06 ޖޫން 2017 - 14:17

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ތުނބުޅި ދިގުކުރި މައްސަލާގައި އެ މީހުން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިއަދު ނިންމައިފި އެވެ.
އިމިގްރޭޝަންގެ ހަތަރު މުވައްޒަފަކު މިިދިޔަ ޖެނުއަރީމަހު ވަޒީފާ އިން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އަމަލުކުރަން ފެށި އިމިގްރޭޝަންގެ ޔުނިފޯމްގެ ގަވާއިދުގެ ދަށުން ތުނބުޅި ދިގު ކުރުމާއި، ފަޓުލޫނުގެ ފައި ކުރި ކުރު ކުރުން މަނާކޮށްފައި ވަނިކޮށް އެކަން ކުރުމުންނެވެ. އެ ގަވާއިދު އައުމާ އެކު ސެޕްޓެމްބަރުމަހު ވަނީ އެ މީހުން ވަޒީފާ އިން ވަކިކުރާނެ ކަން އަންގައިފަ އެވެ.
އެ މައްސަލަ އެ ހަތަރު މީހުންގެ ފަރާތުން ހުށަހެޅުމުން ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުމުގައި ވަނީ އެ މީހުން ވަކިކުރީ އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދާ ޚިލާފަށް، ތުނބުޅި ދިގު ކުރުމާއި ފައި ކުރި ކުރުމުން ކަމަށް ވާއިރު ސިވިލް ސާވިސްގެ ގަވާއިދުތަކާ ޚިލާފު ވުމަކީ ވަޒީފާ އިން ވަކި ކުރެވިދާނެ ސަބަބެއް ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންވެ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް އެ މައްސަލަ ބެލި ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ ހިނގަމުންދާތީ، އެ ހަތަރު މީހުން އަދާކުރި ވަޒީފާތަކަށް އިތުރު މީހަކު ނުނަގަން ޓްރައިބިއުނަލުން އޮތީ އަމުރުކޮށްފަ އެވެ.