެމެވެ. ބަރާބަރަށް ދަރިން ލައްވައި އަޅުކަން ކުރުވައި އޭގެ މުހިންމުކަން ކިޔައިދެމެވެ. އަހަރެން ދުނިޔެ ދޫކޮށްފައި ދާއިރު އެކުދިންނަކީ ދީންމަތީ ތިބޭނެ ކުދިންނަށް ހަދަން އަޒުމް ކަނޑައެޅީމެވެ. އެއިރުން އިރާދަ ކުރެއްވިއްޔާ ނަރަކައިގެ އަލިފާނުން އެކުދިން ސަލާމަތް ވާނެއެވެ.

ލިބިފައިވާ މަދު ދުވަސްކޮޅު ތެރޭގައި، މާޒީވެފައިވާ ހުރިހާ ފާފައެއް ފުހެވިދާނެ ކަމާމެދު އަބަދު ސުވާލު އުފެދެއެވެ. އެހެންވެ އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރު ކުރީމެވެ. އަހަރެންނަށް އަންނަމުންދިޔަ ބަދަލު ޒާހިރު ފާހަގަކުރިއެވެ. އެކަމާ އޭނަ އުފާ ކުރިއެވެ. އެކަމަކު ހިތުގައި ބޮޑު ސުވާލެއް އޮތެވެ. އަހަރެންނަށް އެބަދަލު އައީ ވަކި ހާއްސަ ސަބަބެއް އޮވެގެންކަން ނުވަތަ ނޫންކަން އޮޅުންފިލުވަން ޒާހިރު އެހިއެވެ. ހަޤީޤަތް ހާމަ ކުރަން އެއީ އަހަރެންނަށް ލިބުނު ދެވަނަ ފުރުސަތެވެ. އަހަރެން ހިޔާރު ކުރީ ހިމޭންކަމެވެ. އަހަރެންގެ ބަލި ހާލު ގޯސްވުމުން ޒާހިރުއަށްވެސް އެނގޭނެއެވެ. އެހާ އިރަށް އަހަރެން އެދެނީ ސިއްރު ކުރުމެވެ.

ޝާރުދާ ކިޔައިދީފައިވާ ފަދައިން ބަލީގެ އަލާމާތްތައް މަޑުމަޑުން ފެންމަތި ވަމުން އަންނަން ފެށިއެވެ. މިހާ ދުވަހު އަހަރެން ނަގަހައްޓާފައިވާ ހިތްވަރުގެ ވަރުގަދަ ތަނބު ގުޑަން ފެށީ ދެނެވެ. ކުދިންގެ ކުޅެން އުޅޭއިރު ބަލަން އިނދެގެން ހިތަށް އަރައެވެ. އެކުދިން ބޮޑުވެގެން އަންނަތަނެއް އަހަންނަކަށް ނުފެންނާނެއެވެ. އެކުދިން އޯލެވެލް ނިންމައި ނަތީޖާ ގެންނައިރު އަހަރެންނެއް ނުހުންނާނެއެވެ. އެކުދިން ވަޒީފާ އަދާކުރާތަނެއް އަހަރެންނަކަށް ނުފެންނާނެއެވެ. އެކުދިން ލޯބިވެރިން ހޯދާއިރު އެކުވެރިއެއް ފަދައިން ލަފާ ހޯދަން މަންމަ ނެތްކަމުގެ އުނިކަން އަންނާނެއެވެ. އެކުދިން ޒަވާޖީ ހަޔާތް ފަށާނީ އަހަރެންނާއި ނުލައެވެ. އެކުދިންނަށް ލިބޭ ދަރިންނަށް މާމައެއް ނުފެންނާނެއެވެ.

ލޮލުން ކަރުނަ އަންނަން ފެށުމުން އަހަރެން ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. އެނދުގައި އޮތްއިރު، ފާރުގައި ހަރުކޮށްފައި ހުރި ކައިވެނީގެ ފޮޓޯއަށް ނަޒަރު ހުއްޓުނެވެ. ހިތަށް އެރިއެވެ. އަހަރެން ވަކިވުމާއެކު ޒާހިރުގެ ތުންފަތް މަތީގައިވާ ހިނިތުންވުން ފިލައިގެން ދާނެއެވެ. ޒާހިރުގެ ހިތް ކުނޑި ކުނޑި ވާނެއެވެ. އޭނާގެ ހުރި ހިތް ބަލިކަން އެންމެ ރަނގަޅަށް އެނގެނީ އަހަރެންނަށެވެ. އަހަރެން ވަކިވުމުގެ ހިތާމަ ފިލަން އޭނަ ނަގާނީ ކިތައް ދުވަސްކަމެއް ނޭނގެއެވެ. އަނބިމީހާ ނެތުމުން އަނބިމީހާ ދިން ޚިދުމަތްތައް ހޯދަން ޖެހޭނީ އަނެއްކާވެސް މަންމަގެ ފުށުންނެވެ. އަހަރެން ކައްކާ ކާއެއްޗެއްސަށް ހޭނިފައި ހުއްޓާ އަނެއްކާ ރަހަ ބަދަލުވާނެއެވެ.

