07 ޖޫން 2017 - 07:49

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ މިހާރު އުފައްދަމުންދާ "ޕަދްމާވަތީ" ނިމުމަށްފަހު ދެން ފަށާ ޕްރޮޖެކްޓްގައި ސަލްމާން ޚާން ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. ބާންސާލީގެ ފިލްމެއް ކުޅެން ހަމަޖެހިފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެއީ އަރުވައިގެން އުޅޭ އަޑެއް ކަމަށެވެ.
ނަމަވެސް އޭނާ ލައްވާ ކުޅުވާނެ ފިލްމެއްގެ ރަނގަޅު ޚިޔާލެއް ބާންސާލީގެ އޮތް ނަމަ އޭނާ ހުރީ އެ ފިލްމަކަށް އާއެކޭ ބުނަން ތައްޔާރަށް ކަމަށް ވެސް ސަލްމާން ބުންޏެވެ. ފާއިތުވީ ތަނުގައި ސަލްމާނާއި ބާންސާލީ ގުޅިގެން އުފެއްދި "ޚާމޯޝީ: ދަ މިއުޒިކަލް" އާއި "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަކީ ވަރަށް ރީތި އެހާމެ ކާމިޔާބު ފިލްމު ތަކެކެވެ.
މިހާރު ހަމަޖެހިފައި އޮތް ގޮތުން "ޕަދްމާވަތީ" ނިންމުމަށް ފަހު ބާންސާލީ ސަލްމާނު ލައްވާ ކުޅުވަން ބޭނުންވާ ފިލްމުގެ ސްކްރިޕްޓް ހުށަހަޅައި ދެ މީހުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. ނަމަވެސް ފިލްމު ކުޅެން ސަލްމާން އެއްބަސްވި ނަމަވެސް އެކަން ކުރެވޭނީ އޭނާ މިހާރު ސޮއިކޮށްފައިވާ ފިލްމުތައް ނިމުމުންނެވެ.
ކުރިޔަށް އޮތް ދެ އަހަރު ދުވަހަށް ސަލްމާން ވަނީ އެއްކޮށް ބުކް ވެފަ އެވެ. "ޓިއުބުލައިޓް" ގެ ޝޫޓިން ނިމިފައި ވިޔަސް "ޓައިގާ ޒިންދާ ހޭ" އަދި ނުނިމެ އެވެ. އޭގެ ފަހުން ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރާ ޑާންސް ފިލްމެއް ކުޅެން ހަމަޖެހިފައިވެ އެވެ. އަދި މި ފިލްމު ނިމުމުން ދެން އޮތީ ސަލްމާންގެ ކޮއްކޮ އަލްވިރާ އަގްނިހޯތުރީ އުފައްދާ އަދި ނަމެއް ނުކިޔާ ފިލްމެކެވެ. އެއަށްފަހު ފިރިހެން ކޮއްކޮ އަރްބާޒް ޚާންގެ "ދަބަންގް 3"ގެ މަސައްކަތްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ހުރިހާ މަސައްކަތެއް ކަނޑައެޅިފައިވާ ޝެޑިއުލަށް ކުރިޔަށް ހިނގައްޖެ ނަމަ ނިންމާލެވޭނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގަ އެވެ.
ސަލްމާން މިހާރު އުޅެނީ ފިތުރު އީދު ދުވަހު ރިލިޒްކުރަން ހަމަޖެހިފައިވާ "ޓިއުބުލައިޓް"ގެ ޕްރޮމޯޓްކުރުމުގަ އެވެ.