ޓްރަމްޕުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހިގެން ޑިޕްލޮމެޓަކު ވަކިވެއްޖެ
ޓްރަމްޕުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހިގެން ޑިޕްލޮމެޓަކު ވަކިވެއްޖެ

ބެއިޖިން (ޖޫން 6) - ޕެރިސް ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވާން ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން، ޗައިނާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެކްޓިން އެމްބަސެޑާ ޑޭވިޑް ރޭންކް އިސްތިއުފާ ދެއްވައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ބެއިޖިންގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ އެއީ ރޭންކުގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އަދި ރޭންކުގެ ޚިދުމަތަށް ވަނީ އެމްބަސީން ޝުކުރު އަދާކޮށްފަ އެވެ.

ރޭންކުގެ ގާތް ބައެއް ފަރާތްތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޗައިނާއާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތާ މެދު ރޭންކު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓާ ރޭންކް ގުޅިވަޑައިގެންނެވީ 1990 ވަނަ އަހަރު އެވެ. އޭނާ ވަނީ އަފްޣާނިސްތާން، ޓައިވާން، ގްރީސް އަދި މޮރިޝަސްގައި މަސައްކަތް ކުރައްވައިފަ އެވެ. ޗައިނާގައި ހުންނަ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓުގެ ގޮތުގައި ރޭންކް މަސައްކަތް ފައްޓަވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޗައިނާ އެމްބަސެޑަރަކަށް ޓްރަމްޕް ހަމަޖެއްސެވި ޓެރީ ބްރޭންސްޓަޑް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި މަހު ފަހުކޮޅު އެވެ.

ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވީ މޫސުމަށް ބަދަލު އައުމަކީ ޗައިނާ އިން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ޕެރިސް އެއްބަސްވުމުން ފައިދާ ވާނީ ޗައިނާ އާއި އިންޑިއާ އަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.