06 ޖޫން 2017 - 19:17

ރިޔާޒް (ޖޫން 6) - ސައުދީ އަރަބިއާގައި އަންހެނުން ކާރު ދުއްވުމަށް ބާރު އަޅާ އެކްޓިވިސްޓް ލުޖައިން އަލް ހަޒްލޫލް ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ދައްމާމުގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓުން މި މަހު 4 ވަނަ ދުވަހު ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުންޏެވެ. އަދި ހަޒްލޫލް، 27، އަށް ވަކީލެއްގެ އިތުރުން އާއިލާއާ ބައްދަލު ކުރަން ވެސް ފުރުސަތު ދީފައި ނުވާ ކަމަށް އެމްނެސްޓީން ބުންޏެވެ.
ހަޒްލޫލް އެންމެ ފަހުން ހައްޔަރު ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ޕްރޮސެކިއުޓަރުން ސުވާލު ކުރުމަށް އޭނާ މިއަދު ރިޔާޒަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްނެސްޓީން ވަނީ ހަޒްލޫލް ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި ތަކުރާރުކޮށް އޭނާ އަށް ޖެއްސުން ކުރުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެ އެވެ.
ހަޒްލޫލް ވަނީ ކާރުގައި ޔޫއޭއީން ސައުދީ އަށް ދަތުރު ކުރަނިކޮށް 2014 ވަނަ އަހަރު ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ދޫކޮށްލީ 73 ދުވަސް ފަހުންނެވެ. ސައުދީގައި އަންހެނުންނަށް ވޯޓުލުމުގެ ހުއްދަދީ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު ނޮވެމްބަރު 2015 ގައި އޭނާ ވަނީ އިންތިޚާބުގައި ވާދަކުރަން ހުށަހަޅައިފަ އެވެ. ނަމަވެސް ވޯޓު ކަރުދާހުގައި އޭނާގެ ނަމެއް ނެތެވެ.
ހަޒްލޫލް ވަނީ އެންމެ ނޫފުޒުގަދަ އަރަބި 100 އަންހެނުންގެ ތިން ވަނައިގައި 2015 ވަނަ އަހަރު ހިމެނިފަ އެވެ.