06 ޖޫން 2017 - 14:05

ދޯހާ (ޖޫން 6) - އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް ކުވޭތުން މަސައްކަތް ކުރަމުންދާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ތާނީ ވިދާޅުވީ ކުވޭތުވެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ އަށް ގުޅުއްވާ ހަމަޖެހިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. ކުވޭތުން ވަނީ ގަތަރު މައްސަލަ ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ވެސް ހުށަހަޅައިފަ އެވެ. ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ސައުދީގެ އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ކުވޭތުގެ އަމީރު މިއަދު ރިޔާޒަށް ވަޑައިގަންނަވާނެ ކަމަށެވެ.
ކުވޭތުގެ ކޫނާ ނިއުސް އެޖެންސީން ވެސް ވަނީ ޝެއިޚް ސަބާހު ގަތަރުގެ އަމީރަށް ގުޅުއްވާ މަޝްރަހު އިތުރަށް ގޯސްވާނެ ފަދަ ފިޔަވަޅެއް ނޭޅުއްވުމަށް އެދިވަޑައިގެންފަ އެވެ.
ސައުދީ އަރަބިއާއާ އެކު ބަހުރޭން، ޔޫއޭއީ އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލި ނަމަވެސް ގަލްފް ކޯޕަރޭޝަން ކައުންސިލުގައި ހިމެނޭ ކުވޭތާއި އޮމާނުން އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. ފަހުން ވަނީ ޔަމަނާއި ލީބިއާ އަދި ދިވެހި ރާއްޖެ އިން ވެސް ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.
ގަތަރާ ގުޅުން ކަނޑާލި ސަބަބެއް ކަމަށް ސައުދީ އަރަބިއާ އިން ބުނެފައި ވަނީ މުސްލިމް ބްރަދާހުޑާއި އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖަމާއަތްތަކުގެ އިތުރުން އީރާނަށް ތާއިދު ކުރުމެވެ. މި ތުހުމަތުތަކަށް ރައްދު ދީ ގަތަރުގެ ފޮރިން މިނިސްޓްރީން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.