22 ޖޫން 2016 - 07:52

މި މަހުގެ 20 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ރެފިއުޖީ ދުވަހާ ގުޅުވައިގެން އަސަރު ގަދަ އިބުރަތުން ފުރިގެންވާ ވާހަކައެއް ކިޔައިދިން އެކަކީ އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސެލީން ސިމާން އެވެ.

"އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އޭރު އަހަންނަށް ތިން އަހަރު. ލުބްނާންގައި އޭރު ހަނގުރާމަ ހިނގަމުން ދިޔަ. އަހަރެންގެ މަންމަ އާއި ކޮއްކޮ ރަށް ދޫކޮށް ބައްޕަ ގާތަށް ދާން، ރޮމުން ތިމާގެ މީހުންނަށް އަލްވަދާއު ކީ. ދެން ވާނެގޮތެއް އެކަކަށްވެސް ނޭނގެ. އެކަމަކު އެހެން ރަށެއްގައި ވަޒަންވެރިވެ އާ ހަޔާތެއް ފެށުމަށް ތިބީ ކެތް މަދުވެފައި،" ސެލީން 30 އަހަރު ފަހުން އޭނާގެ މާޒީ ކިޔައިދިނެވެ.

ސީރިޔާގައި 2011 ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމަ އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ސިއްސުވާލި އެންމެ ބޮޑު އެއް ހަނގުރާމަ އެވެ. އދ. އިން ބުނާ ގޮތުގައި އެ ހަނގުރާމައިގެ ސަބަބުން ފަސް މިލިއަން މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފަ އެވެ. މީގެ ތެރެއިން އެއް މިލިއަން ރެފިއުޖީން ސެލީންގެ އުފަން ގައުމު ލުބްނާންގައި އުޅެ އެވެ. އެކަމަކު ސެލީން މިހާރު ދިރިއުޅޭ އެމެރިކާ އިން އެއްބަސްވެފައި ވަނީ ސީރިއާގެ އެންމެ 1285 ރެފިއުޖީންނަށެވެ. އެއީ ރެފިއުޖީންގެ އާބާދީގެ އެންމެ 0.027 ޕަސެންޓެވެ.

"ރެފިއުޖީއަކަށް ވީތީ، ރަނގަޅު އާމްދަނީ ލިބޭ މަސައްކަތެއް ކުރަން ޖެހޭ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފެޝަން ޑިޒައިނަރަކަށް ވުމަކީ އެންމެ ހަރުދަނާ މަސައްކަތެއް ނޫން،" ސެލީން ބުންޏެވެ.

ލުބްނާންގައި ހަނގުރާމަ ހިނގަމުން ދިޔައިރު އެ ގައުމަށް އެނބުރި ނުދާން ސެލީންގެ އާއިލާ ގިނަގުނަ ކަންތައްތަކެއް ކޮށްފައިވެ އެވެ. ހަރުދަނާ ވަޒީފާއެއްގައި އަދާކުރުމަކީ މިކަމުން ސަލާމަތްވާން ކުރެވޭނެ އެއްކަމެވެ. ފެޝަން ޑިޒައިނަރަކަށް ވުމުގެ ކުރިން ސެލީން އެކި ޒާތުގެ ވަޒީފާތަކުގައި އުޅުނެވެ. ނަމަވެސް، ނިއު ޔޯކްގެ ބްރުކްލިންއަށް ބަދަލުވުމަށް ފަހު ސެލީން ފެޝަންގެ ދާއިރާއިން ކުރިއަށްދާން ނިންމި އެވެ.
ލުބްނާން މީހުންނަކީ ސަގާފަތާއި ސްޓައިލަށް ލޯބިކުރާ ބައެއްކަމަށް ސެލީން ބުންޏެެވެ. އޭނާގެ މަންމަމެން ނުވަތަ ދައްތަމެން އެންމެ ދަތި ހާލުގައި ވެސް ރީތިކޮށް ހެދުން ލެވޭތޯ މަސައްކަތްކުރެ އެވެ.
"ރީތިކޮށް ހެދުން ލުމަކީ އަހަރެމެންގެ އިއްޒަތް ހިފަހައްޓަން މުހިއްމު ކަމެއްގެ ގޮތުގައި މީހުން ގަބޫލު ކުރޭ،" އޭނާ ބުންޏެވެ.
ސެލީން ފަރުމާކުރާ ހެދުމުގެ ބާވަތްތަކަށް ހިޔާލު ހޯދަނީ އޭނާގެ ތަޖުރިބާތަކުންނެވެ. ސެލީން ފަދަ އެތައް މިލިއަން ރެފިއުޖީންނެއް އުޅެންޖެހުނު ހާލަތު ޑިޒައިނެއްގެ ގޮތުގައި ދައްކާލަން އޭނާ ބޭނުންވި އެވެ. އަދި ސްލޯ ފެކްޓަރީގެ ނަމުން އުފެއްދި ކުންފުނިން އޭނާ އެކި ވައްތަރުގެ ސްކާފް އަދި ގަހަނާ ވެސް ތައްޔާރުކުރެ އެވެ. ފަށުވިން ފަރުމާކޮށްފައިވާ ސްކާފްތަކުގައި އެކި ކަހަލަގެ ޑިޒައިން ޕްރިންޓުކޮށްފައި ހުރެ އެވެ. އަދި ހިތްވަރުގެ ރީތި މެސެޖު ވެސް ހުރެ އެވެ.
ސްލޯ ފެކްޓަރީއިން އުފައްދާ، ތަޅުދަނޑި ފުލެއް ލާފައި ހުންނަ ފަށަކީ ލުބްނާންގެ ސަގާފަތަށް ނިސްބަތްވާ ގަހަނާއެއް ކަމަށް ސެލީން ބުންޏެވެ. ލުބްނާޏްގެ އަންހެނުން އެމީހުންގެ ކަރުގައި ފަށެއް ގޮތަށް އެމީހެއްގެ ގޭގެ ތަޅުދަނޑި ކަރުގައި އަޅުވާލަ އެވެ. ސްލޯ ފެކްޓަރީގެ އެކި ޑިޒައިނާ ކަލެކްޝަންތަކުން ވިކޭ ކޮންމެ އެއްޗެއްގެ ފައިދާގެ ވަކި ޕަސެންޓެއް، ރެފިއުޖީންނަށް އެހީވުމަށް ޔުނިސެފާ އެކު މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އަނޭރާ" އަށް ހަދިޔާކުރެ އެވެ.
"ކަރުގައި ތަޅުދަނޑިއެއް އަޅާފައި އޮތުމުގެ މާނައަކީ އެމީހެއްގެ ގެއާއި ރަށުން ވަކިވެފައިވާކަން. އެކަމަކު މިއީ ހުރިހާ އެންމެން ގުޅުވާލަދޭ އެއްޗެއް،" ސެލީން ބުންޏެެވެ.