އަހަރެންގެ ޓިއުބްލައިޓަށް "ބަހޫބަލީ 2" ބައްޔެއް ނުކުރެވޭނެ: ސަލާމަން
އަހަރެންގެ ޓިއުބްލައިޓަށް "ބަހޫބަލީ 2" ބައްޔެއް ނުކުރެވޭނެ: ސަލާމަން

ސަލްމާން ޚާނާއި އާމިރު ޚާނަކީ ބޮކްސް އޮފީހުގައި ރަސްކަން ކުރާ އެކްޓަރުންނެވެ. މި ދެ އެކްޓަރުންގެ ފިލްމެއް ރިލީޒްކުރާ ނަމަ އާ ރެކޯޑް ތަކެއް ގާއިމްކުރާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

ދާދިފަހުން ރިލިޒްކުރި "ބާހޫބަލީ 2" ރެކޯޑްތައް މުގުރާފައި ވިޔަސް މި ފިލްމަކީ ސީދާ ހިންދީ ފިލްމަކަށް ނުވާތީ އެ ގިންތީގައެއް ނުގުނެ އެވެ. މި ފިލްމު ނަގައިފި ނަމަ ދެން އެންމެ ގިނަ ރެކޯޑްތައް ހަދާފައި އޮތީ އާމިރު ޚާންގެ "ދަންގަލް" އެވެ.

ސަލްމާންގެ ފޭނުން ގަބޫލުކުރަނީ އޭނާގެ "ޓިއުބުލައިޓް" އަކީ "ދަންގަލް" އާއި "ބަހޫބަލީ 2"ގެ ރެކޯޑްތައް މުގުރާނެ ފިލްމަކަށް ވާނެ ކަމަށެވެ. ނަމަވެސް ފޭނުންގެ ޚިޔާލާއި ސަލްމާންގެ ޚިޔާލު ތަފާތެވެ.

ފާއިތުވީ ތަނުގައި އެންމެ ގިނަ ބްލޮކްބަސްޓާ ފިލްމުތައް ނުކުމެފައިވާ އެކްޓަރު ބުނީ "ބަހޫބަލީ 2" ގެ ރެކޯޑްތައް އޭނާގެ ފިލްމަށް މުގުރާލެވިދާނެ ކަމާ މެދު ޝައްކު ކަމަށެވެ. ފަސްޓްޕޯސްޓަށް ސަލާމްން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި ރެކޯޑްތައް ނުމުގުރުނަސް އޭނާގެ ފަރުވާލެއް ނެތެވެ. އެކަމުގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ބަހޫބަލީ 2" ބަލަން މީހުން އުޅުނު ގޮތް ފެނިފައި އެ ފިލްމުގެ ރެކޯޑް އޭނާގެ ފިލްމަށް މުގުރިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. "ބަހޫބަލީ 2" އަކީ އަސްލު ހިންދީ ފިލްމަކަށް ނުވެފައި އެއީ ހިންދީ ބަހުން ޑަބް ކޮށްފައިވާ ފިލްމަކަށް ވިޔަސް މީހުން އެ ފިލްމު ބަލަން ހުރި ޝައުގު އޭނާ ފާހަގަކުރި އެވެ.

ސަލްމާން ބުނި ގޮތުގައި އޭނާގެ ފިލްމަށް މާ ގިނަ ރެކޯޑްތަކެއް މުގުރާނުލެވުނަސް އެއްވެސް މީހަކަށް ގެއްލުން ނުވެއްޖެ ނަމަ އޭނާއަށް މައްސަލައެއް ނެތެވެ. ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަސް ޖެހުމުން ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ލިބޭކަމަށް ސަލްމާން ވަނީ އެއްބަސް ވެފަ އެވެ.