އޮފީސް ދަތުރެއްގައި ޒާހިރު ރާއްޖެއިން ބޭރަށް ދާ ވާހަކަ ބުނަން އައެވެ. އޭރު އަހަރެން އޮތީ ހޮޑު ލައި ލައި ވަރުބަލިވެގެން ނިދިފައެވެ. ޒާހިރު އައިސް ނުހަނު ލޯބިން ފިރުމާލައިފައި ގޮވިއެވެ. އޭނަ އެޚަބަރު ދިން ވަގުތު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެމޫނަށް ބަލަން އަހަރެން އޮތީ ފަހު ފަހަރު ކަމަށް ވެދާނެކަން ހަނދާންވެފައެވެ. ޒާހިރު އެނބުރި އަންނާންދެން ވެސް އަހަރެން ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެއެވެ.

އަހަރެންގެ ކަރުނައިން ޒާހިރު ހިތުގައި ސުވާލު އުފެދުނެވެ. މިހާރަކަށް އައިސް އަހަރެން މާ އަވަހަށް ޖަޒުބާތީ ވާކަން ފާހަގަ ކުރިއެވެ. އަހަރެން އޮތީ ނުބުނަން ވެގެންނެވެ. ފޮށްޓަށް އެއްޗެހި އަޅަން ހުރެފައި އޭނާ ވަނީ ވުޟޫ ކުރަން ވެގެންނެވެ. އޮފީހުގައި ބިޒީކޮށް އުޅުމުން މެންދުރު ނަމާދު ނުކުރެވޭ ކަމުގައި ބުނެ ނަމާދު ކުރަން ފެށީ ކޮޓަރީގައެވެ. އަހަރެން އޮތީ ޒާހިރުއަށް ބަލާށެވެ. އެނދުން އަހަރެންނަށް ތެދުވެވުނީ ފަހު ރަކްއަތުގެ ފަހު ސަޖިދައަށް ގޮއްސައި ނުތެދުވީމައެވެ. އަހަރެން އިރުކޮޅަކު އިންތިޒާރު ކުރީމައެވެ. ގޮވަންވެސް ގޮވީމެވެ. އެންމެފަހުން ކެތްނުވެގެން ގޮސް ކޮނޑުގައި ހިފާލުމާއެކު މީހާ އެއް އަރިއަކަށް ވެއްޓުނީއެވެ. ޒާހިރު އޮތީ މަރުވެފައެވެ.

އަހަރެން މީ ކެންސަރު ބަލީގައި ފަހު ދުވަސްތައް ގުނަމުންދިޔަ މީހާއެވެ. އެކަމަކު އަހަރެންނަށްވުރެ ދުނިޔެ ދޫކޮށްފައި އެދިޔައީ ހެޔޮހާލުގައި ހުރި އަހަރެންގެ ފިރިމީހާއެވެ. އަހަރެމެން މަރަށް ތައްޔާރު ވާންވީ ފަސޭހަ ނުވާ ބައްޔެއް ޖެހުނީމައެއް ނޫނެވެ. ދަރިން ނަރަކައިން ސަލާމަތް ކުރަން އެކުދިން ތަރުބިއްޔަތު ކުރަންވީ މަރު އައިސް ކައިރިވެއްޖެކަން ކަށަވަރު ވީމައެއް ނޫނެވެ. އަހަރުމެން އަބަދުވެސް ހަނދާން ކުރަންވީ މަރަކީ އެންމެ ކައިރީގައިވާ އެކަތި ކަމެވެ. ވަގުތު ޖެހުމުން އެމަރު އައިސް ބައްދަލު ކުރެއެވެ. ނިކަމެއްޗެއް، ކުޑަ ކުއްޖެއް، ބަލި މީހެއް އަދި ހެޔޮހާލުގައި ވާ މީހަކަށް ނުބަލައެވެ. -- ނިމުނީ --