ލަންޑަނުގައި ހަމަލާ ދިން ތިން ވަނަ މީހާ އަކީ މޮރޮކޯ-އިޓަލީ މީހެއް
ލަންޑަނުގައި ހަމަލާ ދިން ތިން ވަނަ މީހާ އަކީ މޮރޮކޯ-އިޓަލީ މީހެއް

ލަންޑަން (ޖޫން 6) - ލަންޑަން ބްރިޖުގައި ހޮނިހިރު ދުވަހު ހަމަލާ ދިން ތިން ވަނަ މީހަކީ މޮރޮކޯ-އިޓަލީ އަށް ނިސްބަތްވާ 22 އަހަރުގެ ޔޫސުފް ޒަގްބާ ކިޔާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ލަންޑަނުގެ އިރުމަތީގެ ހިސާބެއްގައި ދިރިއުޅުނު ޒަގްބާ އަކީ ސީރިއާ އަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ އަހަރު އިޓަލީގެ އެއާޕޯޓަކުން ހުއްޓުވި މީހެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.

ލަންޑަން ބްރިޖާއި ބަރޯ މާކެޓުގައި ހޮނިހިރު ދުވަހު ހަމަލާ ދިން ދެ މީހުންގެ މައުލޫމާތު ފުލުހުން ކުރިން ވަނީ އާއްމުކޮށްފަ އެވެ. މީގެ ތެރޭން އެކަކީ 27 އަހަރުގެ ޚުރާމް ބަޓް ކިޔާ މީހެކެވެ. އޭނާ އަކީ 2015 ވަނަ އަހަރުން ފެށިގެން ފުލުހުންނަށް ފާހަގަވެފައިވާ މީހެއް ކަމަށްވެ އެވެ. އަދި ޗެނަލް 4 ގެ ޑޮކިއުމެންޓަރީއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދައެއް ހިފައިގެން އޭނާ އުޅެނިކޮށް ދައްކާފައިވެ އެވެ. ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ ބަޓަކީ ޕާކިސްތާނަށް އުފަން، މިހާރު އިނގިރޭސި ރައްޔިތެއް ކަމަށެވެ. އޭނާ މަސައްކަތް ކުރީ ފިޓްނެސް ސެންޓަރެއްގެ ރިސެޕްޝަނުގަ އެވެ.

ހަމަލާގައި ދެން ބައިވެރި ރާޝިދު ރަދުއާން، 30، އަކީ މޮރޮކޯ އަދި ލީބިއާ ދަރިކޮޅު މީހެއް ކަމަށް މެޓް ފުލުހުން ބުނެ އެވެ. ބަޓް އެކޭ އެއްގޮތަށް ރާޝިދު ވެސް ދިރިއުޅުނީ ލަންޑަނުގެ އިރުމަތީގެ ބާކިން އޭރިއާގަ އެވެ. ބަޓާ ޚިލާފަށް ރާޝިދަކީ ކުރިން ފުލުހުންނަށް ފާހަގަވެފައިވާ މީހެއް ނޫނެވެ.

ހަމަލާއާ ގުޅިގެން ހައްޔަރު ކުރި 12 މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ލަންޑަނުގައި ދިން ހަމަލާގައި ހަތް މީހުން މަރުވެ 48 މީހުން ވަނީ ޒަަޚަމްވެފަ އެވެ.