07 ޖޫން 2017 - 07:48

އެންޑްރޮއިޑް މާކެޓްގައި އިންޓަނެޓް ބްރައުޒާތައް ގިނަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުންކުރާ ބްރައުޒާއަކަށް ގޫގުލް ކްރޯމް ވެދާނެ އެވެ. އެއީ އެންޑްރޮއިޑް ފޯނުތައް މާކެޓަށް ނެރޭއިރު އެ ބްރައުޒާ ފޯނަށް އަޅާފައި އިންނާތީ އެވެ.
ސެމްސަމްގް އިންޓަނެޓް ބްރައުޒާ ވެސް ގިނަ ބަޔަކު ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ. ގެލަކްސީ ފޯނުތައް ވިއްކަން ފަށާއިރު ވެސް އެ ބްރައުޒާ އިނދެ އެވެ. އެކަމަކު އެ ބްރައުޒާގެ ހައިސިއްޔަތު މިހާރު ވަނީ ފުޅާކޮށްފަ އެވެ. ގެލަކްސީ ފޯނުތައް ނޫން ފޯނުތަކުގައި ވެސް ބޭނުންކުރެވޭ ގޮތް ހަދައި، ގޫގުލް އެޕްލިކޭޝަން ސްޓޯރު، ޕްލޭ އަށް ލާފަ އެވެ.
ގޫގުލް ކްރޯމް އަދި ސެމްސަންގް އިންޓަނެޓް ބްރައުޒާގައި ގާތްކަމެއް ހުރެ އެވެ. އެއީ ބޭނުންކުރަން ވަރަށް ފަސޭހަ ދެ ބްރައުޒާ އެވެ. އޭގެ ތެރެއިން ވެސް ސެމްސަންގް އިންޓަނެޓް ބްރައުޒާގައި ބޭނުންކުރަން ފަސޭހަ "ފީޗާ"ތަކެއް ހުރެ އެވެ.
ސެމްސަންގް އިންޓަނެޓް ބްރައުޒާ އަށް އެ ކުންފުނިން ގެންނަ ބަދަލުތައް، ގެލަކްސީ ފޯނުތަކުގައި ހިނގައި ދަނީ އޮޓަމެޓިކުންނެވެ. ސެމްސަންގް އަށް ނިސްބަތްނުވާ އެންޑްރޮއިޑް ފޯނުތަކަށް އެ ބްރައުޒާ އެޅުނު ނަމަވެސް، ގެލަކްސީ ފޯނުތަކާ ޚިލާފު އިހުސާސެއް ހުރުމަކީ ވެދާނެ ކަމެކެވެ.
ގޫގުލް ޕްލޭ ސްޓޯރުގައި، އާންމުކޮށް ލިބޭނެ ގޮތަށް، ސެމްސަންގް އިންޓަނެޓް ބްރައުޒާ ވަނީ ދޫކޮށްލާފަ އެވެ. ބޭނުން ނަމަ އަޖުމަބަލަންވީ އެވެ. ގަޔާވެއްޖެ ނަމަ، އާންމުކޮށް ބޭނުންކުރާ ބްރައުޒާ ކަމަށް ހަދާށެވެ. އެ ނޫން ގޮތެއްގައި، ފޯނުން ފޮހެލާށެވެ.
ސެމްސަން އިންޓަނެޓް ބްރައުޒާގައި ހުރި ފަސޭހަތަކުގެ ތެރޭގައި، އަކުރުތަކުގެސައިޒު ބަދަލުކުރެވުން، ޕޭޖްތައް ޝެއާކުރުން، ޕޭޖް ޝޯޓްކަޓް އަދި ވަރަށް ފަސޭހަކަމާ އެކު ޓެބްތައް ބެލެހެއްޓުން ހިމެނެ އެވެ.