06 ޖޫން 2017 - 11:55

ލަންޑަން (ޖޫން 6) - ލަންޑަނުގައި ހަމަލާ ދިން ތިން މީހުންގެ ތެރޭން ދެ މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފައިވާ އިރު އެ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމަށް އިނގިރޭސި ވިލާތުގެ މުސްލިމު ލީޑަރުން ދެކޮޅު ހަދައިފި އެވެ.
އިނގިރޭސި ވިލާތުގައި މުސްލިމުން ތަމްސީލް ކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ މުސްލިމް ކައުންސިލް އޮފް ބްރިޓެއިން (އެމްސީބީ) އިން ވަނީ ލަންޑަނާއި މެންޗެސްޓާގައި ދިން ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ހަމަލާ ދިން މީހުންގެ މައްޗަށް ކަށުނަމާދު ނުކުރުމަށް އިނގިރޭސި ވިލާތުގެ އިމާމުންނަށް ވަނީ ގޮވާލައިފަ އެވެ.
އެމްސީބީ އިން ބުނީ ހަމަލާ ދިން މީހުންގެ މައްޗަށް ކަށުނަމާދު ނުކުރާނެ ކަމަށް ބުނެ އިނގިރޭސި ވިލާތުގެ 130 އަށް ވުރެ ގިނަ އިމާމުންނާއި ދީނީ ލީޑަރުން ސިޓީއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ލަންޑަން ބްރިޖާއި ބަރޯ މާކެޓުގައި ހޮނިހިރު ދުވަހު ހަމަލާ ދިން ދެ މީހެއްގެ މައުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. މީގެ ތެރޭން އެކަކީ 27 އަހަރުގެ ޚުރާމް ބަޓް ކިޔާ މީހެކެވެ. އޭނާ އަކީ 2015 ވަނަ އަހަރުން ފެށިގެން ފުލުހުންނަށް ފާހަގަވެފައިވާ މީހެއް ކަމަށްވެ އެވެ. އަދި ޗެނަލް 4 ގެ ޑޮކިއުމެންޓަރީއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދައެއް ހިފައިގެން އޭނާ އުޅެނިކޮށް ދައްކާފައިވެ އެވެ. ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ ބަޓަކީ ޕާކިސްތާނަށް އުފަން، މިހާރު އިނގިރޭސި ރައްޔިތެއް ކަމަށެވެ. އޭނާ މަސައްކަތް ކުރީ ފިޓްނެސް ސެންޓަރެއްގެ ރިސެޕްޝަނުގަ އެވެ.
ހަމަލާގައި ދެން ބައިވެރި ރާޝިދު ރަދުއާން، 30، އަކީ މޮރޮކޯ އަދި ލީބިއާ ދަރިކޮޅު މީހެއް ކަމަށް މެޓް ފުލުހުން ބުނެ އެވެ. ބަޓް އެކޭ އެއްގޮތަށް ރާޝިދު ވެސް ދިރިއުޅުނީ ލަންޑަނުގެ އިރުމަތީގެ ބާކިން އޭރިއާގަ އެވެ. ބަޓާ ޚިލާފަށް ރާޝިދަކީ ކުރިން ފުލުހުންނަށް ފާހަގަވެފައިވާ މީހެއް ނޫނެވެ. ހަމަލާގައި ބައިވެރިވި ތިން ވަނަ މީހާއާ ބެހޭ މައުލޫމާތު އަދި އާއްމުކޮށްފައެއް ނުވެ އެވެ.
ހަމަލާއާ ގުޅިގެން ހައްޔަރު ކުރި 12 މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.