21 ޖޫން 2016 - 12:57

ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމައިފި އެވެ.

ޓާޓާއާ އެކު 2010 ގައި އެމްޑީޕީ ސަރުކާރުން އެއްބަސްވުމެއް އެކުލަވައިލީ ގާކޮށި ބިމާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އިމާރާތް ކުރުމަށެވެ. އެއްބަސްވުމުގައިވާ މުއްދަތަށް ވުރެ ދިގުލައިގެން ދިޔަ މި ޕްރޮޖެކްޓް ނިމުނު އިރު، ޓާޓާ އަށް 287 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކަން ޖެހިފަ އެވެ.
މާލިއްޔަތު ކޮމެޓީ އަށް މައްސަލަ ހުށަހެޅުއްވި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު މިއަދު "މިހާރު" އަށް ވިދާޅުވީ އެ އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެމްޑީޕީ ސަރުކާރުން އެ އެއްބަސްވުން އެކުލަވާލާފައިވާ ގޮތް ސާފު ނޫން ކަމަށެވެ. އެ އެއްބަސްވުމުގައި ހާމަނުވެ ހުރި ގިނަ ކަންކަން ހުރި ކަމަށް ލަފާކުރެއްވޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓާޓާ އިން އިމާރާތް ކުރި ކޮންމެ އިމާރާތަކުން ތިން ފްލޯ 50 އަހަރަށް، އެ މީހުން ބޭނުން އަގެއްގައި ކުއްޔަށް ދެވޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން ވެސް ފްލެޓްތަކުން އެ ކުންފުންޏަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މިއީ ދިރާސާކުރަން ޖެހޭ ކަމެއް. ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއްގައި ހައްލު ހޯދޭނީ ވެސް މި އެއްބަސްވުން ރަނގަޅަށް ދިރާސާކޮށް، ކަންކަން ހޯދައިގެން،" ރަޝީދު ވިދާޅުވި އެވެ.
ގާކޮއްޓާއި އަރަބިއްޔާ ބިމުގައި ހެދި ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އެއީ، މަހެއްގެ މައްޗަށް 33،000ރ. އެވެ.
ފްލެޓް އަގުގެ ގޮތުގައި މަހެއްގެ މައްޗަށް ދައްކަން ޖެހޭ އަދަދު ބޮޑު ވެފައިވާއިރު އެ އެއްބަސްވުމަކީ ސަރުކާރު "ކަރުތާ ފެނަށްލާ" ގޮތަށް ހަދާފައި އޮތް އެއްޗެއް ކަން ރައްޔިތުންނަށް ނޭނގޭ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
"އެހެންވެ މިކަމުގައި ރައްޔިތުންނަށް ލުޔެއް ހޯދައިދެވޭނެ ގޮތެއް ބެލެން އޮތީ ވެސް މިކަން ދިރާސާ ކޮށްގެން،" ރަޝީދު ވިދާޅުވި އެވެ.
ގާކޮށްޓާއި އަރަބިއްޔާގައި އިމާރާތް ކުރި ފްލެޓްތަކުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު ފްލެޓްތައް ސަރުކާރާ ހަވާލުނުކޮށް ލަސްވަނީ ސަރުކާރުން ޓާޓާ އަށް ދައްކަން ޖެހޭ 278 މިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.