07 ޖޫން 2017 - 00:30

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމު މިރޭ ދުބާއީގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 2-1 އިން ބަލިވެއްޖެ އެވެ.
ފީފާގެ ތާރީހެއްގައި ކުޅުނު ބައިނަލްއަގްވާމީ މި އެކުވެރިކަމުގެ މެޗުގައި ރާއްޖެ ކުޅުނީ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅޭ ބައެއް ކުޅުންތެރިން ނެތި އެވެ. އަދި މެޗުގެ ތެރޭގައި ވެސް ގިނަ ބަދަލުތަކެއް ގެނަ އެވެ. މެޗުގެ ކުރިން ވެސް ކޯޗު ޑަރެން ސްޓެވާޓް ބުނީ މި މެޗު ބޭނުންކުރާނީ ކުޅުންތެރިން ޓެސްޓްކުރުމަށް ކަމަށެވެ.
މި މެޗުގެ 38 ވަނަ މިނެޓުގައި އަފްގާނިސްތާނުން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ކުޅުންތެރިއަކު އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރެއް ބްލޮކްކުރުމުން އޭރިއާ ތެރޭ ހުސްކޮށް ހުރި ހަސަން އަމީނަށް ލިބުމުން އޭނާ ވަނީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
ރާއްޖެ އަށް 41 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގެ ކުރީކޮޅު ސެންޓޭ ވަނީ ހިލޭ ޖެހުމަކުން ވެސް އަފްގާނިސްތާނަށް ނުރައްކާކޮށްފަ އެވެ. ދެ ވަނަ ހާފުގައި އަފްގާނިސްތާނަށް އަލުން ލީޑު ނަގައިދިނީ 62 ވަނަ މިނެޓުގައި އޮމިދު ޕޮޕަލްޒޭ އެވެ.
މި މެޗުގައި މާޒިޔާގެ އަސަދުﷲ އަބްދުﷲގެ ރާއްޖޭގެ ފޯވާޑް ލައިން ބެލެހެއްޓީ ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި ޑިފެންސް ލައިނުގައި ވެލެންސިއާގެ ޝާފިއު އަހުމަދާ އެކު ކުޅުނީ އީގަލްސްގެ އަހުމަދު ޒާދެވެ. އެ މަގާމަށް ގަވާއިދުން ކުޅެމުން އަންނަ މާޒިޔާގެ އަމްދާން އަލީ (އެންޑީ) އަދި ފޯވާޑް އަސަދުﷲ އަށް މިރޭ ފުރުސަތު ނުދިނީ އޭއެފްސީ ކަޕުގައި ދާދި ފަހުން މެޗު ކުޅެފައިވާތީ ރިކަވާވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
އައްމަޑޭގެ ފަހަތުން އެޓޭކިން މިޑްފީލްޑަރަކަށް މުހައްމަދު އުމެއިރު ކުޅުނުއިރު ދެ ފަޅިން ކުޅުނީ ޓީސީގެ ނާއިޒް ހަސަން (ދާދު) އާއި ސެންޓޭ އެވެ. ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާ އެކު މެދުތެރެއަށް ދެން ކުޅުނީ ދުވަސްތަކަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނުނު ނިއުގެ އަކްރަމް އަބްދުލްގަނީ އެވެ. ފަޅިން ފަހަތަށް ކުޅުނީ އެ މަގާމަށް ގަވާއިދުން ކުޅެމުން އަންނަ ނިއުގެ ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ގޯލް ބެލެހެއްޓީ ވެލެންސިއާގެ މުހައްމަދު ފައިސަލެވެ.
ފަހު ހާފުގައި ކޯޗު ވަނީ އަޑުބަރޭގެ ބަދަލުގައި މާޒިޔާގެ މުހައްމަދު އިރުފާން އަދި އަކްރަމްގެ ބަދަލުގައި އީގަލްސްގެ އިމްރާން ނަޝީދު އަރުވައިފަ އެވެ. އަދި ސެންޓޭގެ ބަދަލުގައި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެރިއިރު ދާދުގެ ބަދަލުގައި މާޒިޔާގެ މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ވެސް އެރުވި އެވެ. މީގެ އިތުރުން ވިކްޓަރީގެ އިސްމާއިލް އީސާ އަށް ވެސް ކޯޗު ފުރުސަތު ދިނެވެ.
މި މެޗަށް ގައުމީ ފުޓްބޯޅަ ޓީމު މާޑަމާ ތައިލެންޑަށް ފުރާނެ އެވެ. އަދި ހަތަރު ދުވަހު ތަމްރީން ހެދުމަށް ފަހު 11 ވަނަ ދުވަހު ބޫޓާނަށް ދާނެ އެވެ. ބޫޓާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ބޫޓާނުގެ ވެރިރަށް ތިމްޕޫގަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން މާލޭގައި 3-0 އިން ވަނީ ބަލިވެފަ އެވެ. އޮމާން ވަނީ ފުރަތަމަ މެޗުން ބޫޓާން އަތުން 14-0 އިން މޮޅުވެފަ އެވެ. އޮމާނާއި ފަލަސްތީނަށް ހަ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ އޮމާނެވެ.
އަންނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާނީ ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.